Roadha Mihaaru

ތ. ގެ ފެރީ ނިޒާމަކީ އެ އަތޮޅު ރާޑަރަށް އެރުވުމުގެ މަސައްކަތެއް: ރައީސް

"ތަރައްގީގެ ރާޑަރަށް" ތ. އަތޮޅު އަރުވައިދޭނެ ކަމުގެ ވައުދު އެ މަނިކުފާނު ކުރިން ވެވަޑައިގެންފައިވާ ކަމަށާއި އާރުޓީއެލް ފެރީގެ ނިޒާމު އިއްޔެ ފެށުމަކީ އެ މަސަައްކަތުގެ ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ތ. ގެ ފެރީ ނިޒާމަކީ ރާޑަރަށް އެރުވުމުގެ މަސައްކަތެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

25 ސެޕްޓެމްބަރ 2025

"ތަރައްގީގެ ރާޑަރަށް" ތ. އަތޮޅު އަރުވައިދޭނެ ކަމުގެ ވައުދު އެ މަނިކުފާނު ކުރިން ވެވަޑައިގެންފައިވާ ކަމަށާއި އާރުޓީއެލް ފެރީގެ ނިޒާމު އިއްޔެ ފެށުމަކީ އެ މަސަައްކަތުގެ ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ވޭމަންޑު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ އަތޮޅު ތަރައްގީގެ ރާޑަރަށް އަރުވައިދޭނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވަން މިހާރު ވެސް މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

"މިއީ އެ ގޮތުން ކުރެވުނު މަސައްކަތެއް،" ތ. އަތޮޅަށް އާރުޓީއެލް ފެރީގެ ހިދުމަތް އިއްޔެ ފެށިކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ތ. އަތޮޅު އުފެދިފައިވާ ގޮތުން އެ އަތޮޅުގެ ރަށްތަށް ހުންނަނީ ވަރަށް ދުރުދުރުގައި ކަމަށް ވާއިރު، ދަތުރުފަތުރުކުރުމުގައި ރައްޔިތުން މިހާތަަނަށް އުޅެމުން ދިޔައީ ވަރަށް ދަތި ހާލުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ފެރީ ނިޒާމު ވެގެންދާނީ ތިބޭފުޅުންގެ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

ތ. އަތޮޅުގެ އާރުޓީއެލް ފެރީގެ ހިދުމަތުގެ ފުރަތަމަ ލޯންޗު ވޭމަންޑޫގައި ރޭ ދަތުރަށް ތައްޔާރު ވަނީ.---ފޮޓޯ: ރައީސް އޮފީސް

ތ. އަތޮޅުގެ އާރުޓީއެލް ފެރީގެ ހިދުމަތުގެ ފުރަތަމަ ލޯންޗު ވޭމަންޑޫގައި ރޭ ދަތުރަށް ތައްޔާރު ވަނީ.---ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅުވައިލުމަށް ފަހު ދެން އޮންނާނީ އެ ނިޒާމަށް ލޯންޗުތައް އިތުރު ކުރުމެވެ. ތ. އަތޮޅުގެ ފެރީ ނިޒާމަށް ވެސް ލޯންޗުތައް އިތުރު ކުރުމުން ދުރު ދަތުރުތައް ކައިރި ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ރިޔާސީ ބަޔާނުގައި މި އަހަރުގެ ފެބްރުއަރީގައި އިއުލާން ކުރިން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ނިޒާމު ނިންމާނަމޭ. އަޅުގަނޑު ދެންނެވީ މި އަހަރުގެ ނިޔަލަށޭ. އެހެން ނަމަވެސް ކުޑަކުޑަ ޑިލޭއެއް އެބައާދޭ. އެހެން ނަމަވެސް [އަންނަ އަހަރުގެ] މާޗު މަހާ ހަމައަށް ދެ ތިން މަސް އިތުރުވޭ އެބަ އަޅުގަނޑުމެންނަށް އިތުރަށް ބައެއް މަސައްކަތް ކޮށްލަން،" ރައީސް ވިދާޅުވި އެވެ.

ވޭމަންޑޫގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ރޭ ސޮއިކުރެއްވުމަށް ފަހު، ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބާއި އެމްޓީސީސީގެ އެމްޑީ ސައުދީ ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވޭމަންޑު އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ އެ ރަށުގެ މަގުތައް ހެދުމާއި ބަނދަރު އަލުން ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޓީސީސީއާ އެކު ރޭ ސޮއިކުރި އެއްބަސްވުމުގެ ދަށުން ވޭމަންޑު އަށް 25 ހެކްޓަރުގެ ބިން އިތުރު ކުރާނެ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައި މެދުކެނޑުމެއް ނެތި ނިމުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.