Roadha Mihaaru
ރައީސް ޓްރަމްޕްގެ އަމުރު އަނެއްކާވެސް ހުއްޓުވައިފި

މުސްލިމުންނަށް އަމާޒުކޮށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު އަނެއްކާވެސް ހުއްޓުވައިފި

16 މާޗް 2017

މުސްލިމް ހަ ގައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ދަތުރުކުރުން މަނާކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު، އެމެރިކާގެ ފަނޑިޔާރަކު އިއްޔެ ހުއްޓުވައިފި އެވެ.

މުސްލިމް ހަ ގައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ދަތުރުކުރުން މަނާކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު، އެމެރިކާގެ ފަނޑިޔާރަކު އިއްޔެ ހުއްޓުވައިފި އެވެ.

ހަވާއީގައި ހުންނަވާ ޔޫއެސް ޑިސްޓްރިކްޓް ޖަޖް ޑެރިކް ވެޓްސަންގެ ނިންމުން ބިނާކުރެއްވީ، ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކި ވަކީލުންގެ މައިގަނޑު ބަހުސުގައި ފާހަގަކުރި ގައުމީ ސަލާމަތަށް ނުރައްކާވާ ވާހަކާގައި ސުވާލު އުފެދޭ ހެކިތަކުގެ މައްޗަށެވެ.

މުސްލިމް ހަތް ގައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ދަތުރުކުރުން 90 ދުވަހަށް މަނާކުރަން ރައީސް ޓްރަމްޕް ފުރަތަމަ ނެރުއްވި އަމުރު ހުއްޓުވީ ސީޓަލްގެ ފަނޑިޔާރެކެވެ. އެ ހުއްޓުވުމަށް ފަހު އަލުން އާ އަމުރެއް ޓްރަމްޕް ނެރުއްވީ އޭގެ ތެރެއިން އިރާގު އުނިކޮށް މުސްލިމް ހަ ގައުމު ކަމަށްވާ އީރާން، ސީރިޔާ، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނަށް އަމާޒުކޮށެވެ. އޭގެ އިތުރުން ރެފިއުޖީން އެތެރެވުން 120 ދުވަހަށް ވެސް ވަނީ މަނާކޮށްފަ އެވެ.

ހަވާއީގެ ފަނޑިޔާރުގެ ނިންމެވުމާ އެކު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ސިފަކުރެއްވި ގޮތުގައި އެއީ ޝަރުއީ ދާއިރާ އަށް ލިބިގެންވާ ބާރަށް ވުރެ މާ ބޮޑު ނިންމުމެކެވެ.

ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ ބެހޭ ލިޔުމުގައި ސޮއި ކުރެއްވުމަށް ފަހު ދައްކަވާލައްވަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ ބެހޭ ލިޔުމުގައި ސޮއި ކުރެއްވުމަށް ފަހު ދައްކަވާލައްވަނީ. --ފޮޓޯ:އޭއެފްޕީ

ކެމްޕެއިންގައި ޓްރަމްޕް ވަނީ މުސްލިމުންނަށް އެމެރިކާ އަށް ވަނުން މަނާކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ދެ އަމުރު ވެސް ނެރުއްވީ ޓެރަރިސްޓުންގެ ފަރާތުން އެމެރިކާ ހިމާޔަތްކުރެއްވުމަށް ކަމަށް ވިދާޅުވެ އެވެ. އެކަމަކު އެ އަމުރާ ދެކޮޅު މީހުން ގަބޫލުކުރަނީ އެ އަމަލަކީ ނަސްލީ އަދި ދީނީ ތަފާތުކުރުންތަކެއްގެ ގޮތުގަ އެވެ.

ހަވާއީގެ ފަނޑިޔާރުގެ ނިންމެވުމަށް އަމާޒުކުރައްވާ ޓްރަމްޕް ވިދާޅުވީ އެ ނިންމުމުގެ ސަބަބުން "އެމެރިކާ ބަލިކަށިވެއްޖެ" ކަމަށެވެ. އަދި އެ މައްސަލަ ގެންދެވޭނެ އެންމެ މައްޗަކަށް ގެންދަވާނެ ކަމަށާއި އޭގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހެޅުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އަހަރެމެން ކާމިޔާބުކުރާނަން،" ރައީސް ޓްރަމްޕް ވިދާޅުވި އެވެ.

އޭނާގެ އަމުރާ ދެކޮޅަށް ވަކާލާތުކުރި ވަކީލުން ކޯޓުގައި ފާހަގަކުރީ ނިސްބަތްވާ ގައުމެއްގެ ގޮތުން ވަކި ބަޔަކު ތަފާތުކުރުމަކީ އެމެރިކާގެ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

ހަވާއީ އަކީ ޓްރަޕްގެ ދެ ވަނަ އަމުރު ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހެޅި ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ އެއް ސްޓޭޓެވެ. ހަވާއީގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަޕްގެ އަމުރުގެ ސަބަބުން ޓުއަރިޒަމަށާއި ތައުލީމީ ދާއިރާ އަށް ނުބައި އަސަރެއް ކުރާނެ އެވެ. އަދި މަސައްކަތްތަކަށް ބޭނުންވާ މީހުން ހޯދަން ވެސް ހުރަސްތަކެއް ދިމާވާނެ ކަމަށް ހަވާއީން ބުނެ އެވެ.