Roadha Mihaaru
އެންޑްރޮއިޑް ފޯނުތައް އަޕްޑޭޓެއް ނުކުރޭ: ގޫގުލް

އެންޑްރޮއިޑް ފޯނު ގެންގުޅޭ މީހުން އަޕްޑޭޓެއް ބޭނުމެއް ނުވޭ: ގޫގުލް

28 މާޗް 2017

އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ފޯނާ މެދު އޮންނަ ޔަގީންކަމަކީ، އެއީ އަމިއްލަ ބާރު ހިންގޭ އާލާތެއްކަން ކަށަވަރުވުމެވެ. ވާދަވެރިންގެ ފޯނުތަކާ އަޅާބަލާއިރު، އެންޑްރޮއިޑް ފޯނުތަކުގައި ބޭނުން ސިފައެއް، ބޭނުން ކުލައެއް ބޭނުންއިރަކު ޖެއްސެ އެވެ. އެހެން އެއްވެސް ދިމާއަކުން އިޒުނަހޯދުމެއް ނެތި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ފޯނާ މެދު އޮންނަ ޔަގީންކަމަކީ، އެއީ އަމިއްލަ ބާރު ހިންގޭ އާލާތެއްކަން ކަށަވަރުވުމެވެ. ވާދަވެރިންގެ ފޯނުތަކާ އަޅާބަލާއިރު، އެންޑްރޮއިޑް ފޯނުތަކުގައި ބޭނުން ސިފައެއް، ބޭނުން ކުލައެއް ބޭނުންއިރަކު ޖެއްސެ އެވެ. އެހެން އެއްވެސް ދިމާއަކުން އިޒުނަހޯދުމެއް ނެތި އެވެ.

އެންޑްރޮއިޑް ފޯނުތަކަށް ބާރުހިންގަން އޮންނަ ފުރުސަތަކީ ބޮޑު ނުރައްކަލަކަށް ވެސް ވެ އެވެ. ހޭވެރިނުވާ ކުއްޖެއްގެ އަތަށް ތޫނު އެއްޗެއް ދިނުމުން ވާ ގޮތް ވެސް ބައެއް ފަހަރު ވެ އެވެ. ބައެއް ފަހަރަށް ވުރެ ގިނަ ފަހަރު އޮންނަނީ ލަނޑު ލިބިފަ އެވެ.

ގޫގުލުން ކޮންމެ އަހަރަކު ހާމަކުރާ "ސެކިޔުރިޓީ ރިޕޯޓް" ގައި، މި އަހަރު ދެރަ ބަހެއް ބުނެފައި އެބަ އޮތެވެ؛ އެންޑްރޮއިޑް ފޯނުތަކުގެ ތެރޭގައި ރައްކާތެރިކަން ކުޑަ ފޯނު ވަރަށް ގިނަ ކަމަށެވެ. އެހެން ކަންތައް ދިމާވަނީ ބޭނުންކުރާ މީހުންގެ ސަބަބުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެންޑްރޮއިޑް ހުރިހާ ފޯނަކަށް "އޮޓަމެޓިކް އަޕްޑޭޓް"އެއް ނާދެ އެވެ. އެކަމަކު މަޝްހޫރު ހުރިހާ ފޯނަކަށްހެން އާދެ އެވެ. "ސެކިޔުރިޓީީ އަޕްޑޭޓް" ލިބެ އެވެ. އެެހެނެއް ކަމަކު ފޯނު އަޕްޑޭޓްކުރަން ބޭނުން ނުވާ ބަޔަކު ވެސް އުޅެ އެވެ. އެ މީހުން ދެކޭ ގޮތުގައި އެއީ ކޮންމެހެން ބޭނުންކަމެއް ނޫނެވެ.

ދާދި މިދާކަށް ދުވަހު، އޭނާގެ ފޯނު ސްކްރީންގައި އިން "އެތިކޮޅެއް" ފިލުވާލަ ދިނުމަށް ރައްޓެއްސަކު އެދުނެވެ. ފޯނު އަތުލާފައި ބަލާލީމެވެ. އެއީ ސޮފްޓްވެއާ އަޕްޑޭޓެއް ލިބެން ހުރިކަން އަންގައިދޭ ނޮޓިފިކޭޝަން އައިކަން އެވެ.

އެ "އެތިކޮޅު" ފިލާނީ ސޮފްޓްވެއާ އަޕްޑޭޓްކުރީމަ ކަމަށް ބުނީމެވެ. ސޮފްޓްވެއާ އަޕްޑޭޓްކުރާކަށް އޭނާ ބޭނުމެއް ނުވި އެވެ. އެހެންވެ އެކަން ވާން ނެތް ކަމަށް ބުނެ ފޯނު ދިނީމެވެ. ކޮށްދޭނީތޯ ނޫނީ އެހެން މީހެއް ކައިރި އަށް ދާންވީތޯ އޭނާ އެހި އެވެ.

އެ އެތިކޮޅު ނުފެންނާނެ ގޮތަށް އޮޓަމެޓިކް އަޕްޑޭޓް އަހަރެން ކެންސަލްކުރީމެވެ. އަދި ސިސްޓަމުން އެ ނޮޓިފިކޭޝަން ނާންނާނެ ގޮތް ހެދީމެވެ. އެކަމުގައި ހުރެދާނެ ނުރައްކަލަކާ ބެހޭ ގޮތުން އޭނާ އަށް ކިޔައި ވެސް ދިނީމެވެ. އޭނާ ބުނީ "ވަރިހަމަ" ކަމަށެވެ.

ގޫގުލުން ބުނީ އެންޑްރޮއިޑް ފޯނުތައް ރައްކާތެރި ނުވަނީ ބޭނުންކުރާ މީހުން އެކަންކުރަން ބޭނުން ނުވާތީ ކަމަށެވެ. އެ މީހުންގެ ސަބަބުން، ފޯނުު ރައްކާތެރިކޮށް ގެންގުޅެން އެދޭ މީހުންނަށް ވެސް ކެހި ލިބޭ ކަމަށް ގޫގުލުން ފާހަގަކުރެ އެވެ.

އެންޑްރޮއިޑް މާހައުލު ރައްކާތެރިކުރުމަށްޓަކައި، އެންޑްރޮއިޑް މާކެޓް، ގޫގުލް ޕްލޭގައި ހުރި ބަލިކަށި އެޕްލިކޭޝަންތައް ނަގައި، ފޮޅާ ސާފުކުރުމުގެ މަސައްކަތްތައް ވެސް، ގޫގުލް ސެކިޔުރިޓީ ޓިމުން އެބަ ކުރެ އެވެ. އެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރި އަށް ގެންދާނެ ކަމަށް ގޫގުލުން ބުނެ އެވެ.