Roadha Mihaaru
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި

މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި

24 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ޖަލްސާ އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމައި އެކަމުގެ ނޯޓިސް މަސީހަށާއި މަޖިލިހުގެ މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ޖަލްސާ އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމައި އެކަމުގެ ނޯޓިސް މަސީހަށާއި މަޖިލިހުގެ މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން މިއަދު ފޮނުވައިފި އެވެ.

މަސީހް ވަކިކުރުމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާއެކު، މަޖިލީހަށް މިއަދު ހުށަހެޅިއިރު، ޕީޕީއެމް/އެމްޑީއޭގެ 15 މެމްބަރުން ވެސް ވަނީ މަސީހު ވަކި ކުރަން ފެންނަ ކަމަށް ވިދާޅުވެ ސޮއި ކުރައްވައިފަ އެވެ. އެ މައްސަލައިގައި ދެން ސޮއިކުރެއްވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އަމިއްލަ މެމްބަރުންނެވެ.

މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ، އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، އެ މަގާމުން މަސީހު އިސްތިއުފާ ދެއްވުމަށް މަޖުބޫރުވާނެ އެވެ.

މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ސޮއި ކުރައްވައި، މަސީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އެފަދަ މައްސަލައެއް ލިބުމުން އެ މައްސަލައިގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް އަމީން އާންމު މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ދޭން ވާނެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހޭނީ ނޯޓިސް ދޭ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. މަޖިލީހުގެ ޖަލްސާ އަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު، އޭގެ ފަހުން އެހެން އެއްވެސް މައްސަލައަކާ މެދު ބަހުސް ކުރަން ފެށޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގަ އެވެ.

ގަވައިދު ބުނާގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް އެވެ. އަދި ރައީސްގެ އިތުބާރު ނެތް ކަމުގެ ބަހުސް ތިން ގަޑިއިރަށް ވުރެ ދިގުވެގެން ނުވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ވެ އެވެ. މަޖިލީހުގެ ރައީސާ ދެކޮޅު މައްސަލައިގެ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ހައްގު ވެސް ގަވައިދުން ފަހިކޮށްދީފައި ވެ އެވެ.

މިއީ މަސީހްގެ މައްޗަށް އިތުބާރު ނެތް ކަމަށް މެމްބަރުން ސޮއިކުރައްވައި ހުށަހެޅި ތިން ވަނަ ފަހަރެވެ. ފުރަތަމަ، 26 މެމްބަރުންގެ ސޮޔާ އެކު ހުށައެޅި އިރު، ދެވަނަ ފަހަރު މައްސަލަ ވެއްދީ 45 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ ނިންމުމަށް މެއި 27، 2017 ގައި ނެގި ވޯޓުން، މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވީ ވޯޓު ލާން ބޭނުންކުރާ މެޝިންގެ ބަދަލުގައި މެމްބަރުން އަތް އުފުލައިގެންނެވެ. އެ ގޮތަށް ވޯޓު ނަގަން ނިންމުމުން، އިދިކޮޅު މެމްބަރުން އެ ދުވަހުގެ ޖަލްސާ ބޮއިކޮޓް ކުރެއްވި އެވެ.

އެ މައްސަލަ އިން މަސީހު ސަލާމަތްވުމުން، އެފަދަ ދެ ވަނަ މައްސަލައެއް ހުށަހެޅިޔަ ނުދިނުމަށްޓަކައި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި ބޭނުންވާ ސޮއިގެ އަދަދު 42 އަށް އިތުރު ކޮށް މަޖިލީހުގެ ގަވާއިދު އިސްލާހް ކުރި އެވެ. މީގެ ކުރިން، ގަވައިދުގައި އޮތް ގޮތުން، އެންމެ 15 މެމްބަރުންގެ ސޮޔާ އެކު ވެސް، މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނެ އެވެ.

އެ އިސްލާހު ފާސްކުރުމުން 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމުން، އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލީ، އެ މައްސަލައިގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުން މަޖިލީހުން ވަކިވެއްޖެ ކަމަށް ކަނޑައަޅައިގެންނެވެ. އެގޮތަށް ކަނޑައެޅީ ޕީޕީއެމުން އެދިގެން އިލެކްޝަންސް ކޮމިޝަނުންނެވެ.