ވ. ތިނަދޫގައި ޕާކަކާއި ޖިމެއް އެޅުމަށް ވުރެ މިވަގުތަށް އެންމެ މުހިއްމީ ރައްޔިތުންނަށް ތަކުލީފަކަށް ވެފައި އޮތް ބަނދަރުގެ މައްސަލަ ހައްލުކުރުން ކަމަށް އެ ރަށު ކައުންސިލުގެ ރައީސް ޝިފާގް ހުސެއިން ވިދާޅުވެއްޖެ އެވެ.
20 ސެޕްޓެމްބަރ 2025
ވ. ތިނަދޫގައި ޕާކަކާއި ޖިމެއް އެޅުމަށް ވުރެ މިވަގުތަށް އެންމެ މުހިއްމީ ރައްޔިތުންނަށް ތަކުލީފަކަށް ވެފައި އޮތް ބަނދަރުގެ މައްސަލަ ހައްލުކުރުން ކަމަށް އެ ރަށު ކައުންސިލުގެ ރައީސް ޝިފާގް ހުސެއިން ވިދާޅުވެއްޖެ އެވެ.
ވ. އަތޮޅުގެ ހުރިހާ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ދެ ވަނަ އަށް ވަޑައިގަތީ، އާބާދީގައި 300 މީހުން ދިރިއުޅޭ އެ އަތޮޅު ތިނަދުއަށެވެ.
ރައީސާއި މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި ރައްޔިތުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުމުން، ކައުންސިލްގެ ރައީސް ވިދާޅުވީ އެ ރަށުގައި ކުޅިވަރުގެ އެކި ވަސީލަތްތަކާއި، ޕާކުތައް ގާއިމްކުރަން ރައީސް ވައުދުވެވަޑައިގެންފައިވީ ނަމަވެސް ރައްޔިތުންނަށް ބަނދަރެއް މާ މުހިންމު ކަމަށެވެ.
"ރައީސްގެ ވައުދުފުޅެއް އެއީ މި ރަށުގައި ޖިމަކާއި ޕާކެއް އަޅައިދިނުމަކީ. އެ މަޝްރޫއުތަކަށް ހުރި ފައިސާ ބޭނުންކޮށްގެން ނަމަވެސް ބަނދަރުގެ މައްސަލަ ހައްލުކޮށްދިނުން އެއީ ކުރަން ޖެހިފައި އޮތް ކަމެއް،" ޝިފާގް ވިދާޅުވި އެވެ.
ވ. ތިނަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް
ބޮޑެތި ގެއްލުންތައް ލިބޭތީ، އިރުވައި މޫސުމުގައި އެ ރަށުގެ ބަނދަރުގައި އޮޑިދޯނިފަހަރާއި ލޯންޗުތައް އަޅާފައި ނުބެހެއްޓެ އެވެ. އެ ރަށުގެ ފަޅުގައި އަޅާފައި އޮއްވައި މިދިޔަ ދެތިން އަހަރު ތެރޭގައި ހަތަރު ލޯންޗު އަޑިއަށް ގޮސްފައިވާ ކަމުގެ ކަންބޮޑުވުން ވެސް ކައުންސިލްގެ ރައީސް ފާޅުކުރެއްވި އެވެ.
ލޯކަލް ޓޫރިޒަމްގައި އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ރަށުގެ ގޮތުގައި އޮތް ތިނަދޫން ދައުލަތަށް ބޮޑު ޓެކްސްއެއް ދެއްކި ނަމަވެސް އެ ރަށަށް އަޅާލުން ނުލިބޭ ކަމުގެ ޝަކުވާ ކައުންސިލްގެ ރައީސް ކުރެއްވި އެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް ރައްޔިތުން ވެސް ވަނީ ބަނދަރުގެ ދައްޗާ އެކު ރަށަށް އަޅާނުލާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވ. ތިނަދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިންތިހާބުތަކުގެ ކެމްޕެއިނާ ދިމާކޮށް ރައީސުން ކުރައްވާ ކެމްޕެއިން ދަތުރުތައް ފިޔަވައި ރައްޔިތުންގެ ހުރި ދަތިތަކާއި ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ސަރުކާރުތަކުން އެއްވެސް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބައްދަލުވުމުގައި ބައެއް މީހުން ބުނެފައިވެ އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވައި ރައީސް ވިދާޅުވީ ތިނަދޫ ރައްޔިތުންގެ ދަތިތަކަށް ހައްލު ހޯދައި ދެއްވާނެ ކަމަށެވެ. އެ ރަށުގެ ކަންކަން ވެސް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމަށް ބަރޯސާ ވެފައި އޮންނަ ތިނަދޫގައި އަންނަ އަހަރުގެ މާޗު މަހުގެ ކުރިން ޑޮލަރު އޭޓީއެމެއް ބަހައްޓައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
ރަކީދޫން ބަދަލުވުމާ މެދު ކައުންސިލްގެ ހިޔާލު ތަފާތު!
31 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ފެލިދޫން 12 ހެކްޓަރުގެ ބިން ހިއްކައިދޭނަން: ރައީސް
ގދ.ތިނަދޫގެ ނަމާ މެދު ވ.ތިނަދޫން މައްސަލަ ޖައްސަނީ
ކެމްޕެއިންގެ ބޭރުން ވަޑައިގެންނެވި ރައީސަކަށް މުއިއްޒު
ފުލިދު އަށް އެންމެ އުފާވެރި އެއް ދުވަސް
ރައީސް، ހަތަރު އަތޮޅަކަށް ފުރާވަޑައިގެންފި
6،000 އޮނު ގަހުގެ ހޮޓަލާއެކު އިންގިލާބީ ރީތިކަން
ރައީސްގެ ވައުދު ނުފުއްދާތީ ވ. އަތޮޅުގެ ނުރުހުން
ވ. ތިނަދޫ: އާބާދީ އަށް ވުރެ މިހާރު ޓޫރިސްޓުން ގިނަ