ދިވެހި ރައްޔިތުން ގަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަން ކަމަށް ރައީސް ޑރ. މުހައަމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
25 ޖޫން 2025
ދިވެހި ރައްޔިތުން ގަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަން ކަމަށް ރައީސް ޑރ. މުހައަމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ރަސޫލާގެ މާތް ސުންނަތުން ފެންނަން ހުރި ކޮންމެ ކަމަކީ ވެސް، ހުރިހާ ޒަމާނެއްގައި މުސްލިމުންގެ ތަމައްދުނަށް އަގުހުރި ފިލާވަޅުތަކެއް ކަމަށެވެ.
"މިފަދަ ކޮންމެ މުނާސަބަތެއްގައިމެ، ދިވެހި ރައްޔިތުން ގަބޫލު ކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމެވެ. ދިވެހި މުޖްތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުސޫލުގައި ދެމިތިބެގެން ކަމެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިސްލާމީ އުންމަތަށް މިއީ، ކެތްތެރިކަމާ އެކު ﷲގެ ހަޟުރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުއުކުރުން އިތުރު ކުރަން ޖެހިފައިވާ ވަގުތެއް ކަމަށެވެ. ހަނގުރާމައިގެ ނުތަނަވަސް ހާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ގައުމުތައް ދާދިފަހުން ތަހައްމަލު ކުރިއިރު، ދިވެހި ރައްޔިތުންގެ އިހްލާސްތެރި ދުއާތައް ވަނީ މުސްލިމް އަޚުންނާއި އުޚްތުންނާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހި މުޖްތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުސޫލުގައި ދެމިތިބެގެން ކަމެވެ. -- ރައީސް
"ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އަޅުގަނޑުމެން އެދޭހިނދު، އެ ސަރަހައްދުގެ މުސްލިމް ހުރިހާ ވަތަނަކަށްމެ، ސިލްމާއި ރައްކާތެރިކަން މިންވަރު ކޮށްދެއްވުން އެދި ﷲގެ ހަސްރަތުގައި ދަންނަވަމެވެ." ރައީސްގެ ހިތޯބުގައިވެ އެވެ.
- މާތް ނަބިއްޔާ، އެކަލޭގެފާނު އުފަންވެ ވަޑައިގަތް ބިން ދޫކުރައްވައި، ﷲގެ އަމުރުފުޅާ އެއްގޮތަށް މަދީނާއަށް ހިޖުރަ ކުރެއްވުމަކީ، އިސްލާމީ އުންމަތަށް އެތައް ހާސް އިބްރަތެއް ލިބިދޭ ތާރީހީ ހާދިސާއެއް ކަމަށާއި ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެއްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ގައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރު ވެސް، ކާމިޔާބު ހާސިލުކުރުމުގައި ހިފަހައްޓަންވީ ހިކްމަތްތެރި ހަމަތަކެއް ކަމަށް.
- ހިޖުރައިގެ ދަތުރުފުޅަށް ދުރާލާ ތައްޔާރުވެ ވަޑައިގެން، ހުރިހާ ކަމެއް ގެންދަވާނެ ގޮތް ރޭއްވެވުން ދޭހަކޮށްދެނީ، ކަމެއް ކާމިޔާބު ކުރުމަށް ބުއްދިވެރިކަމާ އެކު ޕްލޭން ކުރުމުގެ މުހިންމު ކަން ކަމަށް.
- ހިޖުރައިގެ ދަތުރުފުޅުގެ ހައެއްކަ މަސް ކުރިއަށް ދަތުރުފުޅުގެ ސަވާރީ ހޯއްދަވައި، ހާނުއްވަން ފެއްޓެވި ކަމަށާާއި މަދީނާއަށް ހިޖުރަ ކުރައްވަމުން ދިޔަ ސަހާބީންގެ ފުށުން ޚަބަރުތައް އޮޅުންފިލުއްވަމުން ގެންދެވި ކަމަށް މަދީނާގެ ކަމުވޮށީންގެ ދެ ވަފްދަކާ އެކު ދުރާލާ މަޝްވަރާ ކުރައްވައި ބައިއަތު ހިއްޕެވި ކަމަށް. އަދި މުޅި ދަތުރުފުޅުގެ މިސްރާބާއި މަންޒިލްތައް ކަނޑައެޅުއްވުމުގައި ސިއްރު ހިފެހެއްޓެވި ކަމަށް
- އެނދުދާންކޮޅުގައި އަލީގެފާނު ބޭއްވެވުމާއި، އާންމުކޮށް މަދީނާގެ ދަތުރަށް މީހުން މިސްރާބު ހިފާ މަގާ ދުރުގައި ހުރި ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިން ރޭ މަޑުކުރެއްވުމާއި، ދަތުރުފުޅު ކުރެއްވި މަގުގެ ފިޔަވަޅުތަކާއި ނިޝާންތައް އެހެން ބަޔަކަށް ނުފެންނާނޭހެން ފޮއްސެވުމަށް ސަހާބީ ބޭކަލެއްކަމުގައިވާ އާމިރު ބިން ފުހައިރާއާ ހަވާލުކުރެއްވުން ފަދަ ކަންކަމުން އަންގައިދެނީ، ﷲއަށް ވަކީލު ކުރުމާ އެކު، ވާދަވެރީންގެ ކެހިވެރިކަމުން މިންޖުވާން މާއްދީ ސަބަބުތަކުގައި ހިފުމުގެ މުހިންމު ކަން ކަމަށް
ރައީސްގެ ޚިތާބުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ދަތުރުފުޅުމަތީގައި އުޅުއްވާއިރު، މުޝްރިކުންގެ ޚަބަރުތައް ގެނެސްދެއްވުން ހަވާލުކުރެއްވީ، ޒުވާން ސަހާބީ އަބްދުﷲ ބިން އަބޫބަކުރާ ކަމަށާއި ފަރިއްކޮޅު ގެނަސްދެއްވުން ހަވާލުކުރެއްވީ ހިތްވަރުގަދަ އަންހެން ސަހާބީ އަސްމާ ބިންތު އަބޫބަކުރާ ކަމަށްވުމުން އިސްލާމީ މުޖްމަތަމައުގެ ކާމިޔާބީގައި އަންހެނުންނާއި ޒުވާނުންގެ ދައުރާއި ހިއްސާގެ ބޮޑުކަން އެނގިގެންދާ ކަމަށެވެ.
"މައްކާއަށް މަގުދައްކާ އާރުކާޓީއެއްގެ ގޮތުގައި މި ހައްސާސް ދަތުރުފުޅުގައި ހިޔާރުކުރެއްވީ، އެކަމުގެ ތަޖްރިބާކާރެއް ކަމުގައިވާ އަބްދުﷲ ބިން އުރައިގަތެވެ. އެއީ އޭރު ޣައިރު މުސްލިމެކެވެ. މިއީ މުސްލިމުން އިތުރު ތަޖްރިބާ ބޭނުންވާ ކަންކަމުގައި، އެކަންކަމަށް މޮޅު، އިތުބާރު ހުރި، ޣައިރު މުސްލިމުންގެ ބޭނުން ހިފުމުގެ މިސާލެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަދީނާއަށް ކީރިތި ރަސޫލާ ވަޑައިގެން އެންމެ އިސްކަން ދެއްވީ، މުހާޖިރިއްޔަ ބޭކަލުންނާއި އަންސާރުންގެ މެދުގައި މުއާހާތު ކުރައްވައި މުސްލިމުންގެ އެކުވެރިކަން ބަދަހިކުރައްވަން ކަމަށެވެ. އަދި މަދީނާގެ ސަރަހައްދުގައި ދިރިއުޅޭ އެހެން އަގީދާތަކުގެ އަހުލުވެރީންނާ އެކު ސުލްހައިގެ އެއްބަސްވުންތައް ގާއިމު ކުރައްވައި، އެކި ފިކުރުތަކުގެ މީހުންނާ ލާމެހި މަސަލަސްކަމާއެކު ދިރިއުޅުމުގެ ނަމޫނާ ދެއްކެވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މަދީނާ ބިނާކުރައްވައި އާރޯކަން އިތުރުކުރައްވައި، ރަށްވެހި ރީތި ސަހަރަކަށް ހެއްދެވުމަށެވެ. ތަރުތީބު އަދި ތަހުޒީބު ނިޒާމެއް ގާއިމު ކުރައްވައި ތަންފީޒު ކުރެއްވުމަށެވެ،" ރައީސްގެ ހިތޯބުގައިވެ އެވެ.
އިސްރާފު ނުކުރުމުގެ އާދަ ހިފަހައްޓަން ޖެހޭ: ރައީސް
އޯވަޓައިމް ހޯދަން ރަސްމީގަޑީގެ ބޭރުން މަސައްކަތް ނުކުރޭ
ލަންކާގައި ކިޔަވާ މީހުންގެ އާއިލާތަކަށް ވެސް ވިސާ
"ލަންކާއަކީ ތަރައްގީގެ އެންމެ ގާތް އެއް ބައިވެރިޔާ"
ލަންކާގެ ރައީސަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ސޯބިރު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެއަށް ވަޑައިގެންފި
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ހުޅުވައިފި
އާ ޓާމިނަލްގައި ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ