Roadha Mihaaru

ސެންޓަ އެންޓަޕްރައިސަސް އިން ޝަރީއަތަށް ފޭކު އިންވޮއިސް ހުށަހެޅި މައްސަލަ ޕޮލިހަށް

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އިން ދައުލަތުން ބަދަލުގެ ގޮތުގައި ފައިސާ ނަގައިދޭން އެދުނު ދައުވާތަކެއް ސާބިތުކުރަން ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި ކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައިދޭން ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ސެންޓަ އެންޓަޕްރައިސަސްގެ ފޭކު ލިޔުން މައްސަލަ ޕޮލިހަށް
ނާޒިމް ހަސަން
ނާޒިމް ހަސަން

22 މެއި 2025

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އިން ދައުލަތުން ބަދަލުގެ ގޮތުގައި ފައިސާ ނަގައިދޭން އެދުނު ދައުވާތަކެއް ސާބިތުކުރަން ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި ކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައިދޭން ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ސެންޓަ އެންޓަޕްރައިސަސް 2006 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވަނީ ތިން ހިއްސާދާރުންގެ މައްޗަށެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނެނީ އަބްދުﷲ އާރިފް އާއި އަހުމަދު ޖާމިޒް އަދި އަލީފާ އަހުމަދު ހިމެނޭއިރު، މެނޭޖިން ޑިރެކްޓަރަކީ އަލީފާ އެވެ.

ސެންޓަ އެންޓަޕްރައިސަސް އަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ބަދަލުގެ ގޮތުގައި ދޭން ޖެހިފައިވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެކަމުގެ ހާއްސަ އޮޑިޓެއް ހަދައިދޭން އެދިފަ އެވެ. އޮޑިޓާ ޖެނަރަލްގެ އޮފީހުން މިހާރު އަންނަނީ އެ އޮޑިޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ފޭކް އިންވޮއިސްއެއް ޝަރީއަތަށް ހުށަހަޅާފައިވާކަން އެނގުނީ މި އޮޑިޓްގެ ތެރެއިންނެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސެންޓަ އެންޓަޕްރައިސަސް އިން ހުށަހަޅައިގެން ސިވިލް ކޯޓުން ބަލާ ނިންމާފައިވާ ދެ މައްސަލައެއްގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ ތަހުގީގުކޮށްދޭން ފުލުހުންގެ ހިދުމަތުގައި އެދިފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ސެންޓަ އެންޓަޕްރައިސަސްއިން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ޖުމްލަ ތިން މައްސަލައެއް މިހާތަނަށް ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ، އެންވަޔަރަންމަންޓް މިނިސްޓްރީ ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ އެއް މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެކެވެ.

އެގޮތުން، ސެންޓަ އެންޓަޕްރައިސަސްއިން ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާ މެދު ސުވާލު އުފެދޭތީ، ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅައިދޭން އެ މައްސަލަތަކުގައި ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދިފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

އަދި މި މުއާމަލާތްތަކުގެ މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުންތައް ދައުލަތުން އިސްތިއުނާފުކޮށްފައިވާ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ހަމައެއާއެކު، މި މައްސަލަތަކާ ގުޅިގެން ދައުލަތުގެ ހުރި ކަންބޮޑުވުންތައް އޮޑިޓާ ޖެނެރަލްގެ އޮފީހާ ހިއްސާކޮށް، ކުރި މަޝްވަރާތަކުގައި މި މައްސަލަތަކާ ގުޅޭ ހާއްސަ އޮޑިޓެއް ތައްޔާރުކޮށްދޭން އެދިފައިވާނެ ކަމަށާއި އެ އޮޑިޓުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ހިމެނޭ ޕްރިލިމިނަރީ ރިޕޯޓެއް ހިއްސާކޮށްފައިވާ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް: ސެންޓަ އެންޓަޕްރައިސަސް އިން ޝަރީއަތަށް ފޭކު އިންވޮއިސް ހުށަހެޅި މައްސަލަ ޕޮލިހަށް ވަނީ ހުށަހަޅުއްވާފައި.

ބަންޑާރަ ނައިބު އަހުމަދު އުޝާމް: ސެންޓަ އެންޓަޕްރައިސަސް އިން ޝަރީއަތަށް ފޭކު އިންވޮއިސް ހުށަހެޅި މައްސަލަ ޕޮލިހަށް ވަނީ ހުށަހަޅުއްވާފައި.

އެގޮތުން، ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ސައްހަ ނޫން އިންވޮއިސްއެއް ހުށަހަޅާފައިވާ ކަމާއި، ރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަން އެ އޮޑިޓުން މިހާތަނަށް ފާހަގަކުރެވިފައިވެ އެވެ.

މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާދީފައިވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފޭކް އިންވޮއިސްއެއް ހަދާފައިވަނީ ރާއްޖެއަށް މެޑިކަލް ހިދުމަތްދޭ ސާމާނު ފުޅާ ދާއިރާއެއްގައި އެތެރެކުރާ ކުންފުންޏެއްގެ ނަމުގަ އެވެ. އެ ކުންފުނިން ސެންޓަ އެންޓަޕްރައިސަސްއަށް 12.4 މިލިއަން ރުފިޔާގެ މުދާ ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށް އެ އިންވޮއިސް ހުށަހަޅައިގެން ކޯޓުގައި ވަކާލާތުކޮށްފައިވެ އެވެ.

ނަމަވެސް، ކްރެޑިޓަށް މުދާ ދޫކުރި ކަމަށް ބުނާ ކުންފުނިން ވަނީ އެެއީ އެ ކުންފުނިން އެއްވެސް އިރެއްގައި ދޫކޮށްފައިވާ އިންވޮއިސްއެއް ނޫން ކަމަށް ކަމާ ބެހޭ އިދާރާތަކަށް މިހާރު އަންގައިފަ އެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިންވޮއިސް ހަދާފައިވަނީ އެ ކުންފުނީގައި އެއްވެސް އިރެއްގައި މަސައްކަތް ކުރި މުވައްޒަފުންގެ ނަން މައްޗަކު ވެސް ނޫނެވެ. އަދި އެ އިންވޮއިސް މެދުވެރިކޮށް ކްރެޑިޓަށް ދޫކުރި ކަމަށް ބުނާ މުދަލަކީ އެ ކުންފުނިން އެއްވެސް އިރަކު ރާއްޖެ ގެނެސްފައިވާ މުދަލެއް ވެސް ނޫނެވެ.

އެ މައްސަލައިގައި ދައުލަތުން 32 މިލިއަން ރުފިޔާ ދައްކަން ޖެހުނު އިރު، އެ މައްސަލައިގެ އިތުރުން ވެސް މެޑިކަލް ހިދުމަތަށް ބޭނުންވާ މުދާތަކަކަށްވާ ފައިސާ ނުލިބިގެން ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު ދައުލަތުން ދައްކަން ޖެހޭ ކަމަށް މިދިޔަ ފެބުރުއަރީ މަހު ހައި ކޯޓުން ވެސް ހުކުމެއް ކޮށްފައިވެ އެވެ.

އަދި ސެންޓަ އެންޓަޕްރައިސަސް އިން އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅު ހަންތަކަކަށްވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ނުދީ އޮތް ފައިސާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން 12.7 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކޮށްފައިވެ އެވެ.