Roadha Mihaaru

ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސް ދިން ޖަވާބު އެމެރިކާއަށް ކަމަކު ނުދިޔަ

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ އެމެރިކާ އިސްވެ ހުށަހެޅި ކަންކަމަށް ހަމާސް ޖަމާއަތުން ޖަވާބު ދީފައިވާކަން ކަމަށް އެ ޖަމާއަތުން ބުނުމާ އެކު އެ ޖަވާބު ބަލައިނުގަނެވޭނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ހަމާސްގެ ޖަވާބު އެމެރިކާއަށް ކަމަކުނުދިޔަ

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ އެމެރިކާ އިސްވެ ހުށަހެޅި ކަންކަމަށް ހަމާސް ޖަމާއަތުން ޖަވާބު ދީފައިވާކަން ކަމަށް އެ ޖަމާއަތުން ބުނުމާ އެކު އެ ޖަވާބު ބަލައިނުގަނެވޭނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ހަމާސް އިން ބުނީ ޖަވާބު ދިނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށާއި ހަމާސްގެ ވިސްނުން ހުރީ ދާއިމީކޮށް ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމަކަށް ކަމަށެވެ. އެކަމަކު ހަމަލާތައް ހުއްޓާލައިގެން ދާއިމީ ގޮތެއްގައި ތިބުމަކީ އިޒްރޭލަށް ރުހެވޭ ކަމެއް ނޫނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސްގެ ހުށަހެޅުން ބަލައިނުގަނެވޭ ކަމަސް އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯފް ވިދާޅުވުމުން އެ ވާހަކައަށް ތާއީދުކޮށްފަ އެވެ. އަދި ހަމާސް އޮތީ ގޮތް ދޫނުކޮށް ދެކޮޅުހެދުމުގައި ކަމަށް ވެސް ބުންޏެވެ.

އިޒްރޭލުން ހުކުރު ދުވަހު ވަނީ އެމެރިކާގެ ހުށަހެޅުން ގަބޫލު ނުކޮށްފި ނަމަ ދެން އޮންނާނީ ހަމާސް ޖަމާއަތް އެކީ ނެތިގެން ދިއުން ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

އޭގެ ފަހުން ހަމާސް އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެމެރިކާގެ ހުށަހެޅުމަށް މެދުވެރިން ލައްވައި ޖަވާބު ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ.

"މި އެއްބަސްވުމުގެ ދަށުން ހަމާސްގެ ބެލުމުގެ ދަށުގައިވާ އިޒްރޭލުގެ 18 މީހެއްގެ ހަށިގަނޑާއި ދިރިހުރި 10 މީހަކު މިނިވަންކުރާނެ. އަދި އޭގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ ގައިދީން ދޫކޮށްލާނެ އަދަދެއް ކަނޑައަޅައި އެ މީހުން މިނިވަންކުރަންޖެހޭނެ،" ބަޔާނުގައިވެ އެވެ.

އެ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ވިޓްކޯފަށް ދިނީ ޕޮޒިޓިވް ޖަވާބެއް ކަމަށާއި ނަމަވެސް ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމުގެ ޔަގީންކަން ދޭން ޖެހޭނެ ކަމަށެވެ.

ވިޓްކޯފް ވިދާޅުވީ ހަމާސްގެ މި ޖަވާބަކީ އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށާއި މި ޖަވާބަކީ ހުރިހާ ކަމެއް އަނެއްކޮޅަށް އެނބުރިގެން ދިއުން ކަމަށެވެ. އަދި "އެމެރިކާގެ ފްރޭމްވޯކް ޕްރޮޕޯސަލްއަށް އެއްބަސްވުމަށް" ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފެށޭނީ މިހާރު ހުށަހަޅާފައިވާ ގޮތަށް، ރަހީނުކޮށްފައި ތިބި މީހުންނާއި މަރުވެފައިވާ މީހުންގެ ހަށިތަކުގެ ދެ ބައިކުޅަ އެއް ބައި އިޒްރޭލާ ހަވާލުކޮށްގެން ކަމަށެވެ. ހަމަލާތައް ދާއިމީކޮށް ހުއްޓާލުމަށް މަޝްވަރާކުރާނީ އޭގެ ފަހުން ހަމަލާތައް މެދުކަނޑާލައިގެން ތިބޭ 60 ދުވަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރެއް ކަމަށްވާ ބާސިމް ނާއިމް އޭއެފްޕީއަށް ވިދާޅުވީ ވިޓްކޯފްގެ ހުށަހެޅުމަށް އެ ޖަމާއަތުން "ރަނގަޅު އަދި ޒިންމާދާރު" ޖަވާބެއް ދީފައިވާ ކަމަށާއި އެކަމަކު މަޝްވަރާތަކުގައި އިޒްރޭލުކޮޅަށް ބުރަވާ ގޮތަށް ކަންކުރަމުންދާ ކަމަށެވެ.