Roadha Mihaaru
ޓޫރިޒަމްދާއިރާގެ އިހުމާލު މަޖިލީހުން ބަަލަން ހުށަހަޅައިފި

ޓޫރިޒަމް ދާއިރާގެ އިހުމާލުތައް މަޖިލީހުން ބަލަން ހުށަހަޅައިިފި

10 ނޮވެމްބަރ 2020

ކޮވިޑް-19 ގެ ބަލިމަޑުކަން މެނޭޖު ކުރުމުގައި ބައެއް ރިސޯޓުތަކުން އިހުމާލު ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ބަލަން ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް މިއަދު ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ބަލިމަޑުކަން މެނޭޖު ކުރުމުގައި ބައެއް ރިސޯޓުތަކުން އިހުމާލު ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ބަލަން ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް މިއަދު ހުށަހަޅުއްވައިފި އެވެ.

އޭނާ އެކަން ހުށަހެޅުއްވީ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރި، އާދަމް ނަސީރުގެ މަރާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

ޔާސިރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަން ފުރަތަމަ ފެށުނު އިރު ވެސް އެކި އެކި އިހުމާލުތަކުގެ ތުހުމަތު ކުރެވުނު ކަމަށާއި އެ ކަންތައްތައް ބަލާ ވާހަކަ އޭރު ވެސް ދެއްކެވުނު ކަމަށެވެ. އެކަމަކު، އެ މައްސަލަަތަކަށް ވީ ގޮތެއް އަދިވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކަންތައް މިއަދު އަޅުގަނޑުމެން ވާހަކަ ދައްކާފައި ނިމިގެން ނުދާނެ ގޮތަކަށް، އަޅުގަނޑު ހުށަހަޅަން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން މި ކަންތައް ބައްލަވައި ދެއްވުމަށް،" ޔާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މައްސަލަތައް ބަލަން ގިނަ މުއައްސަސާތައް ހުރި ނަމަވެސް އެ ކަމެއް ނުވެ އެވެ. އަދި މައްސަލައެއް ހުށަހަޅަން ރައްޔިތުންނަށް ފަސޭހަ ވެސް ނޫން ކަމުގެ ކަންބޮޑުވުން ޔާސިރު ފާޅުކުރެއްވި އެވެ.

އަޅުގަނޑަށް ޔަގީނޭ މިއީ [ދޮން ނަސްލުގެ] ބިދޭސީ މީހަކަށް ދިމާވި ކަމެއް ނަމަ ޑޮކްޓަރަށް ދައްކައި، މި ހުރިހާ ކަމެއް ކުރާނެ. އެކަށީގެންވާ ބޭސްްފަރުވާ ވެސް ކޮށްދޭނެ. އެހެން ނަމަވެސް އޭނާ [އާދަމް ނަސީރު] އެއީ ދިވެއްސަކަށް ވީތީއޭ އަޅުގަނޑު ދަންނަވާނީ އެކަން އެގޮތަށް ނުކޮށް އެ އޮތީ---މުހައްމަދު އަބްދުﷲ ޝަފީގް

ޔާސިރު ހުށަހެޅުއްވި ގޮތަށް މަޖިލީހުގެ ކޮމިޓީތަކުން ބަލަން ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް ތާއީދު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ކަނޑިންމައިގެ މުވައްޒަފުގެ މަރުގެ މައްސަލަ އާމިރު މަޖިލީހަށް ހުށަހެޅުއްވި ބޭނުމަކީ ވެސް އެކަން ބަލައި، މަޖިލީހަށް އެކަމުގައި ފެންނަ ގޮތް ސަރުކާރަށް ހުށަހެޅުމުގެ މަގުސަދުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގައި ތަފާތުކުރުން ބޮޑުކަމަށް

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގައި ތަފާތުކުރުން ބޮޑުކަމަށް

ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވިދާޅުވީ، ކަނޑިންމައިގެ މުވައްޒަފަށް ދިމާވި ގޮތް އެއީ އެންމެ މީހެއްގެ މައްސަލައެއް ނޫން ކަމަށާއި އެ މުވައްޒަފަށް ފަރުވާ ނުލިބުނީ ރިސޯޓްތަކުގައި އޮންނަ ނަސްލީ އިމްތިޔާޒުގެ ސަބަބުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރިސޯޓްތަކުގައި ދޮންމީހުންނާއި ކަޅުމީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށާއި ނިދުމާއި ކެއުންބުއިމުގައި ވެސް އެ ތަފާތު ގެންގުޅޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީނޭ މިއީ [ދޮން ނަސްލުގެ] ބިދޭސީމީހަކަށް ދިމާވި ކަމެއް ނަމަ ޑޮކްޓަރަށް ދައްކައި، މި ހުރިހާ ކަމެއް ކުރާނެ. އެކަށީގެންވާ ބޭސްފަރުވާ ވެސް ކޮށްދޭނެ. އެހެން ނަމަވެސް އޭނާ [އާދަމް ނަސީރު] އެއީ ދިވެއްސަކަށް ވީތީއޭ އަޅުގަަނޑު ދަންނަވާނީ އެކަން އެގޮތަށް ނުކޮށް އެއޮތީ،" މޯޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެގޮތަށް ތަފާތުކުރުން، ރިސޯޓުތަކުގައި ކުރިއްސުރެ ވެސް އޮވެ އެވެ. އެ ވާހަކަ މުވައްޒަފުން އަބަދުވެސް ދައްކަ އެވެ. ނަމަވެސް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އެ ޝަކުވާތައް ނުބަލާ ކަމަށް މޯޑު ވިދާޅުވި އެވެ. ދިވެހިންނަށް އިސްކަންދިނުމާއި ގަވައިދުތަކެއް ހަދާ ވާހަކަ ދޭތެރެއަކުން އަޑުއިވޭ ކަމަށާއި ނަމަވެސް އެކަން ތަންފީޒު ނުވާ ކަމަށް ވިދާޅުވި އެވެ.

"އެ އިސްކަން ދިނުން މި އޮންނަނީ ފޮތެއްގައި ނޫނީ ގަނޑެއްގައި ލިޔެވިފައި އޮންނަ އެއްޗެއްގެ ގޮތުގައި،" މޯޑް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓްތަކުގައި ކަންތައްތައް ހިނގާ ގޮތް ސަރުކާރަށް ނުބެލޭ ކަމަށް ދެކެވަަޑައިގަންނަވާ ކަމަށާއި ހިތާމަވެރި ކަންތައްތައް ހިނގަނީ އެހެންވެ ކަމަށެވެ.

"މިއަދު ވެސް ރަށްރަށުގައި، ރިސޯޓްތަަކުގައި ވަަރަށް ބަލިވެ އުޅޭ މީހުން ތިބުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެންނަށް އެ ކަންކަން ބެލޭނެ ގޮތެއް ނެތްކަން މިއަދު އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މި ދަނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކަނޑިންމައިގެ މުވައްޒަފުގެ މަރާ ގުޅިގެން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް މިއަދު ބަލައިގަތީ ޖަލްސާގައި އެ ވަގުތު ތިއްބެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް އެ މައްސަލައިގެ ބަހުސްގައި ބައިވެރިވެވަަޑައިގެންނެވީ ވަރަށް މަދު މެމްބަރުންތަކެކެވެ.