Roadha Mihaaru

މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދާނަން: ނަތަންޔާހޫ

އިޒްރޭލުން މިހާރު ކުރަމުން ދަނީ މުޅި ޣައްޒާ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފި އެވެ.

މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދަނީ

އިޒްރޭލުން މިހާރު ކުރަމުން ދަނީ މުޅި ޣައްޒާ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފި އެވެ.

އިޒްރޭލުން ޣައްޒާ ހިފާނެ ވާހަކަ ބުނެފައި މި ވަނީ އެ ސަރަހައްދަށް ކާނާ އާއި ބޭސް ފަދަ އަސާސީ އެއްވެސް އެއްޗެއް ވެއްދުން މަނާކޮށްފައި އޮންނަތާ ދެ މަސް ފަހުން ބައެއް ތަކެތި ވެއްދުމުގެ ހުއްދަ ދޭން ނިންމިކަން އިއުލާނުކުރުމަށް ފަހުގަ އެވެ. މިއަދު ވަނީ ފުރަތަމަ ހުއްދަ ދޭނީ ކުޑަކުދިންގެ ކާނާ އެތެރެކުރުމުގެ ހުއްދަ ކަމަށް ބުނެފަ އެވެ.

"ހަނގުރާމަ ވަރަށް ވަރުގަދަ، ކުރިއެރުން ތަކެއް ހޯދަމުން މިދަނީ. ޣައްޒާގެ ހުރިހާ ސަރަހައްދެއްގެ ކޮންޓްރޯލް ނަގާނަން،" ޓެލެގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ނަތަންޔާހޫ ބުންޏެވެ.

އޭނާ ބުނީ އިޒްރޭލު ސިފައިން ފަސްނުޖެހޭނެ ކަމަށާއި ކުރިއަށްދާނީ ނުހުއްޓުވޭހާ ވަރުގަދަކޮށް ކަމަށެވެ.

ހަމަލާތައް ވަރުގަދަކުރުމުގެ އިންޒާރުތައް ދެމުން ދާއިރު އިޒްރޭލުން މިއަދު ވަނީ ޣައްޒާގެ ދެކުނު ސަރަހައްދުގެ ޚާން ޔޫނިސް އިން އާންމުން ނުކުންނަން އަންގައިފަ އެވެ. އިޒްރޭލުން ބުނީ މި ސަރަހައްދުގައި މީގެ ކުރިން ނުދޭހާ ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ހަމާސްއާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ތައްޔާރީތައް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ކަމަަށާއި އެ އޮޕަރޭޝަންގައި އެއްގަމު މަގުން ޣައްޒާގެ އެކި ހިސާބުތަކަށް ވަންނަން ފަށާފައިވާކަން ވެސް އިޒްރޭލުން ވަނީ އިއުލާނުކޮށްފަ އެވެ. މިހާރު ކޮންމެ ދުވަހަކު ޣައްޒާއިން އެތައް ބަޔަކު ޝަހީދުކުރަމުން ދާއިރު މިއަދުގެ މިހާތަނަށް ވެސް 22 މީހަކު ވަނީ ޝަހީދުވެފަ އެވެ.