މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ސަރުކާރުން އެއްބާރުލުން ދިން ކަމަށް ބުނެ އިލްމުވެރިންގެ ޖަމިއްޔާއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
22 ޖޫން 2025
މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ސަރުކާރުން އެއްބާރުލުން ދިން ކަމަށް ބުނެ އިލްމުވެރިންގެ ޖަމިއްޔާއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން މި ފަހަރުގެ ޔޯގާ ދުވަސް އިއްޔެ ފާހަގަކުރީ އެ ގައުމުގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ތާޖު މޯލްޑިވްސް ރިސޯޓުގަ އެވެ.
ފައްސަތޭކައަށް ވުރެ ގިނަ މީހުން ބައިވެރިވި ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް ވެސް ބައިވެރިވެވަޑައިގަތެވެ.
އެކަމާ ގުޅިގެން އިލްމުވެރިންގެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ އެއްބާރުލުމާ އެކު، ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރުން ކުށްވެރިކޮށްފަ އެވެ.
އެ ޖަމިއްޔާއިން ބުނީ، ޔޯގާގައި ހިމެނެނީ ޝިރުކުގެ އަމަލުތަކެއްކަން ބަޔާންކޮށް 104 އިލްމުވެރިން ހިމެނޭގޮތަށް އިލްމުވެރިންގެ ގުޅުމުން މީގެ ކުރިން އެކަމުގެ ނުރައްކާތެރިކަމާއި ހުކުމް ބަޔާންކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން 2022 ވަނަ އަހަރުގެ ޔޯގާ ދުވަހު ހިނގައިދިޔަ ކަންކަމަކީ، ޔޯގާއަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއްކަން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށް ވެސް ބުންޏެވެ.
އެ އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ގަދަކަމުން ބަޔަކު ވަދެ، ހަމަނުޖެހުން ހިންގި އެވެ. އެ މައްސަލައާ ގުޅިގެން ޓެރަރިޒަމާއި އެފަދަ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާތަކެއް ކުރި އެވެ. ނަމަވެސް، އެ މައްސަލަ ރިވިއުކުރުމަށްފަހު އެ ދައުވާތައް އަނބުރާ ނަގަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.
ތާޖު ރިސޯޓުގައި ބޭއްވި ޔޯގާ ދުވަހުގެ ހަރަކާތްތަކުގައި އިންޑިއާ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް އަދި އެ ހަރަކާތުގެ ޝަރަފުވެރި މެހުމާން ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
"ޔޯގާގެ އަމަލު ހުއްޓުވުމަށްޓަކައި އެ ދުވަހު އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި މިހާރު ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މަސައްކަތް ކުރައްވާފައިވާކަން ފެންނަން ވެސް އެބައޮތެވެ،" ބަޔާނުގައި ބުންޏެވެ.
"އެހެންކަމުން، ޝިރުކުގެ ނުބައިވެގެންވާ މި އަމަލާ ގުޅުވައިގެން ޔޯގާ ދުވަސް ފާހަގަކުރިއިރު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރު ބައިވެރިވުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ."
ޖަމިއްޔާއިން ވަނީ ސަރުކާރުގެ އިސްވެރިއެއްގެ ފުށުން ދީނާ ހިލާފު މުންކަރާތެއްގައި ބައިވެރިވުމުގެ އަމަލެއް ފެނިއްޖެ ނަމަ އެފަދަ ކަމެއް އެހެން މީހަކު ތަކުރާރު ނުކުރާނެ ފަދަ ފިޔަވަޅު އަޅަން ދައުލަތުގެ އިސްވެރިންނަށް ގޮވާލައްވައިފަ އެވެ.
އެހެންވެ، އިލްމުވެރިންގެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ އިމުގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއްގައި ޝިރުކުގެ އަމަލުތައް ހިންގުމަށް ފުރުސަތު ނުދިނުމަށް ރައީސާއި ދައުލަތުގެ އިސްވެރިންނަށް ގޮވާލައިފަ އެވެ. ޝިރުކުގެ އަމަލުތަކުން ގައުމު ތާހިރުކޮށް އެ ގޮތުގައި ދެމެހެއްޓުމަށް ރައްޔިތުންގެ ދައުރު ފުރިހަމަ އަށް އަދާކުރުމަށް ވެސް އިލްތިމާސްކުރި އެވެ.
ޔޯގާއަކީ ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތު ކަމަކަށް ވާއިރު، ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެ ކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އާދައިގެ ކަސްރަތެއް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި ޔޯގޯ އާއި އިސްލާމްދީނާ ގުޅުވައިގެން ދެއްކޭނެ ވާހަކައެއް ނެތެވެ. ސަބަބަކީ އިސްލާމްދީން ބިނާވެފައި ވަނީ ގުރުއާނާއި ސުންނަތުގެ މައްޗަށް ކަމަށް ވާއިރު ޔޯގާގެ ވާހަކަތައް އައިސްފައި ނެތުމެވެ.
"ހަރާން ވާނީ މާތް ﷲ ހަރާން ކުރެއްވި ކަންތައްތަކެއް. ހަރާން ކުރެއްވުމުގެ އިހުތިޔާރަކީ ހަމައެކަނި މާތް ﷲ އަށް އޮންނަ އިހުތިޔާރެކޭ. [ﷲ] ނާންގަވާ ކޮންމެ ކަމަކީ ހަލާލު ކަމެއް،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2022 ގައި ވެސް ޔޯގާ ދުވަސް ފާހަގަކުރަން އިންޑިއަން ހައި ކޮމިޝަނާއި އޭރުގެ ސަރުކާރު ގުޅިގެން ކުރި މަސައްކަތާ އެކު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި މައުމޫން "މިހާރު" އަށް ވިދާޅުވެފައި ވެ އެވެ.
500 މީހުންނާއެކު މިއަހަރުގެ ޔޯގާ ދުވަސް ފާހަގަކޮށްފި
ހުޅުޖަހަން ގޮވި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި
ހުޅުޖަހަން ގޮވި މައްސަލަ މާރިޔާ ކުށްވެރި ކުރައްވައިފި
އެމްބަސީގައި ހުޅުޖަހަން ގޮވި މައްސަލަ ކުށްވެރިކޮށްފި
އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވާލައިފި
އެހެން ދީންތަކުގެ ޝިއާރު ފާޅު ނުކުރެވޭނެ: މިނިސްޓްރީ
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
"ހަނިމާދޫ އެއާޕޯޓަށް ފައިދާ އޮތީ ބަޔަކަށް ދޫކޮށްގެން"
ރާއްޖެއިން އިންޑިއާއާ އެކު ވިޔަފާރި އިތުރަށް ފުޅާކުރަނީ
ބޭސްތަކަކާއެކު 2ދިވެހިން ކޮޗިން އެއާޕޯޓުން ހުއްޓުވައިފި