Roadha Mihaaru

ލީގު ބުރުގެ އެއްވަނަ ހޯދި ލިވަޕޫލް ޕީއެސްޖީ އަތްދަށުވެ ކަޓައިފި

ލިވަޕޫލް (މާޗް 12) - ޕެނަލްޓީޝޫޓް އައުޓްގައި ޖިއާންލުއީޖީ ޑޮނަރުއްމާގެ ސޭވްތަކުން ލިވަޕޫލް ކަޓޫވާލުމަށް ފަހު ޕީއެސްޖީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

12 މާޗް 2025

ލިވަޕޫލް (މާޗް 12) - ޕެނަލްޓީޝޫޓް އައުޓްގައި ޖިއާންލުއީޖީ ޑޮނަރުއްމާގެ ސޭވްތަކުން ލިވަޕޫލް ކަޓޫވާލުމަށް ފަހު ޕީއެސްޖީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގެ އާ ފޯމެޓްގައި ލީގު ބުރުގެ އެއްވަނަ ލިވަޕޫލުން ހޯދީ އެ ބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބުކޮށްގެންނެވެ. ވާދަވެރިކަން ބޮޑު ލީގު ބުރުގައި އެ ޓީމުން ދެއްކި ކުޅުމާ އެކު މުބާރާތުގެ ޓޯޕް ފޭވަރިޓްގެ ގޮތުގައި ގަދަ 16 އަށް ދަތުރު ކުރީ ލިވަޕޫލެވެ.

ލިވަޕޫލްގެ މައްޗަށް ޕެނަލްޓީޝޫޓްއައުޓްގައި ޕީއެސްޖީން ކާމިޔާބު ހޯދީ 4-1 ންނެވެ.

މި ދެ ޓީމު ޕެރިހުގައި ކުޅުނު މެޗުން އެޑްވާންޓޭޖް ހޯދީ ލިވަޕޫލެވެ. މާސީސައިޑްގައި ރޭ ކުޅުނު މެޗުގައި އެޑްވާންޓޭޖް ޕީއެސްޖީން ނެގީ އުސްމާން ޑެމްބެލޭ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޖެހި ލަނޑުންނެވެ.

ޕެރިހުގައި ކުޅުނު މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދީ ޕީއެސްޖީންނެވެ. އެ މެޗުގައި ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ ގިނަ ސޭވްތަކެއް ކުރި އެވެ.

ރޭގެ މެޗުގައި ލިވަޕޫލުން އުފެއްދި ހަމަލާތައް ހުއްޓުވަން، ޑޮނަރުއްމާ ގިނަ ސޭވްތަކެއް ކުރަންޖެހުނެވެ. ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނީ މެޗުގެ 90 މިނެޓްގެ ކުޅުމަށް ބަލައި ލިވަޕޫލަށް މޮޅުވުން ހައްގު ކަމަށެވެ.

އެކަމަކު އެގްރިގޭޓް ނަތީޖާ އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ޕީއެސްޖީ ފެނުނީ މާ ވަރުގަދަކޮށެވެ. ނަމަވެސް ޕެނަލްޓީޝޫޓްއައުތާ ހަމައަށް ނުގޮސް ނަތީޖާ ކަނޑައެޅޭނެ ގޮތެއް ނުވި އެވެ.

ޑޮނަރުއްމާ އަށް ތައުރީފު އޮހުނީ ލިވަޕޫލްގެ ދެ ޕެނަލްޓީ އޭނާ ހުއްޓުވުމުންނެވެ. ޑާވިން ނުނެޒް އާއި ކާޓިސް ޖޯންސްގެ ޕެނަލްޓީ، ޑޮނަރުއްމާ މަތަ ކުރި އެވެ.

ނުނެޒްގެ ޕެނަލްޓީ އޭނާ މަތަކުރުމުން ޕީއެސްޖީ މެޗު ކާމިޔާބު ކުރަން ފުރުސަތު ލިބުނެވެ. އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ޑިޒަޔާ ޑޫއީ ޕެނަލްޓީ ވައްދާލައި ޕީއެސްޖީ އަށް މެޗު ކާމިޔާބުކޮށްދިނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި 15 ޕޮއިންޓްގެ ބޮޑު ލީޑެއްގައި އޮތް ލިވަޕޫލަކީ ލީގުގެ ފޭވަރިޓެވެ. އެކަމަކު ސީޒަނުގެ ތިން ތަށި ހޯދަން އެ ޓީމުން ކުރި އުއްމީދަށް ރޭ ނިމުން އައީ އެވެ. އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި އަންނަ އާދިއްތަ ދުވަހު ނިއުކާސަލް އާ ދެކޮޅަށް ލިވަޕޫލް ނުކުންނާނެ އެވެ.