Roadha Mihaaru
100 ފަހަރު ހުށަހެޅިއަސް ވޯޓު ފެއިލްކުރާނަން: ނިހާން

މަސީހުގެ އިތުބާރު ނެތް ކަމަށް 100 ފަހަރު ހުށަހެޅިއަސް ފެއިލްކޮށްލާނަން: ނިހާން

09 އެޕްރީލް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އިދިކޮޅު ފަރާތްތަކުން 100 ފަހަރަށް ހުށަހެޅިއަސް ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން އެ ވޯޓު ކާމިޔާބުވިޔަ ނުދޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އިދިކޮޅު ފަރާތްތަކުން 100 ފަހަރަށް ހުށަހެޅިއަސް ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން އެ ވޯޓު ކާމިޔާބުވިޔަ ނުދޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު 31 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު މެމްބަރުން މިއަދު ވަނީ އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ.

މީގެ ކުރިން އެ މައްސަލަ ހުށަހެޅި ނަަމަވެސް ސަރުކާރު ބޭނުންވާ ގޮތަށް މިދިޔަ މަހުގެ 27 ގައި ވޯޓު ނަގައިގެން، 48 ވޯޓުން މަސީހުގެ މަގާމް ވަނީ ދިފާއުކޮށްފަ އެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 100 ފަހަރު ހުށަހެޅިއަސް އެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށް ވިދާޅުވެ، ނިހާން ޓްވީޓް ކުރެއްވިތާ ކުޑައިރުކޮޅެއްގެ ފަހުން ވަނީ، މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގެ ފުރުސަތު ހަނިކުރަން އާންމު ކޮމެޓީން ފާސްކޮށްފަ އެވެ. އެ ކޮމެޓީން ފާސްކުރި ގޮތުން ނަމަ، މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު އެވެ.

އެކަމަކު އެކަން އެގޮތަށް ނިމޭނީ ގަވައިދަށް ގެންނަ އެ އިސްލާހު މަޖިލިހުގެ ތަޅުމުން ފާސްކުރުމުންނެވެ.

މިހާރު މަޖިލިހުގެ ގަވައިދުގައިވާ ގޮތުން 15 މެމްބަރުންނަށް ވުރެ މަދު ނޫން ސޮޔާއެކު މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނެ އެވެ.

އާންމު ކޮމެޓީން މަޖިލިހުގެ ގަވައިދަށް ގެންނަން ނިންމި އިސްލާހު މަޖިލިހުގެ ތަޅުމުން ފާސްކޮށްފި ނަމަ، އޭގެ ނަތީޖާ އަކީ އިދިކޮޅު ފަރާތްތަކުން މިހާރު ހުށަހަޅާފައިވާ، މަސީހާއި މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮޓަމެޓިކުން މަޖިލިހުން ބޭރުވުމެވެ. ސަބަބަކީ ކޮމެޓީން ފާސްކުރި އިސްލާހު މަޖިލިހަށް މިހާރު ހުށަހަޅާފައިވާ ކަންކަމަށް ވެސް އެޕްލައި ކުރެވޭނެތީ އެވެ.

ނިހާންގެ ޓުވީޓް.

މިދިޔަ މަހުގެ ކުރީކޮޅު މަސީހު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 26 މެމްބަރުންގެ ސޮޔާއެކު އެވެ. މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިދިޔަ މަހުގެ 27 ގައި ބޭއްވި ޖަލްސާ ކުރި އަށް ގެންދަން ހުރަސް އެޅުމުން ވޯޓު ނެގީ، ސިފައިން ލައްވައި އިދިކޮޅު 13 މެމްބަރަކު މަޖިލިހުގެ ޗެމްބަރުން ނެރެފަ އެވެ. އެހާ ހިސާބުން އިދިކޮޅު އަނެއް 21 މެމްބަރުން ޖަލްސާ ބޮއިކޮޓްކުރީ އެވެ.

ވެރިކަން ކުރާ ޕީޕީއެމުން ހުށަހަޅައިގެން މަސީހް ވަކިކުރަން ނެގީ ރޯލް ކޯލް ވޯޓެކެވެ. މަޖިލީހުގެ ވޯޓުލާ ސިސްޓަމްތަކުގައި މައްސަލަ ހުރި ކަމަށް ބުނެ ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ނަގަން ފާސްކުރީ މައްސަލަ ޖެހިފައި ހުރި ސިސްޓަމްތައް ބޭނުންކޮށްގެންނެވެ. އެ ވޯޓުގައި މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ ބޭފުޅުންނާއި ޖަލްސާ އަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ މެމްބަރުން ވެސް ވޯޓު ދެއްވި ކަމަށް ސިސްޓަމުން ދެއްކި އެވެ.

މި ވޯޓު ނެގީ ރައްޔިތންގެ މަޖިލީހުގެ ގަވާއިދާ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ ބޭރުގެ އެކި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ ކަންބޮޑވުންފާޅުކޮށްފަ އެވެ.