Roadha Mihaaru

ހުޅުމާލެ 2 ގެ އާ ސްކޫލަށް ޝަހީދު އަލިރަސްގެފާނަށް ނިސްބަތްކޮށް ނަން ދެނީ

ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ އާ ސްކޫލްގެ ނަން ޝަހީދު އަލިރަސްގެފާނުގެ ނަމަށް ނިސްބަތްކޮށް، "ޝަހީދު އަލީ ސްކޫލް" ގެ ނަން ދޭން ނިންމައިފި އެވެ.

ހުޅުމާލެ 2 ގެ އާ ސްކޫލްގެ ނަމަކީ ޝަހީދު އަލީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

03 ޖުލައި 2025

ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ އާ ސްކޫލްގެ ނަން ޝަހީދު އަލިރަސްގެފާނުގެ ނަމަށް ނިސްބަތްކޮށް، "ޝަހީދު އަލީ ސްކޫލް" ގެ ނަން ދޭން ނިންމައިފި އެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން ޑިސެމްބަރު، 2023 ގައި ބިން އަޅައި، އިމާރާތްކުރަމުންދާ އެ ސްކޫލުގެ މަސައްކަތް ބެއްލެވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު އެ ތަނަށް ކުރެއްވި ޒިޔާރަތަށް ފަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސްކޫލަށް "ޝަހީދު އަލީ ސްކޫލް" ގެ ނަން ދިނުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

"ރައީސް ނަން ދެއްވާފައިވަނީ ޝަހީދު އަލިރަސްގެފާނަށް ނިސްބަތްކޮށް، އެ މަނިކުފާނުގެ ޒިކުރާ އާކޮށް ކުދިންގެ ހިތުގައި އެ ރަސްގެފާނުގެ އަގުވަޒަން ކުރުމުގެ ނިޔަތުގައި. މި ސްކޫލަށް ޝަހީދު އަލީ ސްކޫލުގެ ނަން ދިނުމަށް ރައީސް ނިންމެވީ،" އިސްމާއިލް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވައިދޭން ފަށަން ނިންމާފައިވާ އެ ސްކޫލްގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު އެއްކޮށް ނިންމާލުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ 2 ގައި އަލަށް އިމާރާތްކުރަމުން އަންނަ އާ ސްކޫލް .-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތްކުރަމުން އަންނަ އާ ސްކޫލް .-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާ އެ ސްކޫލަކީ އެއްދަންފަޅި އަށް 1،500 ކުދިންނަށް ކިޔެވޭނެ ޖާގަ ގޮތް ސްކޫލެކެވެ. އަދި އެ ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމުގެ އިތުރުން 20 މީހުންގެ ޖާގައިގެ ތިން ލިފްޓް ހަރުކޮށް، ހުރިހާ ކްލާސްރޫމެއް ހުންނާނީ އޭސީ ކޮށްފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މުޅި ސްކޫލަށް ބޭނުންވާ ކަރަންޓް އުފައްދާނީ ސޯލާ ހަކަތައިންނެވެ.

އޭގެ އިތުރުން އެ ސްކޫލު ނިމޭއިރު މާލެ ސަރަހައްދުގައި ހުންނާނެ އެންމެ ބޮޑު ސްކޫލް ލައިބްރަރީގެ އިތުރުން އޮޑިޓޯރިއަމް އާއި ހޯލަކާއި ސްޓާފް ކެންޓީން ވެސް ހުންނާނެ ކަމަށް މިނިސްޓަރު އިސްމާއިލް ވިދާޅުވި އެވެ.

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ސްކޫލުގެ މަސައްކަތްތައް މިނިސްޓަރު އިސްމާއިލް މިއަދު ބައްލަވާލައްވަނީ --- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ސްކޫލުގެ މަސައްކަތްތައް މިނިސްޓަރު އިސްމާއިލް މިއަދު ބައްލަވާލައްވަނީ --- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިިދިޔަ މަހު މިނިސްޓްރީން ވަނީ އެ ސްކޫލުން ޖާގަ ބޭނުންވާ ދަރިވަރުންނަށް ޖާގައަށް ހުޅުވާލައިފަ އެވެ.

މިނިސްޓްރީން ނިންމާފައިވަނީ އެ ސްކޫލުން ޖާގަ ބޭނުންވާ ކުދިން ގިނަނަމަ ދެ ދަންފަޅި އަށް ބަދަލު ކުރުމަށެވެ. އެއީ ވީހާ ވެސް ގިނަ ކުދިންނަށް ފަސޭހަކޮށް، ގެއާ ކައިރި ސްކޫލަކަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ.