Roadha Mihaaru
މަނާކުރި ގައުމުތަކުގެ ލިސްޓުން އިރާގު އުނިކުރީ ކީއްވެ؟

އެމެރިކާ އަށް ވަނުން މަނާކުރި ގައުމުތަކުގެ ލިސްޓުން އިރާގު އުނިކުރީ ކީއްވެ؟

07 މާޗް 2017

ވޮޝިންޓަން (މާޗް 7) - އެމެރިކާ އަށް ވަނުން މަނާކުރި ގައުމުތަކުގެ ލިސްޓް ރޭ އިއުލާންކުރި އިރު އެ ލިސްޓުން ވަނީ އިރާގު އުނިކޮށްފަ އެވެ. ޖެނުއަރީ 27 ވަނަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރުގައި ހިމެނޭ ހަތް ގައުމުތަކުގެ ތެރޭގައި އިރާގު ވަނީ ހިމަނައިފަ އެވެ. ޓްރަމްޕް އެ ފަހަރު ނެރުއްވި އަމުރު ކޯޓުން ހުއްޓުވާފައިވާތީ އަލަށް ނެރުނު އަމުރު ލަސްވެފައި ވަނީ ވެސް އިރާގު އުނިކުރުމުގެ މަޝްވަރާތައް ދިގުލައިގެން ދިއުމުން ކަމަށްވެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓްރަމްޕުގެ އާ ރިޔާސީ ގަރާރުގައި މަނާކުރި ގައުމުތަކުގެ ލިސްޓުން އިރާގު އުނިކުރުމަށް ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން، ދިފާއީ ވަޒީރު ޖޭމްސް މެޓިސް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޖޯން ކެލީ އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖެނެރަލް އެޗް.އާރު. މެކްމާސްޓާ ވަނީ ބާރު އަޅުއްވައިފަ އެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ ލިސްޓުން އިރާގު އުނިކުރުމަށް އެ ގައުމުގެ ސަރުކާރުގެ އެންމެ މަތީ އޮފިޝަލުން ވެސް ވަނީ މަޝްވަރާކޮށްފައި ކަމަށެވެ. އޭގެ ތެރޭގައި އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އާއި ރައީސް ޓްރަމްޕް ވަނީ ފެބްރުއަރީ 10 ވަނަ ދުވަހު މި މައްސަލާގައި ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި ފެބްރުއަރީ 18 ވަނަ ދުވަހު އަބާދީ ވަނީ މިއުނިކުގައި އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސާ ބައްދަލު ކުރައްވައިފަ އެވެ. އޭގެ ފަހުން ވަނީ ޓިލަސަން އާއި އިރާގު ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް މަޝްވަރާތައް ބާއްވައިފަ އެވެ.

އަބާދީއާ އެކު ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި ވަނީ އިރާގުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަނާކުރި ގައުމުތަކުގެ ލިސްޓުން އިރާގު އުނިކުރުމުގެ ކުރިން އެ ގައުމުގައި ސްކްރީން ކުރާ އުސޫލް އެމެރިކާ އިން ވަނީ ބަލައިފަ އެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް އިރާގު ހަނގުރާމަ ކުރުމަކީ ވެސް މަނާ ލިސްޓުން އިރާގު އުނިކުރި އެއް ސަބަބެވެ.

މަނާކުރި ގައުމުތަކުގެ ލިސްޓުން އިރާގު އުނިކުރުމުން އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ނުވަ ދިހަ ދުވަހުގެ މުއްދަތަށް އެމެރިކާ އަށް އެތެރެވުން މަނާކުރި ގައުމުތަކަކީ އީރާން، ސީރިއާ، ލީބިއާ، ސޫދާން، ޔަމަން އަދި ސޮމާލިއާ އެވެ.