Roadha Mihaaru
އޮޅުންބޮޅުން: އެމެރިކާގެ ވާހަކަ

އޮޅުންބޮޅުން: އެމެރިކާގެ ވާހަކަ

27 މާޗް 2017

އެމެރިކާގެ ވާހަކަ އެވެ. ކީއްވެތޯ އެވެ؟ އެމެރިކާގެ ރައީސަކަށް މިހާރު ހުންނެވި ބޭފުޅަކީ މުސްލިމުން ދެކެ ވަރަށް ކޯފާވާ، މުސްލިމުން ދެކެ ބިރުފުޅުގަންނަ، މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅަކަށް ވާތީވެ އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތްޕުޅުކުރެއްވި ދުވަސްވަރު ވިދާޅުވަމުން ގެންދެވީ އެއްވެސް މުސްލިމަކު އެމެރިކާ އަށް އެރިޔަ ނުދެއްވާނެ ކަމަށެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެ ރާގު ކުޑަކޮށް ބަދަލުވި އެވެ. އެމެރިކާ އަށް އައުން މަނާކުރެވުނީ މުސްލިމް އަޣްލަބިއްޔަތު އޮންނަ ހަތް ޤައުމެއްގެ މީހުންނެވެ. މުސްލިމް އަޣްލަބިއްޔަތަކާ އެކު ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިއާ އާއި ޕާކިސްތާނު އޭގެ ތެރޭގައި ނުހިމެނެ އެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ޕާކިސްތާނަކީ ޓެރަރިޒަމްގެ ހާއްޔެކެވެ. އަދި ދުނިޔޭގައި ދިރިއުޅެން އެންމެ ނުރައްކާތެރި ޤައުމެވެ.

އެމެރިކާގެ ވާހަކަ އެވެ. ކީއްވެތޯ އެވެ؟ އެމެރިކާގެ ރައީސަކަށް މިހާރު ހުންނެވި ބޭފުޅަކީ މުސްލިމުން ދެކެ ވަރަށް ކޯފާވާ، މުސްލިމުން ދެކެ ބިރުފުޅުގަންނަ، މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅަކަށް ވާތީވެ އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތްޕުޅުކުރެއްވި ދުވަސްވަރު ވިދާޅުވަމުން ގެންދެވީ އެއްވެސް މުސްލިމަކު އެމެރިކާ އަށް އެރިޔަ ނުދެއްވާނެ ކަމަށެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެ ރާގު ކުޑަކޮށް ބަދަލުވި އެވެ. އެމެރިކާ އަށް އައުން މަނާކުރެވުނީ މުސްލިމް އަޣްލަބިއްޔަތު އޮންނަ ހަތް ޤައުމެއްގެ މީހުންނެވެ. މުސްލިމް އަޣްލަބިއްޔަތަކާ އެކު ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިއާ އާއި ޕާކިސްތާނު އޭގެ ތެރޭގައި ނުހިމެނެ އެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ޕާކިސްތާނަކީ ޓެރަރިޒަމްގެ ހާއްޔެކެވެ. އަދި ދުނިޔޭގައި ދިރިއުޅެން އެންމެ ނުރައްކާތެރި ޤައުމެވެ.

ރާއްޖެއަކީ ސައްތަ އިން ސައްތަ މުސްލިމް ޤައުމެއްކަމަށް ބުނާ ޤައުމަކަށް ވާތީވެ މުސްލިމުންނާ ދެކޮޅަށް އެޅޭ ކޮންމެ ފިޔަވަޅަކީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ، އެކަމާ މެދު ވިސްނަން ޖެހޭ ކަމެކެވެ. އެމެރިކާގެ ރައީސްގެ އެންމެ އަރިސް އަދި ސިޔާސަތު ކަނޑައެޅުމުގައި ނުފޫޒު ފޯރުވޭ ހިސާބުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ނަސްލީ އިމްތިޔާޒަށް ތާއީދުކުރައްވާ، އަދި މުސްލިމުންނަށް ނަފްރަތު ކުރައްވާ، ދޮން އެމެރިކާއެއް ބޭނުންފުޅުވާ ބޭފުޅުންނެވެ. އެކަމަކު އަޅުގަނޑުމެންނަށް މިފެންނަ ކަޅު ވިލާގަނޑުގައި ރިހި ރޮނގެއް އެބަ ފެނެ އެވެ. ވިލާގަނޑުގެ ކަޅު ކުލަ ގަދަވި ވަރަކަށް ރިހި ރޮނގުގެ ކުލަ އަންނަނީ ގަދަވަމުންނެވެ. އަލިވަމުންނެވެ. އުޖާލާވަމުންނެވެ.

އެމެރިކާގެ ޤާނޫނުއަސާސީގެ މުޞަންނިފުންނަށް ވަނީ ފަރަންސޭސި އިންޤިލާބުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފަ އެވެ. އެޒަމާނުގެ ސިޔާސީ ފަލްސަފާގެ ޢިލްމުވެރިންގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފަ އެވެ. ނަތީޖާއަކަށް ވީ ޤާނޫނުއަސާސީ ފަރުމާކުރުމުގައި ތިން ބާރު ވަކިކުރި ފުރަތަމަ ޤައުމަށް އެމެރިކާ ވުމެވެ. ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި ޢަދުލު އިންޞާފް ހޯދައިދިނުމުގެ ބާރެވެ. ޤާނޫނުއަސާސީ އެކުލަވާލެވިފައި އޮންނަ ގޮތުން އެއް ބާރަކުން ޤާނޫނުއަސާސީއާ ޚިލާފު އަމަލެއް ކަމަށް ފެންނަ ކަމެއް ހިންގައިފި ނަމަ އެހެން ބާރުތަކުން އެކަމެއް ބެލޭނެ ނިޒާމެއް އޮންނަނީ ގައިމްކޮށްފަ އެވެ. މި ތިން ބާރުގެ ތެރެއިން ރައްޔިތުންނަށާއި ޤައުމަށް އެންމެ މުހިއްމު ބާރަކީ ޢަދުލުއިންޞާފުގެ ބާރެވެ. އަނިޔާއިން ރައްޔިތުން ރައްކާތެރިކުރުމާއި، ޤާނޫނުއަސާސީ ދެމެހެއްޓުމާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ރައްޔިތުންނަށް ގެއްލޭ ނުވަތަ ގެއްލިފައިވާ ހައްޤުތައް ހޯދައިދިނުމުގެ މުގުލުގައި އޮންނަނީ ޢަދުލުއިންޞާފު ގައިމުކޮށްދޭ ފަރާތެވެ. އެއްވެސް ފަރާތަކަށް ނުޖެހި އެވެ. މިހެންވުމުގެ ސަބަބުން އެމެރިކާގެ ފަނޑިޔާރުންނަށް ވަޒީފާގައި ދެމިތިބުމުގެ ގެރެންޓީ ލިބިފައި އޮވެ އެވެ. އެބޭފުޅުން ޝަރީޢަތުގެ މަޖިލީހުގައި ނިންމަވާ ނިންމެވުމެއްގެ ސަބަބުން އެބޭފުޅުންގެ ވަޒީފާގައި ދެމިތިއްބެވުމަށް ނުވަތަ އެހެން ގޮތަކުން ވެސް އެބޭފުޅުންނަށް އެއްވެސް ނުރައްކަލެއް ނުއޮވެ އެވެ.

ތިން ބާރު ވަކިކުރެވިފައި އޮންނަ ނިޒާމުގައި ރައީސްގެ ބާރު ވަރަށް ގަދަ އެވެ. މިހެންވުމާ އެކު ޤާނޫނު ހެދުމުގެ ބާރާ ހަމައަށް ނުގޮސް ވަރަށް ގިނަ ކަންތައްތައް ރައީސް އަށް ނިންމެވެ އެވެ. އެހެންނަމަވެސް އެއީ ޤާނޫނުއަސާސީއާ ޚިލާފް ނިންމެވުމެއް ކަމަށްވާ ނަމަ ޝަރީޢަތުން އެކަން ހުއްޓުވެ އެވެ. އެކަމަކު އެމައްސަލައެއް ޝަރީޢަތުން ހުއްޓުވުމަށް ކޮންމެވެސް ފަރާތަކުން އެމައްސަލައެއް ޝަރީޢަތަށް ހުށައަޅަން ޖެހެ އެވެ. އެކަމަށްޓަކައި ސަރުކާރުން ކަނޑައަޅާފައި ތިބޭ ބަޔަކު ވެސް ތިބެ އެވެ. އެޓާނީ ޖެނެރަލް އާއި އެޓާނީންނެވެ. އަދި އެކަމަށް ޝަޢުޤުވެރިވާ އަމިއްލަ ފަރާތްތަކެވެ. މިހެން އޮންނަން ޖެހޭ ސަބަބަކީ ޝަރީޢަތްކުރާ ފަރާތުން އަމިއްލައަށް އެކަމެއް ނަގައިފި ނަމަ، އެކަމެއް ނެގި ހިސާބުން އޭނާ އަށް އެއޮތީ ވަކި ފަރާތަކަށް ޖެހެވިފަ އެވެ. ފަނޑިޔާރުންގެ މަސްއޫލިއްޔަތަކަށް ވެފައި އޮންނަނީ ހަމައެކަނި ޝަރީޢަތްކުރުމެވެ. ޝަރީޢަތްކުރާ އިރުގައި ނޫނީ އެފަދަ މައްސަލަތަކުގައި އޭނާގެ ޚިޔާލެއް ނުދޭނެ އެވެ. ނުލިބޭނެ އެވެ. އެގޮތަށް އޭނާ ޚިޔާލު ދޭން ފަށައިފި ނަމަ ފަނޑިޔާރަކަށް ވުރެ ބޮޑަށް ސިޔާސީ މީހެއްގެ ގޮތުގައި ނުވަތަ ކަންކަމާ މެދު ވަކާލާތުކުރާ ވަކީލެއްގެ ގޮތުގައި އޭނާއާ މެދު މީހުން ދެކެން ފަށާފާނެ އެވެ. އެފަދަ މީހުން ފަނޑިޔާރުކަމުގެ ހެދުން އެއްލާލާފައި ސިޔާސީ މައިދާނަށް ނުކުންނަން މީހުން ގޮވާނެ އެވެ.

މުސްލިމުން ދެކެ ކޯފާވާ އެމެރިކާގެ މިހާރުގެ ރައީސްގެ ރިޔާސީ ޤަރާރަކުން ކަނޑައެޅުއްވީ މުސްލިމް އަޣްލަބިއްޔަތު އޮންނަ ހަތް ޤައުމެއްގެ މުސްލިމުން އެމެރިކާއަށް އައުން މަނާކުރެއްވުމަށެވެ. އެމެރިކާގެ ތަފާތު ސްޓޭޓްތަކުން އެކަމާ ދެކޮޅަށް މައްސަލަ ޝަރީޢަތަށް ހުށައެޅި އެވެ. ޝަރީޢަތް ނިމިގެން ދިޔައީ އެމެރިކާގެ ރައީސްއާ ދެކޮޅަށެވެ. ޤާނޫނުއަސާސީން ލިބިދޭ ހަަމަހަމަ ކަމުގެ މިނިވަންކަމަކަށް ހުރަސްއަޅުއްވަނީ ކަމަށް ބެލެވިގެންނެވެ. އެންމެ ފުރަތަމަ މި ޙުކުމް އިއްވެވި ފަނޑިޔާރަށް ރައީސްގެ އާދައިގެ މަތިން އެމަނިކުފާނުގެ ޓުވިޓަ އެކައުންޓުގައި ވަރަށް ފާޑުވިދާޅުވި އެވެ. އޭނާގެ ހައިސިއްޔަތެއް ނެތްކަމާއި، އޭނާ އަށް ކުރެވޭ ކަންތައްތައް ވެސް އެނގިވަޑައިނުގަންނަވާކަމާއި އޭނާގެ އެއްވެސް ޤާބިލުކަމެއް ނެތްކަމަށް ވެސް ވިދާޅުވެ އެވެ. އަދި އެއް ފަނޑިޔާރެއްގެ ލެޓިން ދަރިކޮޅާ ބެހޭ ގޮތުން ވެސް ލިއުއްވާފައިވެ އެވެ. ވަރަށް ގިނަ ފަރާތްތަކަށް ހީކުރެވިފައި އޮތީ ފަނޑިޔާރު ރައްދު ދެއްވާނެ ކަމަށެވެ. އަދި ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ރައީސްގެ ބައެއް ވިދާޅުވުންތަކާ ބެހޭ ގޮތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ފަނޑިޔާރު އެކައްޗެކޭ ވެސް ވިދާޅެއްނުވެ އެވެ. އެއްވެސް ފިޔަވަޅެއް ނުއަޅުއްވަ އެވެ. ޢާއްމުންނަށް ހަމައެކަނި ފެނުނު ބަދަލަކީ ފަނޑިޔާރުގެ ސިކިއުރިޓީ ބަލަހައްޓާ އޮފީހުން ސިކިއުރިޓީ އިތުރުކޮށް ވަރުގަދަކުރެވުނުތަނެވެ.

އެމެރިކާ އަށް އައުން މަނާކުރި ޤައުމުތަކުން އަންނަ މީހުންނަކީ ޓެރަރިސްޓުން ކަމަށް ނުވަތަ ނޫން ކަމަށް ވެސް އޭނާ ވިދާޅެއްނުވެ އެވެ. ސަބަބަކީ އެކަން ބެއްލެވުމަކީ އޭނާގެ ކަމަކަށް ނުވާތީވެ އެވެ. އެފަދަ ކަންތައް ބެލުމަށް ވަކި މިނިސްޓްރީއަކާ ޙަވާލުކުރެވިފައި އޮންނާތީވެ އެވެ. ތަޙުޤީޤުކުރަން ވަކި ބަޔަކު ތިބެ އެވެ. ދަޢުވާކުރަން ވަކި ބަޔަކު ތިބެ އެވެ. ފަނޑިޔާރަށް ޖެހެނީ ހަމައެކަނި ޝަރީޢަތްކުރައްވާށެވެ.

ފަނޑިޔާރުގޭގެ ކަންތައްތައް ބަލަހައްޓާ އިންތިޒާމްތައް ހަމަޖައްސަން ޑިޕާޓްމެންޓް އޮފް ޖަސްޓިސް އޮވެ އެވެ. ވަކި ތަނެކެވެ. ފަނޑިޔާރުން ޝަރީޢަތްކުރުމަށް ހުސްކުރުމަށެވެ. އެހެން ވިސްނުމެއް ގެންގުޅުމަށް ފުރުޞަތު ނުދިނުމަށެވެ. މިހެންކަމުން ކޯޓުތައް މިވަނީ އެމެރިކާގައި ޤާނޫނުއަސާސީ އާއި ޤާނޫނުތައް ނަގަހައްޓާ، ދަމަހައްޓާ، ބަލަހައްޓާ އެންމެ އިސް ޗައުކީދާރަށް ވެފަ އެވެ. ކޯޓުތަކުގެ ފަނޑިޔާރުންގެ ޤަދަރާއި ޢިއްޒަތަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރިޔަ ނުދެ އެވެ. އެ ވަޒީފާ އަށް ގެނެވޭ މީހުންނަކީ ވަރަށް ބޮޑަށް ބެލެވިގެން ގެނެވޭ ބަޔެކެވެ. މާޒީގައި އެބޭފުޅުން ދައްކަވާފައިވާ ޢިލްމީ ވާހަކަތަކާއި، ނިންމަވާފައިވާ ނިންމެވުންތަކާއި، ލިއުއްވާފައިވާ ފޮތްތަކާއި، ދެއްވާފައިވާ ތަޤްރީރުތަކަށް ވެސް ބެލެވިގެންނެެވެ. އެބޭފުޅުންނަކީ އަޚްލާޤީ ގޮތުން ކުޑަ ވެސް ކިލަނބުކަމެއް އޮތް ބޭފުޅުންނަށް ވެގެނެއްނުވެ އެވެ. އެކަމަކީ ޝަރީޢަތަށް ސާބިތުވެފައި އޮތް ކަމަކަށް ވިޔަސް ނުވަތަ ނުވިޔަސް ރައްޔިތުންގެ ކައިރީގައި އަބުރު ގެއްލިފައިވާ މީހަކަށް ވާ ނަމަ، ފަނޑިޔާރުކަމުގެ ގޮނޑީގައި އިށީނުމަށް ފުރުޞަތެއް ނުދެ އެވެ. ރައްޔިތުންގެ ޤަދަރާއި، އިތުބާރާއި، އިޙްތިރާމް ނުލިބިދާނެތީވެ އެވެ.

އެމެރިކާގެ ޝަރުޢީ ދާއިރާއާ ބެހޭ ގޮތުން އަޅުގަނޑު ލިއުނީ ކީއްވެތޯ އެވެ؟ އަޅުގަނޑަކީ މުސްލިމަކަށް ވީތީވެ، މުސްލިމު ބައެއް ޤައުމުތަކުގެ މީހުން އެމެރިކާއަށް ދިއުމާ ބެހޭ ގޮތުން ނެރުނު ރިޔާސީ ޤަރާރަށް، ކޯޓުގެ ނިންމެވުން އަޑުއަހާފައި އެމެރިކާގައި ހިނގާ ނިޒާމްއާ މެދު ހިތުގައި ތަޢުރީފް އުފެދިގެންނެވެ. ތިން ބާރު ވަކިކޮށްގެން ހިންގާ ނިޒާމެކެވެ.