Roadha Mihaaru

ފަލަސްތީން ޓީމުގައި ޗިލީއަށް އުފަން ގިނަ ކުޅުންތެރިންތަކެއް

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ފަލަސްތީނުން ހޯދުމަކީ އެ ގައުމުގެ ފުޓްބޯޅައިގައި މިހާތަނަށް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބީ އެވެ. އެ ކާމިޔާބީ އަކީ އެ ގައުމުގެ ފުޓްބޯޅައިގެ ބިންގަލެވެ. މިދިޔަ ދެ އަހަރެއްގެ ތެރޭގައި އެ ގައުމުގެ ފުޓްބޯޅަ ވަނީ ވަރަށް ބޮޑަށް ކުރިއަރައިފަ އެވެ. ކުރިއަށް ވުރެން ޓީމު އިތުރަށް ވަރުގަދަ ވެފަ އެވެ.

ފަލަސްތީނުގައި ޗިލީއަށް އުފަން ގިނަ ކުޅުންތެރިންތަކެއް
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

25 މާޗް 2017

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ފަލަސްތީނުން ހޯދުމަކީ އެ ގައުމުގެ ފުޓްބޯޅައިގައި މިހާތަނަށް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބީ އެވެ. އެ ކާމިޔާބީ އަކީ އެ ގައުމުގެ ފުޓްބޯޅައިގެ ބިންގަލެވެ. މިދިޔަ ދެ އަހަރެއްގެ ތެރޭގައި އެ ގައުމުގެ ފުޓްބޯޅަ ވަނީ ވަރަށް ބޮޑަށް ކުރިއަރައިފަ އެވެ. ކުރިއަށް ވުރެން ޓީމު އިތުރަށް ވަރުގަދަ ވެފަ އެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު މާލޭގައި ފަލަސްތީނު ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. ޗެލެންޖް ކަޕްގައި މިދެ ޓީމު ކުޅުނު މެޗު ނިމިގެންދިޔައީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މިހާރުގެ ގައުމީ ޓީމުގައި ގިނަ ކުޅުންތެރިންތަކެއް ތިބި ނަމަވެސް ފަލަސްތީނު ޓީމުގައި ތިބީ އެ މުބާރާތުގައި ކުޅުނު މަދު ކުޅުންތެރިންނެވެ. ރާއްޖެއާ ދެކޮޅަށް ކުޅެން ނެރުނު ފަލަސްތީނުގެ ސްކޮޑުގައި ހިމެނެނީ އޭއެފްސީ ޗެލެންޖް ކަޕްގައި ކުޅުނު ހަތަރު ކުޅުންތެރިއެކެވެ.

ފަލަސްތީނު ޓީމުގެ ކޯޗު އަބްދުލް ނާސިރު ބަރަކާތު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑު އިއުލާންކުރިއިރު، މާ ބޮޑު ބަދަލެއް އެ ޓީމަށް ނުގެނެ އެވެ. ތަޖުރިބާކާރު ކުޅުންތެރިންނާ އެކު ޒުވާން ކުޅުންތެރިން ލައިގެން ނެގި މި ސްކޮޑާ އެކު އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ފަލަސްތީނު ޓީމަށް ވަނީ ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ޗިލީ އަށް އުފަން ފަސް ކުޅުންތެރިއަކާއި އިޒްރޭލާއި ސްލޮވީނިއާ އަށް އުފަން ކުޅުންތެރިން ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ އެ ގައުމުތަކުގައި ކުޅެފައިވާ ކުޅުންތެރިންނެވެ.

ފަލަސްތީނުގެ ފޯވާޑް ޔަޝިރު ޕިންޓޯ.--

ފަލަސްތީނުގެ ފޯވާޑް ޔަޝިރު ޕިންޓޯ.--

ޗިލީ އަށް އުފަން ތަޖުރިބާކާރު ޑިފެންޑަރު އަލެކްސިސް ނޮރަމްބީނާ ފުރަތަމަ ފަލަސްތީނަށް މެޗެއް ކުޅުނީ 2012 ވަނަ އަހަރު ޔަމަންއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގަ އެވެ. އޭގެ ފަހުން ފަލަސްތީން ޓީމަށް ނުކުޅެ ހުރުމަށް ފަހު އެނާ އަލުން ޓީމާ ގުޅުނީ 2015 ވަނަ އަހަރު އެވެ. އުމުރުން 31 އަހަރުގެ ނޮރަމްބީނާ އަކީ ޗިލީގެ ކްލަބްތަކަށް ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ.

ފަލަސްތީނު ޓީމުގައި ފަހަކަށް އައިސް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޗިލީ އަށް އުފަން އެޓޭކިން މިޑްފީލްޑަރު ޖޮނަތަން ކެންޓިލާނާ އެންމެ ފުރަތަމަ ފަލަސްތީނަށް މެޗެއް ކުޅުނީ މިދިޔަ އަހަރު ލެބަނަންއާ ދެކޮޅަށެވެ. އޭގެ ފަހުން ފަލަސްތީނަށް ކުޅެދިން އަށް މެޗުން އޭނާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. މި ވަގުތު ކެންޓިލާނާ ކުޅެމުން އަންނަނީ ފަލަސްތީނު ލީގުގަ އެވެ. މިދިޔަ އަހަރު އޭނާ ކުޅުނީ މެލޭޝިއާ ލީގުގަ އެވެ.

އުމުރުން 27 އަހަރުގެ ޗިލީ އަށް އުފަން ޕަބްލޯ ޓަމްބުރީނީ ފަލަސްތީނު ގައުމީ ޓީމަށް ކުޅެން ފެށީ މިދިޔަ އަހަރު އެވެ. ކުރިން ޗިލީގެ މަޝްހޫރު ކްލަބްތަކަށް ކުޅެފައިވާ ޕަބްލޯ ޓަމްބުރީނީ މިހާތަނަށް ފަލަސްތީނަށް ކުޅެދިން ހަތް މެޗުން ވަނީ އެއް ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ މެދުތެރޭގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ފެންވަރުގެ ކުޅުންތެރިއެކެވެ.

ޔަޝިރް ޕިންޓޯ ފަަލަސްތީން ޓީމަށް ކުޅެން ފެށީ ޗިލީގެ ސީނިއާ ޓީމުން އޭނާ އަށް ފުރުސަތު ނުލިބުމުންނެވެ. ޕިންޓޯ ވަނީ ޗިލީގެ 18، 19 އަދި 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި މި ތިން ޓީމަށް ކުޅެދިން 31 މެޗުން އޭނާ ވަނީ 18 ލަނޑު ޖަހައިފަ އެވެ. މި ވަގުތު މެލޭޝިއާގެ ޕެރާކަށް ކުޅެމުން އަންނަ ޕިންޓޯ ވަނީ މިދިޔަ އަހަރު ފަލަސްތީނު ޓީމަށް ކުޅެން ފެށި ފަހުން މިހާތަނަށް އެ ޓީމަށް ކުޅެދިން ހަތަރު މެޗުން ތިން ލަނޑު ޖަހައިފަ އެވެ. އެންމެ ފަހުން ޔަމަނާ ދެކޮޅަށް ކުޅުނު މެޗުން ފަލަސްތީނު މޮޅުކޮށްދިން ލަނޑު ޖެހީ ވެސް ޕިންޓޯ އެވެ.

ފަލަސްތީނުގެ މެޗެއްގެ ތެރެއިން މަޓިއަޝް ބޮލުން ބޯޅަ ފޮނުވާލަނީ.--

ފަލަސްތީނުގެ މެޗެއްގެ ތެރެއިން މަޓިއަޝް ބޮލުން ބޯޅަ ފޮނުވާލަނީ.--

ފަލަސްތީނު ސްކޮޑުގައި މި ފަހަރު ހިމެނުނު ޗިލީ އަށް އުފަން އަނެއް ފޯވާޑަކީ މެލޭޝިއާގެ ސެލަންގޯ އަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ މަޓިއަޝް ޖެޑޫ އެވެ. ކުރިން ޗިލީގެ 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ މަޓިއަޝް ވަނީ އެ ގައުމުގެ އެއް ވަނަ ޑިވިޝަނުގައި ދެ އަހަރު ކުޅެފަ އެވެ. އޭނާ ފަލަސްތީނު ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރު އެވެ.

ފަލަސްތީނު ޓީމުގައި ހިމެނޭ އިޒްރޭލަށް އުފަން އުމުރުން 17 އަހަރުގެ އޮޑޭ ޑޭބޯ އާއި ސްލޮވީނިއާ އަށް އުފަން ޖަކާ އިބިޝިއޭ އަކީ މެދުތެރެއަށް ކުޅޭ ކުޅުންތެރިންނެވެ. ޑޭބޯ ފަލަސްތީން ޓީމަށް ނެގީ މި ފަހަރު އަލަށެވެ. އޭނާ ކުޅެމުން އަންނަނީ ފަލަސްތީނުގެ ކްލަބް ހިލާލް އަލް ގުދުސް އަށެވެ.

އިބިޝިއޭ ފުރަތަމަ ފަލަސްތީނުގެ ސްކޮޑަށް ނެގީ 2015 ވަނަ އަހަރުގެ އޭޝިއަން ކަޕަށެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ޖޯޑަން އަތުން 5-1 އިން ފަލަސްތީނު ބަލިވި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ އިބިޝިއޭ އެވެ. މިއީ ފަލަސްތީނުން އޭޝިއަން ކަޕްގައި ޖެހި ފުރަތަމަ ލަނޑެވެ.

އޭޝިއަން ކަޕް މެޗެއްގެ ތެެރެއިން ފަލަސްތީނުގެ އިބިޝިއޭ މެއިން ބޯޅަ ކޮންޓްރޯލް ކުރަނީ.--

އޭޝިއަން ކަޕް މެޗެއްގެ ތެެރެއިން ފަލަސްތީނުގެ އިބިޝިއޭ މެއިން ބޯޅަ ކޮންޓްރޯލް ކުރަނީ.--

އުމުރުން 30 އަހަރުގެ އިބިޝިއޭ ވަނީ ޔޫރަޕްގެ ގިނަ ކްލަބްތަކަށް މީގެ ކުރިން ކުޅެފަ އެވެ. އޭނާ ވަނީ މިހާތަނަށް ފަލަސްތީނަށް ކުޅެދިން 11 މެޗުން ހަތަރު ލަނޑު ޖަހައިފަ އެވެ.

ރާއްޖެ މެޗަށް ނެގި ފަލަސްތީނު ސްކޮޑުން ސްވިޑަން ލީގާއި ޗިލީ އަދި އުރުގުއޭ ލީގުގައި ކުޅޭ އެ ޓީމުގެ ކުޅުންތެރިންނަށް ފުރުސަތު ނުދެ އެވެ.

ފަލަސްތީނު ޓީމުގައި މިދިޔަ ދެ އަހަރު ތެރޭގައި އެހެން ގައުމުތަކުގެ ކުޅުންތެރިން ހިމެނުމަކީ އެ ގައުމުގެ ފުޓްބޯޅަ އަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމެކެވެ. ޗެލެންޖް ކަޕްގެ ކާމިޔާބީން ފެށިހެން މިހާތަނަށް އެ ޓީމުގެ ފުޓްބޯޅަ އަޑިއަޅާލާފައިނުވެ އެވެ. އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިނަމަވެސް އޭގެ ފަހުން ކުޅުނު މެޗުތަކުގައި ސައުދީ އެރެބިއާއާ އެއްވަރުކޮށް މެލޭޝިއާ އަތުން 6-0 އިން ވަނީ މޮޅުވެފަ އެވެ. އަދި ޓިމޯ ލެސްޓޭ އަތުން 7-0 އިން މޮޅުވި އެވެ.