Roadha Mihaaru
ސުޕްރީމް ކޯޓުން ޓްރަމްޕްގެ އަމުރަށް ވަގުތީ ހުއްދައެއް

މުސްލިމުންނަށް އަމާޒުކޮށް ޓްރަމްޕް ނެރުނު އަމުރުގެ ބައެއް ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

27 ޖޫން 2017

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން ދިއުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ދެ ވަނަ އަމުރުގެ ބައެއް ބައިތައް ކުރިއަށް ގެންދެވޭނެ ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. އެކަމަކު އެގޮތަށް ނިންމީ މުޅި މައްސަލަ އޮކްޓޯބަރު މަހު ބަލާ ހުކުމަކާ ހަމައަށް ދެވެންދެންނެވެ.

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން ދިއުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ދެ ވަނަ އަމުރުގެ ބައެއް ބައިތައް ކުރިއަށް ގެންދެވޭނެ ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. އެކަމަކު އެގޮތަށް ނިންމީ މުޅި މައްސަލަ އޮކްޓޯބަރު މަހު ބަލާ ހުކުމަކާ ހަމައަށް ދެވެންދެންނެވެ.

އެމެރިކާގެ ދަށު ދެ ކޯޓަކުން ވަނީ ޓްރަމްޕް ޖެނުއަރީ މަހު ނެރުއްވި އަމުރާއި އޭގެ ފަހުން ބައެއް އިސްލާހުތަކާ އެކު މާޗު މަހު ނެރުއްވި އަމުރު ވެސް ވަގުތީ ގޮތުން ހިފަހައްޓާފަ އެވެ. އެކަމަކު އެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ނިންމީ ދަށު ކޯޓުން ހިފެހެއްޓި ކަންކަމުގެ ބައެއް ބައިތަކަށް އަމަލްކުރުމުގެ ބާރު ސަރުކާރަށް ދީފަ އެވެ.

ޓްރަމްޕްގެ ފަހުގެ އަމުރުގައި އޮތީ އީރާން، ލީބިޔާ، ސޯމާލިއާ، ސޫދާން، ސީރިޔާ އަދި ޔަމަނުން އެމެރިކާ އަށް މީހުން ޒިޔާރަތްކުރުން 90 ދުވަހަށް މަނާކުރުމެވެ. އަދި ރެފިއުޖީންގެ ގޮތުގައި އެއްވެސް މީހަކު އެތެރެވުން 120 ދުވަހަށް ހިފަހައްޓަން ވެސް އަމުރުގައި އޮތެވެ.

ޖެނުއަރީ މަހު އެންމެ ފުރަތަމަ ނެރުނު އަމުރުގައި އިރާގުގެ ރައްޔިތުން ހިމެނުނަސް ފަހުގެ އަމުރުގައި އެ ގައުމުގެ ނަން އޮތީ އުނިކޮށްފަ އެވެ.

ރައީސް ޓްރަމްޕްގެ އަމުރު ތަންފީޒްކުރަން ސުޕްރީމް ކޯޓުން އޮތީ ވަކި ހައްދުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން އެމެރިކާގައި ދިރިއުޅޭ މީހަކާއި ނުވަތަ އެއްވެސް ކަހަލަ އިދާރާއަކާ ގުޅުމެއް އޮތް ބައެއް ނަމަ އެމެރިކާ އަށް އެތެރެވުން ނުހުއްޓުވޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، އެމެރިކާގައި ދިރިއުޅޭ މީހެއްގެ ތިމާގެ މީހުން އޭނާ ކައިރި އަށް ޒިޔާރަތްކުރުމާއި އެމެރިކާގެ ޔުނިވަސިޓީގައި ކިޔަވާ ދަރިވަރުންނާއި އެމެރިކާގެ ކުންފުނިތަކުގެ މުވައްޒަފުން އަދި އެމެރިކާގެ ބަޔަކަށް ލެކްޗާ ދޭން ދައުވަތު ލިބިގެން ޒިޔާރަތްކުރާ ލެކްޗަރާ އިންނެވެ. އެފަދަ މީހުން، އެ ނިންމުމުގެ ދަށުން، ރައީސްގެ އަމުރުން އިސްތިސްނާވާނެ އެވެ.

އެކަމަކު ރެފިއުޖީން ބަލައިގަތުން 120 ދުވަހަށް ހުއްޓާލަން އޮތް އޮތުމަށް އެއްވެސް އުނިކަމެއް، ސުޕްރީމް ކޯޓުގެ ވަގުތީ ނިންމުމުގައި، ގެނެސްފައެއް ނުވެ އެވެ.

މި ނިންމުމާ އެކު ރައީސް ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "މިއީ ގައުމުގެ ސަލާމަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް" ކަމަށެވެ.

"އަހަރެމެންނަށް ގެއްލުމެއް ދޭން ބޭނުން މީހުން މި ގައުމަށް އެތެރެވާން ރައީސްގެ ހައިސިއްޔަތުން އަޅުގަނޑަށް ހުއްދައެއް ނުދެވޭނެ އެވެ،" ޓްރަމްޕް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ އެމެރިކާ އާއި މި ގައުމުގެ ރައްޔިތުން ދެކެ ލޯބިވާ އަދި ބުރަކޮށް މަސައްކަތްކުރާ އުފެއްދުންތެރި ބައެކެވެ."

އޮކްޓޯބަރު މަހު ސުޕްރީމް ކޯޓުން މުޅި މައްސަލަ ބަލާއިރު އަމުރުގެ މުއްދަތު ވެސް އޮންނާނީ ހަމަވެފަ އެވެ. ސުޕްރީމް ކޯޓުން ބުނީ މައްސަލަ އަވަސްކުރަން ސަރުކާރުން އެދިފައި ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ ރައުޔުގައި އޮތީ މައްސަލަ ބަލާ ނިމެންދެން ރައީސްގެ މުޅި އަމުރަށް އަމަލްކުރެވެން ޖެހޭނެ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް، އޭގެ ތެރެއިން އެއް ފަނޑިޔާރަކު ލިއުއްވާފައި ވަނީ، އަމުރުގެ ވަކި ބައެއް ތަންފީޒްކުރަން ޖެހުމުން ސަރުކާރުގެ އިދާރާތަކަށް އަމަލްކުރަން އުނދަގޫވާނެ ކަމަށެވެ. އެއީ އެމެރިކާ އަށް އެތެރެވާން ބޭނުން މީހުންނާ ގުޅުމެއް ހުރި ބަޔަކު އެމެރިކާގައި ތިބޭތޯ ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު، ސަރުކާރު މުވައްޒަފުންނަށް ކުރިމަތިވުން ފަދަ ކަންކަމެވެ.