Roadha Mihaaru

ހޯމް އެންޑް އަވޭ ފޯމެޓްގައި ކުލައެއް ނުޖެހުނު، ސާފް ޗެމްޕިއަންޝިޕް ބާއްވަން ލަންކާ އަށް

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓަށް ބާއްވަން ކުރިން އިއުލާން ކުރި ނަމަވެސް، އެ ހިޔާލު ހަގީތަކަށް ނުވެ، ސެންޓްރަލައިޒް އުސޫލުން މުބާރާތް ބާއްވަން ލަންކާ އަށް ފުރުސަތު ދީފި އެވެ.

ހޯމްއަވޭ ފޯމެޓް ފެނަށް، ސާފް ޗެމްޕިއަންޝިޕް ލަންކާއަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 މާޗް 2025

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓަށް ބާއްވަން ކުރިން އިއުލާން ކުރި ނަމަވެސް، އެ ހިޔާލު ހަގީތަކަށް ނުވެ، ސެންޓްރަލައިޒް އުސޫލުން މުބާރާތް ބާއްވަން ލަންކާ އަށް ފުރުސަތު ދީފި އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ބޭއްވި ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ ބައްދަލުވުމުގައި ނިންމީ ލަންކާގައި މުބާރާތް ބޭއްވުމަށެވެ. މުބާރާތް ބާއްވާނީ ޖޫން މަހު އެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ލަންކާގައި ބާއްވަން ފުރުސަތު އެ ގައުމަށް މި ލިބުނީ 17 އަހަރަށް ފަހު އެވެ.

އެ ގައުމުން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2008 ގައި ރާއްޖެއާ ގުޅިގެން ދެ ގައުމުގަ އެވެ. އެ ފަހަރިގެ މުބާރާތުގެ ފައިނަލް މެޗު ލަންކާގެ މަޝްހޫރު ސުގަތަދާސް ސްޓޭޑިއަމްގައި ކުޅެ ރާއްޖޭން މުބާރާތް ކާމިޔާބު ކުރީ އިންޑިއާ ބަލި ކުރުމަށް ފަހު އެވެ.

ލަންކާގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ލިބުމުން، އެ ގައުމުގެ ފުޓްބޯޅަ އިދާރާގެ ރައީސް ޖަސްވާރު އުމަރު ވިދާޅުވީ ލަންކާގެ ފުޓްބޯޅައިގެ އެއް ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށެވެ.

ލަންކާގެ ފުޓްބޯޅަ ޓީމު

ލަންކާގެ ފުޓްބޯޅަ ޓީމު

ލަންކާގެ ފުޓްބޯޅައިގެ ވިޝަންގެ ގޮތުގައި ޖަސްވާރު ވަނީ ޓާގެޓްތަކެއް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ސާފް ޗެމްޕިއަންޝިޕް އަލުން އެ ގައުމުގައި ބޭއްވުމެވެ.

ހޯމް އެންޑް އަވޭ ފޯމެޓް ކޮޅެއްގައި ނުޖެހުނީ ލޮޖެސްޓިކް ހަރަދުތައް ބޮޑުވުމުންނެވެ. ޖަނަވަރީ މަހު އިއުލާން ކުރި އުސޫލުގައި ބުނެފައި ވަނީ އިންޑިއާ އާއި ޕާކިސްތާން ބައްދަލު ކުރާ ދެ ލެގްގެ މެޗު ކުޅެން ޖެހޭނީ ނިއުޓްރަލް ވެނޫއެއްގައި ކަމަށެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ވާދަވެރިކަމުގެ ކޯޅުން ކުޅިވަރު އިވެންޓްތަކަށް ވަނީ ކޮށްފަ އެވެ.

މިފަހަރު ނިމިގެން ދިޔަ ކްރިކެޓްގެ އައިސީސީ ޗެމްޕިއަންސް ޓްރޮފީ މުބާރާތް ޕާކިސްތާނުގައި ބޭއްވި އިރު އެ ގައުމަށް ދަތުރު ކުރަން އިންޑިއާއިން ދެކޮޅު ހެދުމުން އެ ޓީމުގެ މެޗުތައް ކުޅެން ޖެހުނީ ދުބާއީގަ އެވެ. އިންޑިއާ ފައިނަލަށް ދަތުރު ކުރުމުން ފައިނަލް މެޗު ވެސް ކުޅުނީ ދުބާއީ ކްރިކެޓް ސްޓޭޑިއަމްގަ އެވެ.