Roadha Mihaaru
އެޗް1އެން1 ގިނަ މީހުންގެ ފަރާތުން ނުފެނޭ: ނިޔާފް

ހުން ޖެހިގެން އަންނަ ގިނަ މީހުންގެ ފަރާތުން އެޗް1އެން1 ގެ އަލާމާތްތައް ނުފެނޭ: ޑރ. ނިޔާފް

17 މާޗް 2017

ރާއްޖޭގައި ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އަށް ޝައްކު ކުރެވިގެން ފްލޫ ކްލިނިކްތަކަށް ދާ ގިނަ މީހުންގެ ފަރާތުން އެ ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އަށް ޝައްކު ކުރެވިގެން ފްލޫ ކްލިނިކްތަކަށް ދާ ގިނަ މީހުންގެ ފަރާތުން އެ ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާދައިގެ އަރިދަފުސް ރޯގާ އާއި އެޗް1އެން1 ގެ އަލާމާތްތައް ވަރަށް އެއްގޮތެވެ. އެހެންވެ ބަލީގެ އަލާމާތްތަކަށް ބަލައިގެން ބަލި ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާތީ، ފްލޫ ކްލިނިކްތަކުން ހިދުމަތް ހޯދަމުން އަންނަ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ޓާސްކް ފޯހުން އިއްޔެ ބޭއްވި މީޑިއާ ސެޝަނެއްގައި ވާހަކަ ދައްކަވަމުން، ނިޔާފް ވިދާޅުވީ ހުން ނުވަތަ ރޯގާ ޖެހިގެން އަންނަ ކޮންމެ މީހަކު އެޗް1އެން1 ގެ ޓެސްޓް ހަދަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއިން ކޮންމެ މީހަކީ އެ ޓެސްޓް ހަދަން ޖެހޭ ބައެއް ނޫން ކަމަށާއި އެމީހުންނަށް ބޭސް ދީގެން ރަނގަޅު ކުރެވޭނެ ކަމަށް ނިޔާފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންފްލުއެންޒާ އަށް ޝައްކު ކުރެވޭ މީހެއް ނަމަ، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސްކްރީން ކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. އަދި އެއީ ސިއްހީ ގޮތުން ނުރައްކާތެރި މީހެއްތޯ އާއި ބަލި އިތުރަށް ގޯސްވަމުން ދޭތޯ ކައިރިން ބަލާނެ ކަމަށް ވެސް ޑރ. ނިޔާފް ވިދާޅުވި އެވެ.

"ބަލި މީހުންގެ ތެރެއިން އެޗް1އެން1 ބައްޔަށް ހަމަވާން ޖެހޭ ޝަރުތުތަކެއް ގިނަ މީހުންގެ ހަމަނުވޭ. އެހެންވީމަ އެއީ އިންފްލުއެންޒާ ގޮތަށް ސްކްރީން ކުރަން ޖެހޭ ބައެއް ނޫން،" ނިޔާފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑޮކްޓަރަށް ދައްކަން ގިނަ ބަޔަކު ކްލިނިކްތަކަށް ދިއުމަކީ ބަލި ދެނެގަނެވުނަސް، އާންމުންގެ ތެރޭގައި ހޭލުންތެރި ކަން ހުރި މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ހުމާއި ރޯގާ ޖެހިގެން ހޮސްޕިޓަލްތަކަށް ދާ މީހުން ޓެސްޓް ހެދުމަށް ޑޮކްޓަރުންނަށް ޕްރެޝަރު ކުރާ ކަމަށެވެ. އެހެންވެ، ޑޮކްޓަރުންގެ އިރުޝާދުގެ މަތިން އަމަލުތައް ބެހެއްޓުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗް1އެން1 ޖެހުމުން ނުރައްކާ އެންމެ ބޮޑީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި މާބަނޑު މީހުންނާއި ފުއްޕާމޭ، ހިތް، ފުރަމޭ، ލޭ، ނާވަސް ސިސްޓަމް، ނިއުރޯމަސްކިއުލާ ނުވަތަ މެޓަބޮލިކް މައްސަލަތައް ހުންނަ ބޮޑެތި މީހުންނާއި ކުޑަކުދިންނަށާއި ދިފާއީ ބާރު ދެރަ ކުޑަކުދިންނާއި މީހުންނަށް އަދި ދާއިމީކޮށް ފަރުވާ ހޯދަންޖެހޭ ބަލިތައް ހުންނަ މީހުންނަށެވެ.

އެޗްޕީއޭ އިން ބުނީ ހުމާއި އަރިދަފުސް ރޯގާ އަކީ ފިނި މޫސުމާއި ދަތުރުފަތު ކުރާ މޫސުންތަކުގައި ވަރަށް ބޮޑަށް އިތުރުވާ ވައިރަސްއެއް ކަމަށެވެ.

ރެސްޕިރޭޓަރީ މެޑިސިން އަށް ހާއްސަ ޑރ. މޫސާ ހުސެއިން ވިދާޅުވީ ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑު މީހުން ފިޔަވައި، އެޗް1އެން1 އަށް ޕޮޒިޓިވް ވާ މީހުން ރަނގަޅުވުމަށް އާންމުކޮށް ދެ ހަފްތާ ނަގާނެ ކަމަށެވެ. އެހެންވެ، އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން ކަމަށް އެޗްޕީއޭ އިން އާންމު ކުރަމުންދާ މީހުން މިހާރު ރަނގަޅުވެފައި ތިބުމަކީ ވަރަށް ގާތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ބަލި ރަނގަޅުވެގެން މުޖުތަމައުގައި މިހާރު އުޅެނީ ކިހާ މީހުންނެއް ކަމެއް ޑރ. މޫސާ ވިދާޅެއް ނުވެ އެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން އެ ބައްޔަށް ޝައްކުކުރެވިގެން މިހާތަނަށް ޖުމުލަ 343 މީހަކު ޓެސްޓް ކޮށް، 108 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މި ހިސާބުތަކަށް ބަލާއިރު އެޗް1އެން1 އަށް މިދިޔަ އެއް ދުވަހުގެ ތެރޭގައި ޕޮޒިޓިވް ވީ އެންމެ ތިން މީހެކެވެ.

އެޗް1އެން1 ގައި މިހާތަނަށް މަރުވީ، ދެ މީހުންނެވެ. އެއީ މާޗް ހަތަރެއްގައި އައިޖީއެމްއެޗްގައި މަރުވި އުމުރުން 26 އަހަރުގެ ފިރިހެނަކާއި އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ބުދަދުވަހު މަރުވި އަންހެނެކެވެ.