Roadha Mihaaru
ވޯޓު "މިނިވަނެއް ނޫން"، ސަރުކާރު "ބަލިވެއްޖެ"!

ވޯޓު "މިނިވަނެއް ނޫން"، ސަރުކާރު "ބަލިވެއްޖެ"!

28 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، މަގާމުން ވަކިކުރަން ވޯޓަށް އަހަންވިއިރު އިލެކްޓްރޯނިކް ސިސްޓަމްތަކުގައި މައްސަލަ ޖެހުނީ އެވެ. މެޖޯރިޓީ އޮތް ޕީޕީއެމްގެ މެމްބަރުންނަށް ފެނިވަޑައިގަތް ހައްލަކީ މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ވޯޓު ނެގުމެވެ. މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އޮންނަ ގޮތުން އެ ގޮތަށް ވޯޓަށް އެހޭނީީ ވެސް ފާސްކޮށްގެންނެވެ. އެކަމަކު، އެގޮތަށް ކުރިއަށް ގެންދަން ފެނޭތޯ ބަލަން ވޯޓު މި ނެގީ "ހަލާކުވެފައި" ހުރި ސިސްޓަމް މެދުވެރިކޮށެވެ؛ މިއީ، އެއް ބަޔަކު ބުނާ ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ "ބޮޑު ޖޯކެކެ"ވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، މަގާމުން ވަކިކުރަން ވޯޓަށް އަހަންވިއިރު އިލެކްޓްރޯނިކް ސިސްޓަމްތަކުގައި މައްސަލަ ޖެހުނީ އެވެ. މެޖޯރިޓީ އޮތް ޕީޕީއެމްގެ މެމްބަރުންނަށް ފެނިވަޑައިގަތް ހައްލަކީ މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ވޯޓު ނެގުމެވެ. މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އޮންނަ ގޮތުން އެ ގޮތަށް ވޯޓަށް އެހޭނީީ ވެސް ފާސްކޮށްގެންނެވެ. އެކަމަކު، އެގޮތަށް ކުރިއަށް ގެންދަން ފެނޭތޯ ބަލަން ވޯޓު މި ނެގީ "ހަލާކުވެފައި" ހުރި ސިސްޓަމް މެދުވެރިކޮށެވެ؛ މިއީ، އެއް ބަޔަކު ބުނާ ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ "ބޮޑު ޖޯކެކެ"ވެ.

މި ވޯޓުގައި ގިނަ ބަޔަކު އަޖައިބުވެ އަންތަރީސްވީ ވޯޓުގެ ނަތީޖާއަކުން ނޫނެވެ؛ އެއް ބަޔަކު ބުނާ ގޮތުގައި، އެއަށް ވުރެ ބޮޑަށް، ބާރުގެ ބޭނުންކޮށްގެން ކޮންމެ ފަދަ ކަމެއް ވެސް ސަރުކާރުން ކޮށްފާނެ ކަން ދައްކުވައި ދިނީ އެވެ. ޕީޕީއެމްގެ މެމްބަރުން "ކަސްތަޅު އަޅުވާފައިވާ" މިންވަރު ވެސް ސާފުވެއްޖެ އެވެ. އެއާ އެކު ގާނޫނު ހަދާ މަޖިލީސް މެދުވެރިކޮށް ގާނޫނުތަކާއި ގަވާއިދުތައް މުގުރައި ހިތުހުރި ގޮތަކަށް އަމަލުކުރަމުންދާ މަންޒަރު ވެސް ފެނިއްޖެ ކަމަށް އެއް ބަޔަކު ބުނެ އެވެ.

ސަރުކާރުން ބޭނުންވި ގޮތަށް މަސީހްގެ ވޯޓު ކާމިޔާބުކުރީ، މަޖިލިސް ހަލަބޮލިކޮށްލި މައްސަލާގައި ސަލާމަތީ ބާރުތަކުގެ އެހީއާ އެކު އިދިކޮޅު ގިނަ މެމްބަރުން ޗެމްބަރުން ބޭރަށް ނެރުމަށް ފަހު އެވެ. މަސީހްގެ މަގާމް ދިފާއުކުރީ، 48 ވޯޓުންނެވެ.

ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން މީގެ ކުރިން މަޖިލީހަށް ހުށަހެޅި ބޮޑެތި މައްސަލަތަކުގައި 54 ވޯޓު ހޯދި އެވެ. އެހެންކަމުން، މަސީހުގެ ވޯޓު ކާމިޔާބުކުރި ނަމަވެސް، ވޯޓުގައި ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ މިއޮތީ ގެއްލިފަ އެވެ.

ސުވާލަކީ މިއެވެ؛ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ހަގީގަތުގައި ކާމިޔާބުވީ ކޮން ބަޔަކަށް ހެއްޔެވެ؟ ސަރުކާރަށް ނުވަތަ އިދިކޮޅު ފަރާތްތަކަށް ހެއްޔެވެ؟ މަޖިލީހުގެ ޖަލްސާ ބެލި އާއްމުންނަށް ޖަވާބު ދޫކޮށްލީ އެވެ.

މެމްބަރުންނަށް އިތުބާރެއް ނެތް، މިނިވަންކަމަށް އަރައިގަތީ!

ރައްޔިތުންގެ މަޖިލީހުން މިހާތަނަށް، ބޮޑެތި ހުރިހާ ވޯޓުތަކެއް ވެސް ނެގީ މިހާރު ބޭނުންކުރާ އިލެކްޓްރޯނިކް ސިސްޓަމް މެދުވެރިކޮށެވެ. އެ ސިސްޓަމުން ވޯޓު ނަގާއިރު މެމްބަރުން ބޭނުންވާ ގޮތަކަށް ވޯޓު ދެއްވަން 30 ސިކުންތު ލިބެ އެވެ. ފުރަތަމަ ވޯޓު ދެއްވި ގޮތް ބަދަލުކުރެއްވުމުގެ ފުރުސަތު ވެސް ލިބެ އެވެ.

މަސީހްގެ ވޯޓާ ހިސާބުން ސިސްޓަމްގައި މައްސަލަ ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވެސް ވޯޓު އިދިކޮޅު ފަރާތްތަކުން ކަށަވަރުކޮށްފައިވާތީ، ވޯޓުލަމުން ދާއިރު ނަތީޖާ ފެންނަ ގޮތަކުން މަސީހާ ދެކޮޅަށް ޕީޕީއެމްގެ އިތުރު މެމްބަރުންތަކެއް ވޯޓު ދެއްވަފާނެ ކަމުގެ ބިރު އޮތީ ހެއްޔެވެ؟

އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ވޯޓިން ސިސްޓަމްތައް "ހަލާކުކޮށްލީ" ވޯޓު ކާމިޔާބު ވާނެ ކަމުގެ ޔަގީން ކަން ނެތުމުންނެވެ. މި ވޯޓުގައި ސަރުކާރަށް އޮތް ހަމައެކަނި ގޮތަކީ ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ކަށަވަރުކުރުން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ. އެގޮތަށް ހެދުމުން، މެމްބަރުން ބިރުގަނެ ޖެހިލުންވެ މިނިވަންކަމާ އެކު ސަރުކާރާ ދެކޮޅަށް ވޯޓު ނުދޭނެ ކަން އެނގޭ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދެކޮޅުކަން ޕީޕީއެމްގެ މެމްބަރުންތަކެއް ހާމަކުރައްވަނީ

މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދެކޮޅުކަން ޕީޕީއެމްގެ މެމްބަރުންތަކެއް ހާމަކުރައްވަނީ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ "ވޯޓުގައި ފެނިގެން ދިޔައީ ޕީޕީއެމްގެ މެމްބަރުންނާ މެދު ސަރުކާރަށް އެއްވެސް އިތުބާރު ނެތް ކަން" ކަމަށެވެ. މެޖޯރިޓީ އޮވެ، ވޯޓު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަ، އާއްމުކޮށް ވޯޓު ނަގާ އުސޫލުން ކުރިއަށް ގެންދަން ބޭނުންނުވީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު، އަދި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެންމެ އިސްކޮށް ހުންނެވި ފާރިސް މައުމޫން ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރޭގައި ނަގާ ވޯޓެއްގައި ދެން ސަރުކާރަށް އަޣުލަބިއްޔަތެއް ނުލިބޭނެ ކަން ވަރަށް ރަނގަަޅަށް ސާފުވެއްޖެ އެވެ.

"ވަކިވަކި މެމްބަރުން ތެދުވެ ތިމަންނަ އަށް ފެންނަ ގޮތަކީ މިއޭ ހާމަކުރުމަކީ ވޯޓުގެ މިނިވަންކަމަށް އަރައިގަތުން. އަޅުގަނޑު ނުދަންނަވާނަން މިނިވަން ވޯޓެއް ކަމަކަށް ވެސް މި ނެގުނީ. އަޅުގަނޑު ނުދަންނަވާނަން ގާނޫނާއި ގަވާއިދާ އެއްގޮތަށް ނެގުނު ވޯޓެއް ކަމަކަށް ވެސް މިއީ،" ފާރިސް ވިދާޅުވި އެވެ.

ސައްހަ ކަމެއް ނެތް، ބާތިލް ވޯޓެއް؟

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވި ގޮތުގައި މެމްބަރުންނަށް ބިރުދައްކައި، ބާރުގެ ބޭނުން ކުރި ވޯޓަކީ "ކަނޑައެޅިގެން ގާނޫނާ ހިލާފު، ބާތިލް ވޯޓެކެ"ވެ. އެއް ސަބަބަކީ، ވޯޓު ކުރިއަށް ގެންދަން ގާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައި އޮއްވައި އެ އުސޫލާ މުޅިން ހިލާފަށް އެކަން ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯލް ކޯލް ވޯޓެއް ނަގަން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުށަހެޅުއްވުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެމްބަރުންގެ ތެރެއިން 45 މެމްބަރުން ވޯޓު ދެއްވީ އެ ގޮތަށް ފާސް ކުރަން ފެންނަ ކަމަށެވެ. އަދި ދެ މެމްބަރަކު ވޯޓު ދެއްވީ ނުފެންނަ ކަމަށެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

މަޖިލިހުގެ އިލެކްޓްރޯނިކް ސިސްޓަމުން ނެގި ވޯޓުގައި، އޭރު ރިޔާސަތުގައި އިންނެވި ނައިބު ރައީސް މޫސާ މަނިކާއި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ބައިވެރިވި ކަމަށް ނަތީޖާ އިން ދައްކަ އެވެ. ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވޯޓެއްގައި ބައިވެރިވެވަޑައިގެންނެވޭނީ ވޯޓު އެއްވަރުވާ ހާލަތުގައި އެކަންޏެވެ.

"އަޅުގަނޑުމެން އަމީން އާއްމާ ސުވާލުކުރީމަ ވިދާޅުވީ އެގޮތަށޭ [މަހްލޫފާއި މޫސަ ވޯޓު ދެއްވި ކަމަށޭ] މި އޮތީ ރެކޯޑުގައި. އަޅުގަނޑު ދެންނެވިން އެހެންވީމަ މިއީ މުޅިން ބާތިލް ވޯޓެއް ނޫންހޭ؟ މީގެ ނަތީޖާ ބަލައިގަނެވޭނެ އެއްވެސް އުސޫލެއް ނޯންނާނެ ނޫންހޭ؟ ދެން ވިދާޅުވީ ތިމަންނަމެން އެ ދެ ވޯޓު އުނިކޮށްފައޭ ގުނަނީ،" ފާރިސް ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ: އިދިކޮޅު ފަރާތްތަކުން ވިދާޅުވަނީ މަސީހް ވަކިކުރަން އިއްޔެ ނެގި ވޯޓު ސައްހަ ނޫން ކަމަށް.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ: އިދިކޮޅު ފަރާތްތަކުން ވިދާޅުވަނީ މަސީހް ވަކިކުރަން އިއްޔެ ނެގި ވޯޓު ސައްހަ ނޫން ކަމަށް.

ގޮނޑިތަކާ ދުރުގައި ތިއްބެވި ބައެއް މެމްބަރުންގެ ނަމުގައި ވެސް ވޯޓު ލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހަޅަން ޖެހުނީ ވެސް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަންކަން ކުރަމުންދާތީ ކަމަށެވެ. ކުރިން ރައްޔިތުންނަށް އެކަން ސާފުނުވެ އޮތް ނަމަވެސް އިއްޔެގެ ވޯޓުގައި، މަޖިލީހުން ކަންކަން ކުރަނީ އެ އުސޫލުން ކަން ހާމަވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ޖުމްލަކޮށް ރައްޔިތުންނަށް ސާފުވެއްޖެ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވެސް ގުޅިވަޑައިގެން މި ކުރައްވަނީ ކީއްކަން،" ފާރިސް ވިދާޅުވި އެވެ.

ނިހާން ވިދާޅުވަނީ ވޯޓު މިނިވަންކަމަށް

މަސީހްގެ ވޯޓު މިނިވަން ނޫން ކަމަށާއި ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގީ ކާމިޔާބުވާނެ ކަމުގެ ޔަގީން ކަން ނެތުމުން ކަމަށް ދައްކާ ވާހަކަތައް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ދޮގުކުރައްވަ އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފަދަ ހައްސާސީ ވޯޓުތަކުގައި މެމްބަރުން ކައިރީގައި ވަކިވަކިން އަހައިގެން ވޯޓު ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް ވޯޓު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަ، ރޯލް ކޯލް ވޯޓުގައި ބައިވެރިވެވަޑައިނުގަތީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"މަސީހުގެ އިތުބާރުގެ މައްސަލާގައި އަޅުގަނޑުމެން ނޫނެކޭ ބުނި ގޮތަށް ހަމަ އިދިކޮޅު ފަރާތްތަކުން ވެސް އާއެނކޭ ވިދާޅުވީމަ ނިމުނީ ނޫންތޯ،" ނިހާން ވިދާޅުވި އެވެ.

މެމްބަރުން ކައިރިން ވަކިވަކިން އަހައިގެން ވޯޓު ނަގަން ހުށަހެޅުއްވީ މަޖިލިހުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމާ މެދު ބަޔަކު ސުވާލުތަކެއް އުފައްދާތީ އެވެ. އެއީ މެމްބަރުންނަށް ބިރު ދެއްކުމެއް ނޫން ކަމަށާއި އެއްވެސް މެމްބަރަކަށް ބިރުވެރި ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ތާރީޚުގެ ތެރެއަށް މި ވޯޓު ވަދެގެން އެ ދިޔައީ އެތައް ސުވާލުތަކަކާ އެކުގަ އެވެ. މިއީ ފަހުން ނަމަވެސް ގާނޫނީ އެހެން މައްސަލަތަކެއް ނުނިކުންނާނެ އަމަލެކޭ ބުނެވޭކަށް ނެތެވެ.