Roadha Mihaaru

އައިޖީއެމްއެޗްގެ ފަސް ޑިޕާޓްމަންޓަކުން ރޭގަނޑު އޯޕީޑީ ފަށައިފި

އައިޖީއެމްއެޗްގެ ވެއިޓް ލިސްޓު ކުޑަކުރަން އިތުރު ސްޕެޝަލިޓީތަކުގެ އޯޕީޑީ އިތުރުކޮށްފި އެވެ.

އައިޖީއެމްއެޗްގެ ފަސް ޑިޕާޓްމަންޓަކުން ރޭގަނޑު އޯޕީޑީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 މެއި 2025

އައިޖީއެމްއެޗްގެ ވެއިޓް ލިސްޓު ކުޑަކުރަން އިތުރު ސްޕެޝަލިޓީތަކުގެ އޯޕީޑީ އިތުރުކޮށްފި އެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެންމެ ގިނަ މީހުން ދައްކަން ބޭނުންވާ ސްޕެޝަލިސްޓު އޭރިއާތަކުގެ ކިއު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭގެ ތެރެއިން، ރޭގަނޑު އައުޓް-ޕޭޝަންޓު ކޮންސަލްޓޭޝަން ފަށާފައިވާތީ އެންމެ ގިނަ މީހުން ފަރުވާ ހޯދާ ބަލިތަކުގެ ކިއު ކުޑަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު" އަށް ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ފަސް ޑިޕާޓްމަންޓަކުން ރޭގަނޑު އޯޕީޑީ ފަށާފައިވާ ކަމަށެވެ. އެއީ؛

- ދަތުގެ ފަރުވާ

- ޑައިޓާ ގުޅޭ ޑިޕާޓްމަންޓް

- އެންޑޮކްރޮނޮލޮޖީ

- ނާރުގެ ބަލިތައް

- ކަރުންމަތީގެ އޯޕީޑީ

ރޭގަނޑު ޝިފްޓުގެ މަސައްކަތް އޮންނާނީ ރޭގަނޑު 8:00 އިން 11:00 އަށެވެ.

މީގެ ކުރިން ސްޕެޝަލިސްޓު ކޮންސަލްޓޭޝަން އޮންނަނީ ސަރުކާރުގެ ރަސްމީ ގަޑީގައި އެކަންޏެވެ.

އެކަންކަމުގެ އިތުރުން އެޑްމިޓުކޮށްފައިވާ މީހުންނަށް ފަސޭހައިން ބޭސް ލިބޭނެ ގޮތްތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މީގެ ކުރިން އެޑްމިޓުކޮށްފައިވާ މީހުންނަށް ބޭސް ހޯދަން ޖެހެނީ އާއިލާތަކުންނެވެ. އެކަމަކު، އަލަށް އަމަލުކުރަން ފަށާފައިވާ ގޮތުން އިން-ޕޭޝަންޓުންނަށް ބޭސް ނަގައިދޭނީ ހޮސްޕިޓަލުންނެވެ.

ޑިމާންޑު ބޮޑުވުމުން އައިޖީއެމްއެޗްގެ ތިން ޑިޕާޓްމަންޓެއްގެ ޝިފްޓް ޑިއުޓީ މިދިޔަ އޮކްޓޯބަރު ހިސާބުގައި ވެސް އިތުރުކުރި އެވެ. އެއީ އަންހެނުންގެ ބަލިތަކާއި ނަފްސާނީ ބަލިތައް އަދި ދަތުގެ މައްސަލަތަކަށް ފަރުވާ ދޭ ޑިޕާޓްމަންޓެވެ. އެކަމަކު، އެ ޑިޕާޓްމަންޓުގެ ޝިފްޓު އިތުރުކުރީ ރޭގަނޑު 8:00 އާ ހަމަައަށެވެ.