Roadha Mihaaru

ނުހެދި ދިގުލައިގެން ގޮސްފައިވާ ހަންކެޑެ އެންމެ ފަހުން ހަލާލު ޓޫރިޒަމަށް

ނުހެދި ދިގުލައިގެން ގޮސްފައިވާ ސ. ހަންކެޑެ ހަލާލު ޓޫރިޒަމްގެ ރަށަކަށް ހަދަން ސަރުކާރުން ނިންމައިފި އެވެ.

ހަންކެޑެ އެންމެ ފަހުން ހަލާލު ޓޫރިޒަމަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

29 ޖޫން 2025

ނުހެދި ދިގުލައިގެން ގޮސްފައިވާ ސ. ހަންކެޑެ ހަލާލު ޓޫރިޒަމްގެ ރަށަކަށް ހަދަން ސަރުކާރުން ނިންމައިފި އެވެ.

މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ، މީގެ 20 އަހަރު ކުރިން، 2005 ގަ އެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން މި މަޝްރޫއު ހިންގަން އިއުލާންކޮށް، މިހާތަނަށް އޮތީ ކުރިއަށް ނުގެންދެވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ނިންމާފައިވާ އިރު އޭގެ ތެރޭގައި އައްޑޫ ސިޓީ ހަންކެޑެ ވެސް ހިމެނޭ ކަމަށެވެ.

އެ ނިންމެވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އަންނަނީ އެ މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ސ. ހަންކެޑެ. އެ ރަށުގެ ރިސޯޓު ހެދުމަށް ކަނޑައަޅާފައިވާ ސަރަހައްދު -- ފޮޓޯ: މިހާރު

ސ. ހަންކެޑެ. އެ ރަށުގެ ރިސޯޓު ހެދުމަށް ކަނޑައަޅާފައިވާ ސަރަހައްދު -- ފޮޓޯ: މިހާރު

މިދިޔަ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ހެންކެޑެ ތަރައްގީ ކުރަން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކުރި އެވެ.

ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށެނީ އެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސިން ހަމަނުޖެހޭތީކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު އެކަން ރަސްމީކޮށް އެމްއެފްއެމްސީ އިން ހާމައެއް ނުކުރެ އެވެ. އެ މަޝްރޫއު ލަސްވާތީ، އެކަން ބެލުމަށް މީގެ ދެ މަސްކުރިން މަޖިލީހަށް ވެސް މައްސަލައެއް ވައްދާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، އައްޑޫ ސިޓީގެ ހަންކެޑެ "ހަލާލް ޓޫރިޒަމް"ގެ ގޮތުގައި ތަރައްގީ ކުރުމުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ ޑައިވާސިފައި ކުރަން އިތުރަށް މަގުފަހިވާނެ ކަމަށެވެ.

ސ. ހަންކެޑެ. އެ ރަށުގެ ރިސޯޓު ހަދަން ކަނޑައަޅާފައިވާ ސަރަހައްދު. -- ފޮޓޯ: މިހާރު

ސ. ހަންކެޑެ. އެ ރަށުގެ ރިސޯޓު ހަދަން ކަނޑައަޅާފައިވާ ސަރަހައްދު. -- ފޮޓޯ: މިހާރު

އައްޑޫ ރައްޔިތުންގެ ބޮޑު އުންމީދަކާ ގުޅިފައިވާ ހަންކެޑެ ތަރައްގީ ކުރަން މީގެ ކުރިން ތިން ކުންފުންޏަކާ އެކިއެކި ސަރުކާރުތަކުން ހަވާލުކުރި އެވެ. ފުރަތަމަ އެ މަސައްކަތް ހަވާލުކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ. މީގެ 18 އަހަރު ކުރިން އެ މަސައްކަތް ހަވާލު ކުރި އެ މަޝްރޫއު ކުރިއަށް ނުދިއުމުން 2،500 ޑޮލަރުން ޖޫރިމަނާކޮށް، ތޫނޑު އަތުން ސަރުކާރަށް ހަންކެޑެ ނެގި އެވެ. އޭގެ ފަހުން 2008 ގައި ހަންކެޑެގެ މަސައްކަތް ހަވާލުކުރީ ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުނިން ސާމްޕަލް ރޫމެއް ވެސް ހެދި އެވެ. އެކަމަކު އެހިސާބުން މަސައްކަތް ހުއްޓުނީ އެވެ.

އޭގެފަހުން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ހަންކެޑެ ތަރައްގީ ކުރަން ސަރުކާރުން ހަވާލުކުރި އެވެ. އޭރު އެ ކުންފުނިން ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭންތަކެއް ވެސް މީޑިއާތަކާ ހިއްސާކޮށް ހަންކެޑެ 2014 ގައި ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިދުމަތަށް ހުޅުވައިލާނެ ކަމަށް ވެސް ބުންޏެވެ. ސިންގަޕޫރުގެ ކުންފުންޏަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ.