Roadha Mihaaru

ބިލް ތަސްދީގު ނުކުރަން އޭޖީ ލަފާއެރުވީ ފަނޑިޔާރުންގެ ސުލޫކުގެ އުސޫލާ ފުށުއަރާ ކަމަށް ފެންނާތީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވަން ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ލަފާއެރުވީ، ފަނޑިޔާރުން ވަކިކުރުމުގެ އުސޫލާ ފުށުއަރާ ކަމަށް ފެންނާތީ ކަމަށް އެ އޮފީހުން މިރޭ ބުނެފި އެވެ.

ބިލް އަނބުރާ ފޮނުވީ، ސުލޫކުގެ އުސޫލާ ފުށުއަރާތީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވަން ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ލަފާއެރުވީ، ފަނޑިޔާރުން ވަކިކުރުމުގެ އުސޫލާ ފުށުއަރާ ކަމަށް ފެންނާތީ ކަމަށް އެ އޮފީހުން މިރޭ ބުނެފި އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ، ހުށަހެޅުއްވި އެ ބިލް ފާސްކުރީ މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގަ އެވެ.

އެކަމަކު، ބަންޑާރަ ނައިބު ދެއްވި ލަފައަށް ބުރަވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފަ އެވެ.

ބަންޑާރަ ނައިބު އުޝާމްގެ ލަފާގައިވާ ގޮތުން، ސުުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ގާބިލް ނޫން ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ކުރާއިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވެ މަސައްކަތް ކުރައްވާހާ ހިނދަކު އެ ފަނޑިޔާރުން ވަކިކުރަން އެ ކޮމިޝަނުން ހުށަހެޅިދާނެ ކަމަށް އޭނާ އަށް ފެނިވަޑައެއް ނުގަންނަވަ އެވެ.

އަދި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން މިހާރު ބަލަމުން ދާއިރު، އެ މައްސަލަތަކާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އަދި ބިލްގައި ބަޔާންކޮށްފައިވާ ގޮތަށް، މަގާމަށް ގާބިލް ނޫން ފަނޑިޔާރުން ފަސް ދުވަހުގެ މުއްދަތު ތެރޭގައި ކަނޑައެޅުމަކީ އުސޫލުން ބޭރު ކަމެއް ކަމަށް ފާހަގަވާ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.

އުޝާމްގެ ލަފާގައި ފާހަގަކުރައްވާފައިވާ ގޮތުން، ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުން ބޭރު ނުވެ، މަސައްކަތް ކުރައްވާހާ ހިނދަކު، ފަނޑިޔާރަކު މަގާމުން ވަކި ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެހެންވެ، ބިލްގައި މިހާރު ކަނޑައަޅާފައިވާ ގޮތަށް އަމަލު ކޮށްފި ނަމަ އެ އުސޫލާ ފުށުއަރާނެ ކަމަށާއި އިންސާފުވެރިކަމާ އެކު ހުރިހާ ފަނޑިޔާރުން ޝާމިލްވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގާބިލްކަން ކަނޑައެޅުމުގެ ފުރުސަތު ގެއްލިދާނެ ކަން ވެސް ބިލުން ފާހަގަކުރެއްވޭ ކަމަށް އުޝާމް ވިދާޅުވި އެވެ.

އެ ކަންކަމަށް ރިއާޔަތް ކުރައްވައި ބަންޑާރަ ނައިބު އުޝާމްގެ ލަފާގައި ވިދާޅުވީ، އެ ބިލް ތަސްދީގު ކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެ އިސްލާހު ގެނައީ މަޖިލީހަށް އިންތިހާބުކުރާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އެ މައްސަލައާ ގުޅިގެން، އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރަކަށް އެދުމުން އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގައި އަޑުއެހުމެއް އެ ދުވަހު ތާވަލް ކޮށްފައި ވަނިކޮށް، އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުއްލި ގޮތަކަށް ޖޭއެސްސީން ސަސްޕެންޑްކުރި އެވެ.

އެ "ހޫނުގަނޑު" ގެ ތެރޭގައި ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގެންފަ އެވެ.