Roadha Mihaaru
51 މެމްބަރެއްގެ ސޮޔާއެކު މަސީހް ވަކިކުރަން މަޖިލީހަށް

51 މެމްބަރެއްގެ ސޮޔާ އެކު މަސީހް ވަކިކުރަން ހުށަހަޅައިފި

24 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނޭ ގޮތަށް، 51 މެމްބަރުންގެ ސޮޔާ އެކު، މަޖިލީހަށް މިއަދު ވައްދައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނޭ ގޮތަށް، 51 މެމްބަރުންގެ ސޮޔާ އެކު، މަޖިލީހަށް މިއަދު ވައްދައިފި އެވެ.

މިއީ މަސީހްގެ މައްޗަށް އިތުބާރު ނެތް ކަމަށް މެމްބަރުން ސޮއިކުރައްވައި ހުށަހެޅި ތިން ވަނަ ފަހަރެވެ. ފުރަތަމަ 26 މެމްބަރުންގެ ސޮޔާ އެކު ހުށައެޅި އިރު، ދެވަނަ ފަހަރު މައްސަލަ ވެއްދީ 45 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.

މިފަހަރު، މަސީހްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅުއްވި މެމްބަރުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ 36 މެމްބަރަކު ހިމެނިވަޑައިގަންނަވަ އެވެ. އަދި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 15 މެމްބަރަކު ވަނީ ސޮއިކުރައްވާފަ އެވެ. އެކަމަކު، ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި އަށް މެމްބަރުން ހިމެނިވަޑައެއް ނުގަންނަވަ އެވެ.

މަސީހްގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތީ މަސީހް އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތުތައް އަދާނުކުރެއްވުމުގެ ސަބަބުން ކަމަށެވެ. އެހެންވެ ތިން ވަނަ ފަހަރަށް ހުށަހެޅުއްވި މައްސަލަ ކާމިޔާބުވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

މެމްބަރު ރިޔާޒް މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މެމްބަރު ރިޔާޒް މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"އިހްތިރާމާ އެކު ދަންނަވަން ބޭނުން ވަނީ މަސީހް އިސްތިއުފާ ދެއްވާފައި، މަޖިލީހުގެ މަސައްކަތްތައް ފެށުމަށް ފުރުސަތު ދެއްވުމަށް. އެއީ އަޅުގަނޑުމެން ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި،" ރައްޔިތުންގެ މަޖިލިހުގެ ބޭރުގައި ހުންނަވައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ މަސައްކަތްތައް، މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ދާން ޖެހެ އެވެ. އަދި މެމްބަރުންނަށް މަޖިލީހުގައި މަސައްކަތް ކުރެވޭނެ މަގު ފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ހަޔާތުގައި އެންމެ "ކަޅު ދުވަސްތައް" ފެނިގެން ދިޔައީ މަސީހްގެ ރިޔާސަތުގައި ކަމަށެވެ. މަސީހް، ހަމައެކަނި މަސައްކަތް ކުރެއްވީ ސަރުކާރުން ބޭނުންވާ ކަންކަން މަޖިލީހުގެ ތެރެއިން ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރު ރޮޒެއިނާ މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މެމްބަރު ރޮޒެއިނާ މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"އަޅުގަނޑުމެން އުންމީދު ކުރަނީ ވީހާވެސް އަވަހަކަށް މި މައްސަލަ އެޖެންޑާވެގެން ގޮސް، މިކަން ކުރިއަށް ދިއުމަށް. އޭގެ ކުރިން އިލްތިމާސްއަކީ އަދި ރީތި ގޮތަކީ މަސީހް އިސްތިއުފާ ދެއްވުން. ފަންސާސް އެއް މެމްބަރުން ސޮއިކޮށްފައި އޮއްވާ އެތަނުގައި [ރައީސް ކަމުގައި] އިނުމަކީ ލަދުވެތި ކަމެއް،" ރޮޒެއިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސީހްގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަކީ، މަޖިލިސް މިނިވަން ކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ.

މެމްބަރު ވަހީދު މަޖިލީހުގެ އިދާރާގެ ބޭރުގައި ހުންނަވައިގެން ފޯނުން މީހަކާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މެމްބަރު ވަހީދު މަޖިލީހުގެ އިދާރާގެ ބޭރުގައި ހުންނަވައިގެން ފޯނުން މީހަކާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ރައީސްގެ "ކޮޓަރިކޮޅުގައި" މަސީހަށް ނުހުންނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަސީހް ވަނީ "ކޮޓަރިކޮޅުން އެއްޗެހި" ހުސްކުރައްވައިފަ އެވެ. އަދި މަގާމުން އިސްތިއުފާ ނުދެއްވައި ލަސްކުރައްވަނީ ގޮތް ދޫނުކުރެއްވުމުގެ ގޮތުން ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދު އޮތް ގޮތުން ނަމަ، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، އެމަނިކުފާނަށް ޖަވާބުދާރީ ވެވަޑައިގަތުމަށް 14 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

ވަހީދު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގައި މަސީހު ހުންނެވީ "ގަދަބާރުން" ކަމަށެވެ. އެކަމަކު އެންމެ ރީތި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޕީޕީއެމުން ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި މަސީހް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޕީޕީއެމުން ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި މަސީހް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ އިސްލާހީ ހަރަކާތަށް އައި އުފާވެރި ދުވަހެއް ކަމަށެވެ. މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށް ވާއިރު، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ފެނުނީ މަޖިލިސް ތަޅު އަޅުވާފައި ކަމަށް އަނާރާ ވިދާޅުވި އެވެ. އެހެންވެ، ރައްޔިތުންގެ "އަޑެއް" މަޖިލީހުގައި އިވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރު އަނާރާ މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މެމްބަރު އަނާރާ މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

"އަޅުގަނޑުމެން އުންމީދު ކުރަނީ މަސީހް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނެ ކަމަށް މެމްބަރުން ވަކި ނުކުރައްވަނީސް. އެންމެ ރަނގަޅު ގޮތަކީ އަދި ރީތި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ގަބޫލުކުރަނީ. ރައްޔިތުންގެ ދައުރު ނުފެނުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އިހުމާލެއް،" އަނާރާ ވިދާޅުވި އެވެ.