އާއިލާގެ ބަޔަކާ އެކު މި ރޯދަ މަހު އުމްރާގެ އަޅުކަމަށް ދާން ގިނަ އަދަދެއްގެ ފައިސާ ދެއްކި ފަހުން، ނުގެންދެވޭނެ ކަމަށް އެންގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
10 މާޗް 2025
އާއިލާގެ ބަޔަކާ އެކު މި ރޯދަ މަހު އުމްރާގެ އަޅުކަމަށް ދާން ގިނަ އަދަދެއްގެ ފައިސާ ދެއްކި ފަހުން، ނުގެންދެވޭނެ ކަމަށް އެންގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އުމްރާއަށް ތައްޔާރުވި ފަހުން ނުގެންދެވޭނެ ކަން އެންގީ އަސްކޮއި ހައްޖު ގްރޫޕްގެ ހަވާލުގައި ދާން އުޅުނު ހަ މީހަކަށެވެ.
އެ އާއިލާ އިން ވާހަކަ ދެއްކި ހަލީމަތު ސިފްނީ "މިހާރު"އަށް ބުނީ އޭނާގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ އިތުރު ތިން މީހުންނާ އެކު މި ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ހައްޖު ގްރޫޕަށް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމާފައިވާ ކަމަށެވެ.
އެ ގްރޫޕަށް ފައިސާ ދެއްކީ މީހަކަށް 42،000ރ.ގެ ރޭޓުން ޖުމްލަ 252،000ރ. އެވެ.
ސިފްނީ ބުނި ގޮތުގައި އުމްރާއަށް މި މަހުގެ 16 ގައި ފުރާނެ ކަމަށް އަސްކޮއި ގްރޫޕުން އޮތީ ޔަގީންކަން ދީފަ އެވެ. އެނބުރި ރާއްޖެ އަންނާނީ ޝައްވާލް މަހުގެ ހަ ވަނަ ދުވަހު ކަމަށާއި އުމްރާއަށް ދާ މީހުންނާ އެކު މާދަމާ ޖަލްސާ ބާއްވާނެ ކަމަށް ވެސް ކުރިން އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެ ހަ މީހުންގެ ފުރަތަމަ އުމްރާ ދަތުރަށް ފައިސާ ދައްކައި ހުރިހާ ކަމެއް ހަމަޖެހުމުން މުޅި އާއިލާ އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ. އަދި ރަށުގައި ދިރިއުޅޭ އެ އާއިލާގެ އެންމެން އޮތީ މާލެ އައުމަށް ދަތުރު ހަމަޖައްސައިފަ އެވެ.
އެކަމަކު، މިއަދު މާލެ އަންނަން ހުރިހާ ކަމެއް ނިންމާފައިވަނިކޮށް ދިމާވި މައްސަލައަކުން ކަމަށް ބުނެ ފަހު 10ގެ އުމްރާއަށް ދަތުރުކުރެވެން ނެތް ކަމަށް އަސްކޮއި ގްރޫޕުން އެންގީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސިފްނީ ބުންޏެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު ސިފްނީއަށް ފޮނުވި މެސެޖުގައި ވަނީ އެ ކޮޅުން ދިމާވި ކަމެއްގެ ސަބަބުން ދަތުރަށް ވަރަށް ބޮޑަށް ބުރޫއަރައިގެން އެކަން ރަނގަޅުކުރެވޭތޯ ވަރަށް މަސައްކަތްކުރިއަސް އެކަން ހައްލުނުކުރެވޭތީ ދަތުރު ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަ ކަމަށެވެ.
"ތަކުރާރުކޮށް މައާފަށް އެދުނަސް ތިބޭފުޅުންނަށް ގަބޫލުކުރައްވަން އުނދަގޫވާނެ ތި ބޭފުޅުންގެ ފައިސާ ދެވޭނެ އެހެނަސް ދަތުރު ނުކުރެވުމުން ލިބޭ މާޔޫސްކަން ބޮޑުވާނެ ކަން ގަބޫލުކުރަން. އޭޕްރީލް 15 އަށް ވުރެ ފަސްވެދާނެ ރުފިޔާ ހަވާލުކުރަން. މައާފާއެކު އެދެން ހިތާމައާ އެކު މިކަން ގަބޫލުކޮށް ދެއްވުމަށް. ހިތާ ދެކޮޅަށް ވެސް ގަބޫލުކުރައްވައިފި ނަމަ ފަސޭހަ ކަމާއެކު ރުފިޔާ ދެވޭނެ ވާހަކަ ދަންނަވަން. ވަރަށް މައާފާއެކު ގަބޫލުކޮށް ދެއްވުން އެދެން." އެ މެސެޖުގައިވެ އެވެ.
ސިފްނީ ބުނީ ދަތުރުކުރެވެން ނެތް ކަމަށް އަސްކޮއި ގްރޫޕުން އެންގުމާ އެކު ރިފަންޑު ހަމަޖައްސައިދިނުމަށް ވެސް އެދިފައިވާ ކަމަށެވެ. އަދި ރިފަންޑު ދީފިނަމަ އެހެން ގްރޫޕެއްގެ ހަވާލުގައި ހަ މީހުންނަށް މި ރޯދަ މަހު އުމްރާއަށް ދެވެން އެބައޮތެވެ، އަވަހަށް ފައިސާ ލިބޭނެ ގޮތެއް ނެތުމުން އެ އާއިލާއިން މިހާރު ވަނީ ޕޮލިހާއި އިސްލާމިކް މިނިސްޓްރީއަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.
"މިނިސްޓްރީއަށް މައްސަލަ ހުށަހަޅައިފިއްޔާ ދަތިވެދާނެ ކަމަށް ބުނީމަ ހުށަނޭޅީ. އެކަމަކު، އަސްކޮއި ގްރޫޕަށް މުއްދަތެއް ދީފައި މައްސަލަ މިހާރު މި ހުށަހެޅީ،" ސިފްނީ ބުންޏެވެ.
އުމްރާއަށް ދާން ފައިސާ ދެއްކި ފަހުން އެތަނުން އެކަކު ވަނީ މިދިޔަ މަހުގެ 25 ގައި ނިޔާވެފަ އެވެ. މަސައްކަތުގައި އުޅެނިކޮށް ސިއްހީ މައްސަލައެއް ދިމާވެގެން މިދިޔަ މަހުގެ 19 ގައި 41 އަހަރުގެ އެ ފިރިހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން އާއިލާއިން ދިޔައީ އެކަން އުމްރާ ގްރޫޕަށް އަންގަމުންނެވެ.
އެ އާއިލާއިން ބޭނުންވީ ފިރިހެން މީހާއަށް ނުދެވިއްޖެނަމަ އޭނާގެ އަންހެނުން އުމްރާއަށް ގެންދާށެވެ. އެކަމަކު، އެކަން ވެސް ކުރެވެން ނެތް ކަމަށް އުމްރާ ގްރޫޕުން އެންގިކަމަށް ސިފްނާ ބުންޏެވެ.
އޭގެ އިތުރުން، މައިންބަފައިންގެ އުމުރުން ދުވަސްވެ އަދި ބައްޕަގެ ސިއްހީ މައްސަލަތައް ހުރުމުން އާއިލާއިން ބޭނުންވަނީ ދަތުރު ފަސްނުކޮށް ވީހާ ވެސް އަވަހަކަށް އުމްރާއަށް ދާށެވެ.
"އާއިލާގެ ބަޔަކު މީގެ ކުރިން އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ. ވަރަށް ރަނގަޅަށް ކަންތައްތައް ދިޔަ ކަމަށް ބުނީމަ ބޭނުންވީ އެ ގްރޫޕުން ދާން،" ސިފްނީ ބުންޏެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އަދި އަސްކޮއި ގްރޫޕުގެ ބަހެއް ނުލިބެ އެވެ.
މިހާތަނަށް ޖޫރިމަނާ ދެއްކީ 3 ކުންފުނިން: މިނިސްޓްރީ
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި
ހައްޖާއި އުމްރާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ
އަގު ހެޔޮ އުމްރާ ޕެކޭޖް ތައާރަފްކުރަން އެދިވަޑައިގެންފި
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
މަޝްއަރު ޓުއާސްގެ މައްސަލަ ފުލުހަށް ރިޕޯޓްކުރަނީ
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް 27 ގައި
އާ ޑިޒައިންތަކަކަށް ހަ ރަށެއްގައި މިސްކިތްތައް އަޅަނީ
މަޝްއަރު ކުންފުނީގެ ވެރިޔާ އަށް ދައުވާ ކޮށްފި
ސަމާލުވާން އެނގޭނީ އުމްރާ ކުންފުނިތައް ހާމަކޮށްގެން!