Roadha Mihaaru
ފްލޫޖެހުނު މާބަނޑު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން

އެޗް1އެން1 ޖެހުނު މާބަނޑު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް

27 މާޗް 2017

އެޗް1އެން1 ޖެހުނު މާބަނޑު މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެޗް1އެން1 ޖެހުނު މާބަނޑު މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާބަނޑު މީހާ ހޭ އަރާފައިވާ ކަމަށާއި ކުރިއަށް ވުރެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެެ. އަދި ވެންޓިލޭޓަރުން ވެސް މިހާރު ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މީހާ މާލެ ގެނައީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މި މަހު ކުރީކޮޅު އެވެ. އަދި ހާލު ސީރިއަސްވުމުން މި މަހުގެ 15 ވަނަ ދުވަހު ވަނީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގައިފަ އެެވެ.

ހަ މަހުގައި ސިޒޭރިއަން ހެދުމުން، އޭނާގެ ދަރިފުޅަށް އަންނަނީ އެންއައިސީޔޫގައި ފަރުވާ ދެމުންނެވެ. ނަމަވެސް ހާލު ގޯސް ނޫންކަން އައިޖީއެމްއެޗުން ބުންޏެވެ.

"ހަ މަހުގެ ކުއްޖަކާ ބަލާފައި ހާލު ގޯސް ނޫންކަން ޑޮކްޓަރުން ފާހަގަކުރޭ،" އޮފިޝަލް ވިދާޅުވި އެވެ.

މާބަނޑު މީހަކު ވަނީ އެޗް1އެން1 ޖެހިގެން މަރު ވެސް ވެފަ އެވެ. މި ބަލި ޖެހުނު ހަ މީހަކު ވަނީ މަރުވެފަ އެވެ. އެޗް1އެން1 އަށް 546 މީހަކު ޓެސްޓްކުރި އިރު 199 މީހަކުވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 35 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.