Roadha Mihaaru
ޖޭއެސްސީ ދަށަށް ޑީޖޭއޭ ގެންދިއުން: މައްސަލަ ބޭރުކޮށްފި

ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ގެންދިޔަ މައްސަލަ ބަލަން ޖެހޭނީ ހައި ކޯޓުން: ސުޕްރީމް ކޯޓް

28 އެޕްރީލް 2021

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ހިންގުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ބަދަލުކުރި މައްސަލަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށް ނިންމައި، ސުޕްރީމް ކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ހިންގުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ބަދަލުކުރި މައްސަލަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށް ނިންމައި، ސުޕްރީމް ކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލައިފި އެވެ.

ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާބެހޭ ކަންކަން ބަލަހައްޓަން ސުޕްރީމް ކޯޓުގެ ދަށުން ކުރިން ހިންގަމުން ދިޔަ ޑީޖޭއޭއަކީ ޖޭއެސްސީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ހަމަޖެއްސީ ޖޭއެސްސީގެ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހަކުންނެވެ. އެ އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފް އިސްލާހުތަކެއް ކަމަށް ބުނެ އެ އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވަކީލް އަލީ ޝާހު އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކޯޓުތަކުގެ ގާނޫނު އޮތްގޮތުން އެ ކޯޓުގެ އަސްލީ އިހްތިސާސްގެ ދަށުން އެ ކޯޓުން ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ މައްސަލަތައް ހިނގައިދާނެ މައްސަލަތަކާއި އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލަތައް އެކަނި ކަމަށެވެ. އެކަމަކު އެ މައްސަލައަކީ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ މައްސަލައެއް ނޫން ކަމަށާއި އެހެންވެ، އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.