Roadha Mihaaru
ޕީޖީ ގްރޫޕްގެ ބައްދަލުވުން މާލެ އަށް ބަދަލުކޮށްފި!

ރިސޯޓުގައި ބާއްވަން ނިންމި ޕީޖީ ގްރޫޕްގެ ބައްދަލުވުން މާލެ އަށް ބަދަލުކޮށްފި!

26 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން އޮޅުވެލި ރިސޯޓުގައި މިރޭ ބާއްވަން ނިންމި ޕީޕީއެމް/ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުން މާލެ އަށް ބަދަލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން އޮޅުވެލި ރިސޯޓުގައި މިރޭ ބާއްވަން ނިންމި ޕީޕީއެމް/ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުން މާލެ އަށް ބަދަލުކޮށްފި އެވެ.

ކުރިން ހަމަޖައްސާފައި އޮތީ، މެންދުރު ފަހު މެމްބަރުން ރިސޯޓަށް ވަޑައިގެން މިރޭ އެތަނުގައި ބައްދަލުވުން ބާއްވާށެވެ. އެކަމަކު އެ ނިންމުން ބަދަލުކުރި ކަން މީގެ ގަޑިއެއްހާއިރު ކުރިން މެމްބަރުންނަށް ވަނީ އަންގައިފަ އެވެ.

ޕީޕީއެމްގެ މެމްބަރަކު ވިދާޅުވީ ރިސޯޓުގެ ބަދަލުގައި ބައްދަލުވުން މާލޭގައި ބާއްވަން ނިންމައި، މީގެ ގަޑިއެއްހާއިރު ކުރިން މެސެޖް ލިބިފައިވާ ކަމަށެވެ. ޕީޕީއެމްގެ އާ އޮފީސް ހުޅުވި ފަހުން، ޕީޖީ ގްރޫޕްގެ ބައްދަލުވުން އާއްމުކޮށް ބާއްވަނީ އެ އޮފީހުގަ އެވެ.

ރިސޯޓުގެ ބަދަލުގައި މާލޭގައި ބައްދަލުވުން ބާއްވަން ނިންމިއިރު، އެނގިފައިވާ ގޮތުގައި އެކި ސަބަބުތައް ދެއްކެވުމަށް ފަހު، ރިސޯޓަށް ނުދެވޭނެ ކަން ބައެއް މެމްބަރުން ވަނީ އަންގައިފަ އެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހަައްމަދުގެ ރިސޯޓަށް މެމްބަރުން ފުރަން ކުރިން ކަނޑައަޅާފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. މާދަމާގެ ޖަލްސާއަށް އެ މެމްބަރުން މާލެ ވަޑައިގަންނަވަން ރިސޯޓުން ފުރާވަޑައިގަންނަވާނީ މާދަމާ ހެނދުނު 7:45 ގަ އެވެ.

މެމްބަރުން ރިސޯޓަށް ވަޑައިގަންނަވާއިރު، ޖަލްސާ އަށް ތައްޔާރުވެވޭ ގޮތަށް ހުދު ގަމީހާއި ޓައީ ގެންދެވުމަށް ވެސް މެމްބަރުންނަށް ވަނީ އަންގަވައިފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގައި ޖުމްލަ 51 މެމްބަރުން ތިއްބަވަ އެވެ.

މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްވާނީ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، އިދިކޮޅު ފަރާތްތަކަށް 42 ވޯޓު ލިބިގެންނެވެ. މިހާތަނަށް މަޖިލިހުގައި ނެގި ބޮޑެތި ވޯޓްތަކުގައި އިދިކޮޅު ފަރާތްތަކަށް ގިނަވެގެން ހޯދިފައި ވަނީ 31 ވޯޓެވެ.

އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަނީ ބޭނުންވާ އަދަދަށް މިފަހަރު ވޯޓު ހަމަވެފައިވާ ކަމަށެވެ.