Roadha Mihaaru
މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން ދެނީ

މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން ދޭން ފަށައިފި

15 މާޗް 2017

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫ އާއި ހުމާއި ރޯގާ އިން ދިފާއުވުމުގެ ގޮތުން މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން ދޭން ފަށާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫ އާއި ހުމާއި ރޯގާ އިން ދިފާއުވުމުގެ ގޮތުން މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން ދޭން ފަށާފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވި ގޮތުގައި މާބަނޑު ކޮންމެ މީހަކަށް އިންފުލުއެންޒާ ވެކްސިން ދޭން ވަނީ ނިންމައިފަ އެވެ.

އެ ގޮތުން އައިޑީ ކާޑާއި ޕްރެގްނަންސީ ކާޑު ހިފައިގެން އައިޖީއެމްއެޗްގެ މާބަނޑު މީހުންގެ ކްލިނިކަށް ދިއުމުން އިންފުލުއެންޒާ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ވެކްސިން ޖެހޭނެ އެވެ.

"ވެކްސިނެއްގެ އަގަކީ 130ރ. މިއީ އާސަންދަ ކަވަރު ކުރާ ވެކްސިނެއް ނޫން. އެކަމަކު ޖަހައިދިނުމަށް އެއްވެސް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވޭ،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރަމުން އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން އެ ތަނުގެ ލަފާގެ މަތިންނެވެ.

ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫގައި މި ވަގުތު އެންމެ ހާލު ބޮޑީ ވެސް މާބަނޑު މީހެކެވެ. އަދި ސްވައިން ފްލޫ ޖެހުނު މާބަނޑު މީހާ އާއި ސިޒޭރިއަން ހަދައިގެން ނެގި އޭނާގެ ދަރިފުޅުގެ ހާލު ވެސް ވަރަށް ދެރަ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

މި ރޯގާގައި، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 1،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. މާލޭގައި ހުން ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗާއި އޭޑީކޭގައި ހާއްސަ ކްލިނިކެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ.

އެޗް1އެން1 އަށް ޝައްކު ކުރެވިގެން މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު ބަލި ޖެހުނު އެކަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ހުން ފެތުރޭތީވެ ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.