Roadha Mihaaru

އެންމެ ޑިމާންޑު ބޮޑުވި ބާބަ ގާޑިޔަލަށް ހަފުތާއެއްގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ

ފަންނުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި މިދިޔަ ހަފުތާގައި ބޭއްވި އެކްސްޕޯއިން ޔަގީންވި އެއް ކަމެއް އެބައޮތެވެ. ދިވެހިންގެ ހުނަރުވެރިކަމާއި ގާބިލްކަމާ އެކު ސުވާލު އުފައްދާނެ އެއްވެސް މީހަކު ނެތެވެ. ރަނގަޅު ޕްލެޓްފޯމެއް ހޯދައިދީފި ނަމަ ބޮންތި އަށް ވެސް އަރާނެ ކަން ދައްކުވައިދީފި އެވެ.

ޑިމާންޑު ބޮޑުވި ގާޑިޔަލަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

01 ޖޫން 2025

ފަންނުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި މިދިޔަ ހަފުތާގައި ބޭއްވި އެކްސްޕޯއިން ޔަގީންވި އެއް ކަމެއް އެބައޮތެވެ. ދިވެހިންގެ ހުނަރުވެރިކަމާއި ގާބިލްކަމާ އެކު ސުވާލު އުފައްދާނެ އެއްވެސް މީހަކު ނެތެވެ. ރަނގަޅު ޕްލެޓްފޯމެއް ހޯދައިދީފި ނަމަ ބޮންތި އަށް ވެސް އަރާނެ ކަން ދައްކުވައިދީފި އެވެ.

އޭގެ ތެރެއިން ވެސް "މޯލްޑިވްސް އެކްސްޕޯ" ގައި އެންމެ ބޮޑު އެއް އުފަލެއް ލިބުނީ ފުވައްމުލަކުން ގެންދިޔަ ބާބަ ގާޑިޔަލަށެވެ. މިދިޔަ މަހުގެ 23 އިން ފެށިގެން ރެއާ ހަމައަށް ބޭއްވި ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި އެ ގާޑިޔަލަށް އެކަނި ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.

ޓްރަކެއްގައި 2021 ވަނަ އަހަރު ފެށި ކާ އެއްޗެހި ވިއްކަން ފެށި އަތީގު ހަސަން "މިހާރު" އަށް މިއަދު ބުނީ އެކްސްޕޯގެ އެންމެ ފަހު ރެއަށް ވުމުން މެންދަމު ތިނެއް ޖަހަންދެން ހިދުމަތް ދީ، އެކްސްޕޯގައި އެކަނި ވެސް 14،000 ޝަވަރުމާ ވިއްކާފައިވާ ކަމަށެވެ. އެއީ 80ރ. ގެ ރޭޓުން ބަލާ ނަމަ 1.1 މިލިއަން ރުފިޔާ އެވެ.

ރޭ އެކަނި ވެސް 400،000ރ. ހޯދައި ޓާގެޓު ހާސިލްކުރުމުން ބާބަ ގާޑިޔާ އިން ވަނީ އޭގެ ފަސް ޕަސެންޓު، ފަލަސްތީނަށް އެހީވާން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް ހަދިޔާކޮށްފަ އެވެ. އެއީ 20،000ރ. އެވެ.

ޑިޓިއުން ބޭންޑު، ބާބަ ގާޑިޔާގެ އަތީގާއެކު.-

ޑިޓިއުން ބޭންޑު، ބާބަ ގާޑިޔާގެ އަތީގާއެކު.-

ބާބަ ގާޑިޔަލުގެ ޝަވަރުމާ އަށް ޑިމާންޑު ބޮޑުވެ، އެ ގަތުމަށް ކިއުގައި ދެ ތިން ގަޑިއިރު ވެސް މަޑުކުރަން ޖެހުނެވެ.

"އުއްމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް މި ލިބުނީ،" އަތީގު ބުންޏެވެ.

ރިސޯޓުތަކުގެ ފުޑް އެންޑް ބެވަރޭޖުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރުމަށް ފަހު ދަމާ ގާޑިޔަލެއްގައި އަތީގު ކާ އެއްޗެހި ވިއްކަން ފެށީ ކޮވިޑުގައި 2020 ވަނަ އަހަރު ރިސޯޓު ބަންދުކުރުމުންނެވެ. އެ ދަތި ދުވަސްވަރު ޓްރަކް ގަތީ ވެސް އަތުގައި ރައްކާކޮށްފައި ހުރި ރުފިޔާއިންނެވެ.

އެ ހިސާބުން ވަޒީފާ އިން ވަކިވެ، އަމިއްލަ ވިޔަފާރިއަށް އެއްކޮށް ހުސްވި އެވެ.

ބާބަ ގާޑިޔާއިން ހިދުމަތް ހޯދަން ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ:

ބާބަ ގާޑިޔާއިން ހިދުމަތް ހޯދަން ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ:

"ހަމަ ލޯ މަރާލާފައި ގަތީ. އެއްވެސް މީހެއް ކައިރީގައި ނުބުނަން. މަންމައަށް ވެސް އެނގުނީ ގެ ދޮރު މައްޗަށް ގެނައީމަ،" އަތީގު ބުންޏެވެ.

އޭނާ ބުނީ އެކްސްޕޯގައި ލިބުނު ކާމިޔާބީއަށްފަހު އެކި ތަންތަނަށް ގާޑިޔާ ގެންދަން ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ތަނަކީ ލ. ގަމެވެ. އެކަމަކު، އަތީގު ނިންމައިގެން ހުރީ އީދުގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރާށެވެ.

"މާލޭގައި ކާމިޔާބުކަމާ އެކު ގެންދެވުނީ މި ކޮޅުގައި ރައްޓެހިން ވެސް ތިބީމަ. އެކަމަކު، އެހެން ހިސާބުތަކުގައި އުނދަގޫވާނެ."

ރަށުގައި އެ ވިޔަފާރިކުރާ އަތީގު ބުނީ އާދިއްތަ ފިޔަވައި އެހެން ދުވަސްތަކުގައި ގާޑިޔާ އޮޕަރޭޓުކުރާ ކަމަށެވެ. ހާއްސަކޮށް ރަށަށް މެހެމާނުން ޒިޔާރަތްކުރާ ދުވަސްތަކުގައި ގާޑިޔަލުގެ ވިޔަފާރި ރަނގަޅެވެ.

އެކްސްޕޯއިން ލިބުނު ފައިދާއާއެކު ބާބަ ގާޑިޔާ މިހާރު އަމާޒު ހިފާފައިވަނީ ފްރެންޗައިޒްކުރުމާ ދިމާލަށެވެ.

"ބާބަ ގާޑިޔާ ދާނީ ހަމަ މަޑުމަޑުން ކުރިއަށް." އޭނާ ބުންޏެވެ.