Roadha Mihaaru

576 އޮޑިޓު ނިންމަޖެހޭއިރު މިހާތަނަށް ނިންމުނީ 62 ރިޕޯޓު

މި އަހަރަށް 576 އޮޑިޓެއްގެ މަސައްކަތް ކަނޑައަޅާފައިވާއިރު އަހަރުގެ މިހާތަނަށް ނިމުނީ 62 ރިޕޯޓު ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

576 އޮޑިޓްގެ ތެރެއިން މިހާތަނަށް ނިމުނީ 62 ރިޕޯޓު
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

24 ޖޫން 2025

މި އަހަރަށް 576 އޮޑިޓެއްގެ މަސައްކަތް ކަނޑައަޅާފައިވާއިރު އަހަރުގެ މިހާތަނަށް ނިމުނީ 62 ރިޕޯޓު ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ އަހަރުގެ އޮޑިޓްތަކުގެ ތެރެއިން 330 އޮޑިޓެއް ނިސްބަތްވަނީ އޭގެ ކުރީގެ އަހަރުތަކަށެވެ. އޭގެ ތެރެއިން 57 އޮޑިޓެއް ނިންމައި، ވަނީ އާންމު ކޮށްފަ އެވެ. އަދި 173 އޮޑިޓެއްގެ ރިޕޯޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެހެނިހެން މަރުހަލާތަކުގައި 106 އޮޑިޓެއްގެ ކަންކަން ހިނގަމުން އަންނަ ކަމަށް އެ އޮފީހުން ބުންޏެވެ.

މި އަހަރަށް ކަނޑައެޅި އޮޑިޓްގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ ފަސް އޮޑިޓް ރިޕޯޓެވެ. އަދި 35 އޮޑިޓެއްގެ ރިޕޯޓު ތައްޔާރު ކުރަމުން އަންނައިރު ބާކީ ހުރި އޮޑިޓުގެ މަސައްކަތްތައް ހުރީ އެހެނިހެން މަރުހަލާތަކުގަ އެވެ.

އޮޑިޓް އޮފީހުން އޮޑިޓްތައް ކުރިއަށް ގެންދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:

- ފައިނޭންޝަލް އެންޑް ކޮމްޕްލައަންސް: 210

- އެންވަޔަމެންޓް އޮޑިޓްސް: 8

- އިންފޮމޭޝަން ސިސްޓަމް އޮޑިޓް: 8

- ސްޕެޝަލް އޮޑިޓް: 17

- ޕާފޯމަންސް އޮޑިޓް: 11

- ލޯކަލް ކައުންސިލް އޮޑިޓް: 188

- އެސްއޯއީ ފައިނޭންޝަލް އޮޑިޓް: 84

- ޑޮނާ ފަންޑް ޕްރޮޖެކްޓް އޮޑިޓް: 50

އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އެސްއޯއީތަކުގެ މާލީ ހިސާބުތަކުގެ އޮޑިޓްތަކުގެ ތެރެއިން މިހާތަނަށް ނިންމައި އާންމު ކޮށްފައިވަނީ އެންމެ ހަތަރު ރިޕޯޓެވެ. އަދި 40 ޕަސެންޓު ކުންފުނިތަކުގެ އޮޑިޓުގެ މަސައްކަތް އަދި ނުފަށާ ކަމަށް އޮޑިޓް އޮފީހުން މަޖިލީހާ ހިއްސާކުރި މައުލޫމާތުތަކުން އެނގެ އެވެ. އޮޑިޓް އޮފީހުން ބުނީ، ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިން މާލީ ބަޔާންތައް ހުށަހަޅާފައިވަނީ 16 ކުންފުންޏަކުން ކަމަށެވެ. މާލީ ބަޔާންތައް ފުރިހަމައަށް ނުލިބޭ ތަންތަނުގެ އޮޑިޓް ރިޕޯޓުތައް ނިންމަން އުނދަގޫ ކަމަށް ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

"19 ޖޫންއާ ހަމައަށް ވެސް، ނުލިބިވާ ތަންތަނުން ވެސް ލިބިފައިވަނީ އިތުރު ތިން ތަނެއް. އަދި ވެސް 10 ތަނެއްގެ މާލީ ބަޔާންތައް ސަބްމިޓް ނުކޮށް ހުރީ،" އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލީ ބަޔާންތައް ނުލިބޭތީ އެކަން ޕީސީބީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.

އޮޑިޓް މަސައްކަތްތަކުގެ ތެރެއިން އޮޑިޓަ ޖެނެރަލްގެ އޮފީހުން އެންމެ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ އެއް ބަޔަކީ ކައުންސިލްތަކުގެ އޮޑިޓުތަކެވެ. ތަފާސްހިސާބުތަކށް ބަލާއިރު ލޯކަލް ކައުންސިތްތަކުގެ އޮޑިޓުތަކުގެ ތެރެއިން މިހާތަނަށް ނިންމާފައިވަނީ 16 ރިޕޯޓެވެ. އަދި ރިޕޯޓު ތައްޔާރު ކުރުމުގެ މަރުހަލާގައި 92 އޮޑިޓެއް އޮތް އިރު ފީލްޑް މަސައްކަތުގައި 80 އޮޑިޓެއްގެ މަސައްކަތް އެބަ އޮތެވެ.