Roadha Mihaaru

ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތުން ފެށިގެން ސިފައިންގެ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުންނާއި، އަދި ކޯސްޓްގާޑުގެ އުޅަނދުތަކުން ކަނޑުމަގުން ސާޗްކުރަމުންދާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ވެސް އެ މީހާ ފެނިފައެެއް ނުވެ އެވެ.

ސާޗް އޮޕަރޭޝަންގެ ތަފްސީލް:

- ސާފަސް ސާޗް - 1035 ސްކްއާ ނޯޓިކަލް މޭލް.

- އޭރިއަލް ސާޗް - 1496 ސްކްއާ ނޯޓިކަލް މޭލް.

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލިއިރު އެ އުޅަނދުގައި ހަ މީހުން ތިއްބެވެ.

ސިފައިންގެ ތިން މީހަކާއި ބަންގްލަދޭޝްގެ ތިން މީހަކު ތިބި އެ ލޭންޑިން ކްރާފްޓުން ދަތުރުކުރި ބިދޭސީ މީހާ އާއި ސިފައިންގެ މީހަކު އެ ހާދިސާގައި ގެއްލުނެވެ. އޭގެ ތެރެއިން ސިފައިންގެ އެކަކު ކަނޑު އަޑިން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ. ތ. ހިރިލަންދުއަށް ނިސްބަތްވާ ހާމިދަކީ ސިފައިންގެ ހިދުމަތުގައި 27 އަހަރު ވަންދެން އުޅުއްވާފައިވާ އޮފިސަރެކެވެ.

ނަމަވެސް ދެން ތިބި މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

އެ ހާދިސާ ހިނގި ގޮތް އަދި ސާފުނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.