Roadha Mihaaru

ސުޕްރީމް ކޯޓުގައި ތަޅު އެޅުވީ ކަމަށް ވިދާޅުވެ އިބްރާ ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި "ތަޅު އެޅުވުން" ކަމަށާއި އެހެންވެ، އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

އިބްރާ ހުށަހެޅި ދުސްތޫރީ މައްސަލަ ކޯޓުން ބަލައެއްނުގަތް
ނާޒިމް ހަސަން
ނާޒިމް ހަސަން

13 މާޗް 2025

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި "ތަޅު އެޅުވުން" ކަމަށާއި އެހެންވެ، އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ދައުލަތުގެ އެއް ބާރު ހުއްޓުވާލާފައިވާ ކަމަށް ބުނެ އިބުރާ ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ގާނޫނުއަސާސީއާ ތައާރަޒުވާ ގޮތަށް ހިންގާފައިވާ އަމަލެއް ބުނެދެވިފައިނުވާ ކަމަށް ބުނެ އެވެ.

މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާ އެ މައްސަލަ ހުށަހަޅުއްވީ އިންތިހާބުވިއިރު ހުރި ސިޔާސީ ޕާޓީ ބަދަލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަން ފެށުމާއެކު އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުންނެވެ.

ސަސްޕެންޑްކުރީ ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. އޭގެ ތެރެއިން ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް ގޮތަކަށް ފާސްކުރި އެ ބިލް ތަސްދީގު ނުކުރައްވައި ރައީސް ވަނީ އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ.