Roadha Mihaaru

ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅާއި ރަށްތަކުގެ ތެރެއިން ޓޫރިޒަމަށް ދޫކުރާ ތަންތަން ރައީސަށް ކަނޑައެޅޭ ގޮތަށް ބިލެއް

މީހުން ދިރިއުޅޭ ރަށްރަށުގެ ލޯކަލް ކައުންސިލްތަކުގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ބޭނުންކުރަން ކަނޑައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

11 މާޗް 2025

މީހުން ދިރިއުޅޭ ރަށްރަށުގެ ލޯކަލް ކައުންސިލްތަކުގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ބޭނުންކުރަން ކަނޑައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.

ޓޫރިޒަމާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ޓޫރިޒަމް ޕްލޭން ހަދައި، އެތަންތަން ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު އޮންނަނީ ކައުންސިލްތަކަށެވެ.

ނަމަވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުތަކާއި ފަޅު ރަށްތަކުގެ ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ދޫކުރެވޭ ތަންތަން ކަނޑައެޅުމުގެ ބާރު އޮންނާނީ ރައީސަށެވެ.

އެ ބިލްގައި ހިމެނޭ ދެވަނަ އިސްލާހަކީ ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއް 50 އަހަރަށް ދިނުމަށް ފަހު، އެ އިސްލާހަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެތަނުގެ މުއްދަތު އިތުރު 49 އަހަރަށް އިތުރުކުރާ ނަމަ، އެއް ފަހަރާ ފަސް މިލިއަން ޑޮލަރު ދައްކަން ޖެހުމެވެ. އަދި އެ މުއްދަތު 20 އަހަރަށް އިތުރުކުރާ ނަމަ 2.5 މިލިއަން ޑޮލަރު އަދި 25 އަހަރަށް މުއްދަތު އިތުރުކުރާ ނަމަ ތިން މިލިއަން ޑޮލަރު އެއް ފަހަރާ ދައްކަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ނަމަވެސް އެ އިސްލާހަށް އަމަލުކުރަން ފަށާތާ ހަ މަސް ފަހުން 49 އަހަރަށް މުއްދަތު އިތުރު ކުރެވޭނީ ފީއެއްގެ ގޮތުގައި އެއްފަހަރާ 10 މިލިއަން ޑޮލަރު ދައްކައިގެން ކަމަށް އެ އިސްލާހުގައިވެ އެވެ.

ކުރިން ގާނޫނުގައިވާ ގޮތުން، ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން ދައްކަން ޖެހޭ ފީއެއްގެ ގޮތުގައި މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދައްކަން ޖެހެނީ އެއް ލައްކަ ޑޮލަރެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ އެވެ. އަދި ހަ މަހަށް ވުރެ ދިގު މުއްދަތަކުން އެ ފައިސާ ދައްކާނަމަ، ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރުގެ ރޭޓުން ފީއެއް ދައްކަން ޖެހެ އެވެ.

ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ ރީ ޑިވަލޮޕް ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތަށް ހުށަހެޅި އިސްލާހެވެ. އެ އިސްލާހުގައިވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަނެއް އަލުން މަރާމާތު ކުރަންވާނީ އެގްރީމެންޓަށް ބަދަލުތަކެއް ގެނެސްގެން ޓޫރިޒަމް މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެތަނެއް ނުހުޅުވައިފިނަމަ، އެ އެގްރީމެންޓް ބާތިލް ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އިސްލާހުގައިވެ އެވެ.