Roadha Mihaaru
ފުލުހުންގެ ޕްރޮމޯޝަން އޭސީސީއަކަށް ނުހުއްޓުވޭނެ:އޭޖީ

ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އޭސީސީއަކަށް ނޭންގޭނެ: ދައުލަތް

14 ޖުލައި 2024

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު އެންގި މައްސަލާގައި އެގޮތަށް އެންގުމުގެ ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރު އެންގި މައްސަލާގައި އެގޮތަށް އެންގުމުގެ ބާރު އެ ކޮމިޝަނަށް ނޯންނާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރުމުން އެ ކޮމިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. މައްސަލަ ނިމެންދެން، ޕްރޮމޯޝަންގެ މަސައްކަތްތައް މަޑުޖައްސާލަން އޭސީސީން އެދުނަސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ނިންމި އެވެ.

އެ މައްސަލަ އޭސީސީން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ، ދައުލަތުގެ މުއައްސަސާއަކުން ވަކި ކަމެއް ނުކުރަން ނުވަތަ މަޑުޖައްސާލަން އެންގުމުގެ ބާރު އޭސީސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. ސުޕްރީމް ކޯޓުން ވެސް ކުރިން އެގޮތަށް ނިންމާފައިވާ ކަމަށާއި އެހެންވެ، އެފަދަ އެންގުމެއް އެންގުމުގެ ބާރު ކޮމިޝަނަށް މިވަގުތު ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި، އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު ވެސް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް އޮތީ ނިމިފަ އެވެ. އެހެންވެ، ވަގުތީ އަމުރު ނެރުނަސް، ދެން އިތުރަށް ކުރެވޭނެ ކަމެއް ސާފުނުވާ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެގޮތަށް ވަގުތީ އަމުރު ނެރެފި ނަމަ އެންމެ ބޮޑަށް ގެއްލުން ލިބޭނީ ފުލުހުންނާއި ދައުލަތަށް ކަމަށާއި އެގޮތުން އެތައް ބައެއްގެ ހައްގަށް އަސަރު ކުރާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެދުނީ ސިވިލް ކޯޓުގެ ނިންމުން ދަމަހައްޓައި ދިނުމަށެވެ.

އޭސީސީގެ ވަކީލުން ބުނީ ކޮރަޕްޝަނަށް މަގުފަހިވެދާނެ ހުރިހާ ކަންކަން ވެސް ހުއްޓުވުމަކީ އޭސީސީއަށް ގާނޫނީ ގޮތުން އޮތް ބާރެއް ކަމަށާއި ފުލުހުންގެ ޕްރޮމޯޝަން މަޑުޖައްސާލަން އެންގީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭސީސީގެ ވަކީލުން ބުނިގޮތުގައި އެ ކޮމިޝަނަކީ ކޮރަޕްޝަނާ ގުޅުން ހުރި ހުރިހާ ކަމެއް ބެލުމުގެ ބާރު އޮތް މުއައްސަސާ ކަމަށް ވާއިރު، އެ ކޮމިޝަންގެ އެންގުމަށް ތަބާވާން ނުޖެހޭނެ ގޮތަކަށް ދައުލަތުގެ މުއައްސަސާތަކަށް އަމަލު ނުކުރެވޭނެ އެވެ. އޭސީސީން ބަލާ މައްސަލަތަކުގައި ވަކި ގޮތަކަށް އަންގަނީ އެ ކޮމިޝަނުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު، އެގޮތަށް އަންގަންޖެހޭ ހާލަތްތަކުގައި ކަމަށް ވެސް އޭސީސީގެ ވަކީލުން ބުންޏެވެ.

އޭސީސީން ހައި ކޯޓުގައި އެދުނީ ޕްރޮމޯޝަން ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރަކަށެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ޝަނީޒާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.