Roadha Mihaaru
"މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު"

މަސައްކަތް މި ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކު: އުއްތަމަ ފަނޑިޔާރު

16 ޖުލައި 2023

އަދުލުއިންސާފު ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ދަނީ ވަރަށް އިހްލާސްތެރިކަމާ އެކު ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އަދުލުއިންސާފު ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ދަނީ ވަރަށް އިހްލާސްތެރިކަމާ އެކު ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، "ކޯޓަށް ފަރިތަ"ގެ ނަމުގައި އާންމުން ހޭލުންތެރިކުރުމަށް ޝަރުއީ ދާއިރާއިން ހިންގާ ކެމްޕެއިން އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއީ އެމެރިކަން ބާ އެސޯސިއޭޝަނާ ގުޅިގެން ޔޫއެސްއެއިޑްގެ އެހީއާ އެކު ފެށި ކެމްޕެއިނެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޝަރުއީ ދާއިރާގެ މަސައްކަތަކީ ޒިންމާދާރުކަން ބޮޑު މަސައްކަތެއް ކަމަށާއި އަދުލުއިންސާފު ގާއިމް ކުރެވޭނީ ހުރިހާ އެންމެން ވެސް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

"އިންސާފު ލިބޭނެ އެންމެހާ ގޮތްތަކަކީ ކޮބައިތޯ ބަލައި އެންމެ އިހްލާސްތެރިކަމާ އެކު ސާފު ސީދާކޮށް އަޅުގަނޑުމެންގެ ކުރިމައްޗަށް މި ހުށަހެޅޭ މައްސަލަތަކަށް ހައްލު ހޯދައިދިނުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް މިކުރަނީ ހިދުމަތެއްގެ ގޮތަށް، ވަރަށް އިހްލާސްތެރިކަމާ އެކު، ދެފަރާތުން ދައްކާ ވާހަކަތައް އަހައި، އަޅުގަނޑުމެންގެ ކުރިމަތީގައި މި ހުންނަ ގާނޫނުތަކަކީ ކޮބައިތޯ ބަލައި އެ ގާނޫނުތައް އެ އަށް ތަތުބީގުކޮށް ދެ ފަރާތުގެ މެދުގައި އުފެދިފައި ހުންނަ ދައުވާއަށް ހައްލެއް މި ހޯދައިދެނީ."

އުއްތަމަ ފަނޑިޔާރު ވިދާޅުވިގޮތުގައި، ފަނޑިޔާރުކަން ކުރާއިރު އެންމެ މުހިންމު އެއް ކަމަކީ އާންމުންނަށް ކޯޓުން ދޭ ހިދުމަތްތައް ކޮބައިކަން އެނގި، އެ ހިދުމަތްތައް ލުއިފަސޭހަކަމާ އެކު ފޯރުކޮށްދިނުމެވެ.

"ކޯޓަށް ފަރިތަ" ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"ކޯޓަށް ފަރިތަ" ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"ކޯޓުތަކުން އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތަކާއި އަޅުގަނޑުމެން ކިޔައިދޭންޖެހޭ ކިޔައިދިނުންތަކާއި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ނަމަ އެ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ. މި ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކީ ކޮބައިކަން އެނގެން ޖެހޭނެ. އަދި އެ ފަރާތްތަކަށް ލިބޭނެ އެންމެ ފަސޭހަ ލުއި ހައްލަކީ ކޮބައިކަން އެނގި އެކަމުގެ ބޭނުން ހިފުމުގަ އަޅުގަނޑުމެންނަށް އެހީތެރިވެވެން އޮތް އެންމެ ބޮޑަކަށް ވާންޖެހޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މި ކެމްޕެއިނުން އާންމުންނަށް ޝަރުއީ ދާއިރާއާ ގުޅޭ މައުލޫމާތު ލިބި، އެ އިން ފައިދާތަކެއް ކުރާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ކޯޓަށް ފަރިތަ މި ހޭޝްޓެގާ އެކު މި ފަށައިގަނެވުނީ ވަރަށް ވެސް މުހިންމު މަސައްކަތެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ އައިޝަތު ރިޒްނާ ވިދާޅުވީ މި ކެމްޕެއިނަކީ ކޯޓުތަކުގެ ހިދުމަތްތަކާއި ޝަރުއީ ދާއިރާގެ މަސައްކަތަތްތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމުގެ ކެމްޕެއިނެއް ކަމަށެވެ. ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ މެދު އަހުލުވެރިވުން އިތުރުވުމަކީ، ރިޒްނާ ވިދާޅުވި ގޮތުގައި ހިދުމަތްތަކާ މެދު ހިތްހަމަޖެހި، ޝަކުވާތައް މަދުވާނެ ކަމެކެވެ.

"އެތައް އާންމު ރައްޔިތުންގެ ކަންބޮޑުވުމަކީ މައްސަލަތަކާއި އެ މައްސަލަތައް ހުށަހެޅުމަށް ފަހު އެކަންކަމުގައި ދެން ކުރިއަށްދާންވީ ގޮތުގެ މައުލޫމާތު ހޯދުމުގައި ދިމާވާ ދަތިތައް. މި ކެމްޕެއިނަކީ މިކަމަށް ކޮންމެ ވެސް ވަރެއްގެ އަލިމަގެއް ލިބިގެންދާނެ ކަމެއް،" ރިޒްނާ ވިދާޅުވި އެވެ.