Roadha Mihaaru
ކުޑަކުދިންނަށް ވެކްސިން ޖެހުން އައިޖީއެމްއެޗުގައި

ކުޑަކުދިންނަށް އިންފްލުއެންޒާ ވެކްސިން ޖަހައިދޭން އައިޖީއެމްއެޗުން ފަށައިފި

29 މާޗް 2017

ހަ މަހާއި ތިން އަހަރާ ދެމެދުގެ ކުދިންނަށް މިއަދުން ފެށިގެން އައިޖީއެމްއެޗްގައި އިންފްލުއެންޒާ ވެކްސިން ޖަހައިދޭން ފަށައިފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

ހަ މަހާއި ތިން އަހަރާ ދެމެދުގެ ކުދިންނަށް މިއަދުން ފެށިގެން އައިޖީއެމްއެޗްގައި އިންފްލުއެންޒާ ވެކްސިން ޖަހައިދޭން ފަށައިފި އެވެ.

މި ވެކްސިން ޖަހައިދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ދެންދުރު ފަހު 2:00 އިން 5:00 އަށެވެ. ވެކްސިން ޖަހައިދެނީ 130ރ. ގެ ފީ އަކަށެވެ.

އައިޖީއެމްއެޗުގެ ޑިރެކްޓަރު ޕަބްލިކް ރިލޭޝަންސް އަހްމަދު މައުސޫމް ވިދާޅުވީ ވެކްސިން ޖަހަން އަންނަ އިރު އައިޑީކާޑާއި ވެކްސިން ކާޑް ގެންނަން ޖެހޭނެ ކަމަށާއި ވެކްސިން ޖެހުމަށް ޓޯކެން ނަމްބަރު ދޫކުރާނީ ކުޑަކުދިންގެ ޑިޕާޓްމެންޓުން ކޮންމެ ދުވަހެއް ދޭއްޖަހާ އިރު ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް 500 ވެކްސިން ޖަހައިދޭނެ ކަމަށެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ބޮޑުވުމާ އެކު އެހެނިހެން ފަރާތްތަކަށް ވެކްސިން ޖަހަން ފަށާނެ ވަކި ތާރީހެއެ ކަނޑައެއް ނާޅަ އެވެ. އަދި މިހާރު ލިބިފައި ހުރީ ވެސް ކުޑަކުދިންގެ ވެކްސިން ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ އިތުރުން އޭޑީކޭ އިން ވެސް މިހާރު އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.