Roadha Mihaaru
ރައީސްގެ ވައުދު ނުފުއްދާތީ ވ. އަތޮޅުގެ ނުރުހުން

ރައީސްގެ ވައުދު ނުފުއްދާތީ ވ. އަތޮޅުގެ މީހުން ނުރުހުން ފާޅުކޮށްފި

09 އޮކްޓޯބަރ 2022

ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ވ. ހުޅިދޫ އެ އަތޮޅުގެ ރައްޔިތުންނަށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގެ ވައުދަކަށް ވިޔަސް އެ ވައުދު މިހާތަނަށް ނުފުއްދާތީ އެ އަތޮޅުގެ ރައްޔިތުން ނުރުހުން ފާޅުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ވ. ހުޅިދޫ އެ އަތޮޅުގެ ރައްޔިތުންނަށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގެ ވައުދަކަށް ވިޔަސް އެ ވައުދު މިހާތަނަށް ނުފުއްދާތީ އެ އަތޮޅުގެ ރައްޔިތުން ނުރުހުން ފާޅުކޮށްފި އެވެ.

އެ އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށް ކަމަށްވާ ތިނަދު އާއި ފުލިދު އާއި ފެލިދު އާއި ކެޔޮދޫ އަދި ރަކީދޫގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އާންމުން ވަނީ ލޯންޗާއި ދޯނިފަހަރުގައި ކަނޑުމައްޗަށް ނުކުމެ އިއްޔެ މުޒާހަރާކޮށްފަ އެވެ.

އެ މުޒާހަރާގެ ބައިވެރިން ގޮވާލީ އެ އަތޮޅުގެ ހުރިހާ ފަޅު ރަށްތައް ވިއްކައި ހުސްކޮށްނުލުމަށާއި މިހާރު ވިއްކާފައި ވަނީ ވެސް ނުހައްގުން ދީފައި ހުރި ރަށްތަކެއް ކަމަށެވެ. އެ އަތޮޅުގެ ރައްޔިތުންނާއި ގެސްޓް ހައުސްތަކަށް ދާ ޓޫރިސްޓުން ޕިކްނިކަށް ދާނެ ރަށެއް ނެތުމުން އެ ކަމުގެ ހިތްހަމަނުޖެހުން ވެސް ފާޅުކުރި އެވެ.

ވ. ހުޅިދޫ: އެ ރަށް ރައްޔިތުންނަށް ނުދޭ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން އެ ރަށް ކައިރިއަށް ދޯނިފަހަރުގައި ގޮސް ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

ވ. ހުޅިދޫ: އެ ރަށް ރައްޔިތުންނަށް ނުދޭ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން އެ ރަށް ކައިރިއަށް ދޯނިފަހަރުގައި ގޮސް ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގް ހުސެއިން "މިހާރު" އަށް މިއަދު ވިދާޅުވީ ވ. އަތޮޅުގެ މީހުންނަށް ހުޅިދޫ ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން ދުވަސްވަރު އެ އަތޮޅުގެ މީހުންނަށް ވި ވައުދަކަށް ވިޔަސް، ރައީސްގެ ދައުރު ނިމެން ކައިރިވާއިރު އެ ވައުދު ފުއްދައި ނުދޭތީ ރައްޔިތުން މިހާރު ރުޅިގަދަވެފައިވާ ކަމަށެވެ.

"މި އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ބޭނުންކޮށްލާނެ އެންމެ ފަޅު ރަށެއް ވެސް މިހާރު ނެތް،" އޭނާ ވިދާޅުވި އެވެ.

"އެކި ފަހަރު މަތިން މިނިސްޓަރު މި ރަށްރަށަށް އައިސްފައި ވެސް ހުޅިދޫ އަނބުރާ ދޭނެ ކަމަށް ބުނެފި. އެކަމަކު އަދި ވީ އެއް ކަމެއް ވެސް ނެތް."

ޝިފާގް ވިދާޅުވި ގޮތުގައި، ދަނޑުވެރިކަމުގެ ބޭނުމަށް ހުޅިދޫ ދޫކޮށްފައި އޮތަސް، ދަނޑުވެރިކަމާ ގުޅޭ އެއްވެސް މަސައްކަތެއް އެ ރަށުގައި ނުކުރެ އެވެ. އަދި އެ ރަށުގެ ވެއްޓަށް ވެސް ވަރަށް ބޮޑަށް ގެއްލުންދީފައިވެ އެވެ. އެ މައްސަލަ ވ. އަތޮޅު ކައުންސިލުން ސަރުކާރުގެ ސަމާލުކަމަށް ގެނަޔަސް، އެއްވެސް ފިޔަވަޅެއް ވެސް އަޅާފައި ނުވާ ކަމަށް ޝިފާގް ވިދާޅުވި އެވެ.

ވ. ހުޅިދޫ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

ވ. ހުޅިދޫ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތުން ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

"އީއައިއޭއާ ހިލާފަށް އެ ރަށުގައި އެ ހުރީ ޖެޓީއެއް ހަދާފައި، ނެރު ކަނޑާފައި އަދި އެ ރަށުގެ ކަނޑޫފަލަށް ވެލި އަޅާއި ޗަސްބިން ވެސް މިހާރު ނައްތާލައިފި،" އޭނާ ވިދާޅުވި އެވެ.

"ރަށުގެ ފަރުގެ ބޮޑު ބައެއް ކަނޑާލައި، ބޮޑެތި ހިރިތައް ތަޅައި ފުނޑުކޮށް ފަރަށް ވެސް ގެއްލުން ދީފައި އެބަހުރި."

ތިމާވެއްޓާ ގެއްލުންދޭ މައްސަލަތަކުގައި ފިޔަވަޅު އަޅަން އީޕީއޭއިން "ވަރަށް ފޯރި" ހުންނައިރު، ހުޅިދު އަށް ދީފައިވާ ގެއްލުން އެ އެޖެންސީގެ ސަމާލުކަމަށް ގެނައުމުން ވެސް "ނުފެންނަ ކަމަށް ހަދައިގެން" ތިބޭޭ ކަމަށް ވިދާޅުވެ ތިނަދޫ ކައުންސިލްގެ ރައީސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ވ. ހުޅިދޫ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތަކު ޝުއޫރުތައް ލިޔެފައި ހުރި ބޯޑެއް ހިފައިގެން އެކަމުގެ ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

ވ. ހުޅިދޫ މައްސަލާގައި ވ. އަތޮޅުގެ ރައްޔިތަކު ޝުއޫރުތައް ލިޔެފައި ހުރި ބޯޑެއް ހިފައިގެން އެކަމުގެ ނުރުހުން ފާޅުކުރަނީ -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް

މީގެ ފަސް އަހަރު ކުރިން، ދަނޑުވެރިކަމުގެ ބޭނުމަށް ހުޅިދޫ ދޫކުރީ އާރަށް އިންވެސްޓްމަންޓް ޕްރައިވެޑް ލިމިޓެޑަށެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުވާ އުފުލައި ޝަރީއަތް ފަށާފައިވާ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް އާއި ބޭރުގެ ބައެކެވެ.

އާރަށް އިންވެސްޓްމަންޓަށް ހުޅިދޫ ދިނުމަށް ހެދި އެއްބަސްވުން ދެއްކުމަށް ވ. އަތޮޅު ކައުންސިލުން އެދުމުން، އެކަން ވެސް ނުކޮށްދިން ކަމަށް ޝިފާގް ވިދާޅުވި އެވެ.

ވ. އަތޮޅުގައި 14 ފަޅު ރަށް އޮންނައިރު، މިހާރު އެ ހުރިހާ ރަށެއް ވެސް ވަނީ ރިސޯޓް ހެދުމަށާއި ދަނޑުވެރިކަމުގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފަ އެވެ.