ފަލަސްތީނުގެ ޣައްޒާގައި ދެމުން ދިޔަ ހަމަލާތައް ދެ އަހަރަށް ފަހު މިއަދު ހުއްޓާލިކަން އިޒްރޭލުން އިއުލާނުކުރުމާ އެކު ޣައްޒާގެ އާންމުން އެނބުރި ވަޒަނަށް ދާން ފަށައިފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދެމުން ދިޔަ ހަމަލާތައް ދެ އަހަރަށް ފަހު މިއަދު ހުއްޓާލިކަން އިޒްރޭލުން އިއުލާނުކުރުމާ އެކު ޣައްޒާގެ އާންމުން އެނބުރި ވަޒަނަށް ދާން ފަށައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުމަކަށް ހަމާސް އާއި އިޒްރޭލު އެއްބަސް ހަމަލާތައް މެދުކަނޑާލާފައި ވާއިރު މިއީ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނެވޭނެ އެއްބަސްވުމެއް ކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފަ އެވެ.
މިފަހަރު ހަމަލާތައް ފެށި ދުވަސް ކަމަށްވާ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދިން އިރު ރަހީނުކުރި އިޒްރޭލު މީހުންގެ އާއިލާތަކުން ވެސް ގެންދަނީ އެއްބަސްވުމަށް ދެ ފަރާތުން ކަމޭހިތައި ރަހީނުން އެނބުރި ގެޔަށް ދާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.
ޣައްޒާގައި މީގެ ދެ އަހަރު ކުރިން ދޭން ފެށި ހަމަލާތައް މިއަދު މެދުކަނޑާލުމާ އެކު ފަލަސްތީނުގެ އެތައް ހާސް ބަޔަކު އަމިއްލަ ގެދޮރަށް ދަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ޖީއެމްޓީން މިއަދު ހެނދުނު 9:00 (ރާއްޖޭ ގަޑިން މެންދުރު ފަހު 2:00) ގައި ވަނީ ހަމަލާތައް ހުއްޓާލައިފަ އެވެ. އަދި އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިން އެންމެ ފުރަތަމަ ފަހަތަށް ޖެހެންޖެހޭ ހިސާބަށް ފަހަތަށް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭރު ބުންޏެވެ.
އޭގެ ތިން ގަޑިއިރު އިރު ފަހުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވަނީ އެއްބަސްވި ހިސާބަށް އިޒްރޭލު ސިފައިން ފަހަތަށް ޖެހިއްޖެކަން އިއުލާނުކޮށްފަ އެވެ. އެކަމަކު އަދިވެސް އިޒްރޭލުން ފަލަސްތީނު ސަރަހައްދުގެ 53 ޕަސެންޓް ކޮންޓްރޯލްކުރެ އެވެ.
އިޒްރޭލު ސިފައިން ފަހަތަށް ޖެހުމާ އެކު، އެއްބަސްވުމުގެ ދަށުން ދެން ގުނަން ފަށާނީ ހަމާސް އިން އަސީރުކޮށްފައި ތިބި އިޒްރޭލު އެންމެން މިނިވަންކުރުމަށް އޮތް 72 ގަޑި އިރެވެ.
ޣައްޒާގައި ހަމަލާތައް މެދުކަނޑާލުމުން ފަލަސްތީނު އަންހެނަކު ބައިސްކަލަކަށް ކުއްޖަކާއި ބައެއް މުދާ އަރުވައިގެން އަމިއްލަ ގެދޮރަށް ދާން ހިނގާފައި އަންނަނީ. -- ފޮޓޯ: އޭއެފްޕީ
މި ވަގުތު ގުނެން ފަށާފައި ވާއިރު އިޒްރޭލުން ވަނީ މި އަސީރުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން މިނިވަންކުރާނެ، އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރާ ފަލަސްތީނުގެ 250 މީހުންގެ ލިސްޓު ނެރެފަ އެވެ. މި މީހުންގެ އިތުރުން، ޣައްޒާގެ ހަމަލާތައް ފެށި ފަހުން އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،700 މީހަކު ވެސް މިނިވަންކުރާނެ އެވެ. އެ މީހުންގެ ލިސްޓު ވެސް ވަނީ ނެރެފަ އެވެ.
ހަނގުރާމަ އާއި ހައިހޫނުކަމުގެ ތެރޭގައި ހޭދަކުރި ވޭންދެނިވި ދެ އަހަރަށް ފަހު ޣައްޒާގެ އާންމުން ވަނީ ހަމަލާތައް ހުއްޓާލިކަން އިއުލާނުކުރުމުގެ ކުރިން ވެސް އެނބުރި ވަޒަނަށް ދާން ދަތުރު ފަށައިފަ އެވެ. ހަމަލާތައް ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކުރުމާ އެކު އެތައް ހާސް ބަޔަކު ހިމެނޭ ދިގު ސަފުތައް، ދެކުނު ޚާން ޔޫނިސް އިން، ޣައްޒާގެ އުތުރަށް މިސްރާބުޖެހި އެވެ. އިޒްރޭލުގެ ހަމަލާތަކުގައި އާންމުންގެ ގެދޮރު ސުންނާފަތިކޮށްފައި ވިޔަސް އެނބުރި އަމިއްލަ ވަޒަނަށް ދެވޭ ކަމުގެ ހިތްހަމަޖެހުމާ އެކުގަ އެވެ.
"އަހަރެމެން އެނބުރި މި ދަނީ ޒަހަމްތަކާއި ހިތާމަތަކުން ފުރިފައި ތިބެގެން. އެކަމަކު މި ދުވަސް ދެއްކެވިކަމަށްޓަކައި ﷲ އަށް ހަމްދުކުރަން،" އުމުރުން 32 އަހަރުގެ އަމީރު އަބޫ ލިޔާދާ ޚާން ޔޫނިސްގައި އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ޣައްޒާގައި މީގެ ދެ އަހަރު ކުރިން ދޭން ފެށި ހަމަލާތައް މިއަދު މެދުކަނޑާލުމާ އެކު ފަލަސްތީނުގެ އާއިލާއެއް އެ މީހުންގެ މުދާކޮޅާ އެކު އެނބުރި ވަޒަނަށް ދަނީ. -- ފޮޓޯ: އޭއެފްޕީ
އުމުރުން 53 އަހަރުގެ އަރީޖް އަބޫ ސާދިއާ ވެސް އެނބުރި ވަޒަނަށް ދާއިރު އެތަނުގެ ވަށައިގެން ވަނީ ފުނޑުފުނޑުކޮށްލާފައިވާ އިމާރާތްތަކާއި އެނބުރިފައި ހުރި ދަގަނޑުތަކާއި ސިމެންތީގެ ހިރަސްފުސް ވިލާތަކެވެ.
"ހަމަލާތަކުގައި އަހަރެންގެ ފިރިހެން ދަރިއަކާއި އަންހެން ދަރިއަކު ޝަހީދުވެފައި ވިޔަސް ސުލްހައިގެ އެއްބަސްވުމާ މެދު އަހަރެން ވަރަށް އުފާވޭ. ސުލްހައިގެ ސަބަބުން އުފާވޭ، އެނބުރި ވަޒަނަށް ދެވޭތީ އުފާވޭ،" އޭނާ ބުންޏެވެ.
އިޓަލީން ބުނި ގޮތުގައި ޣައްޒާގެ އާންމުންނަށް އެހީގެ ސާމާނު ލިބޭނެ މަގު ތަނަވަސްކުރުން ވެސް އެއްބަސްވުމުގައި ހިމެނޭއިރު ރަފަހް ބޯޑަރުން ޣައްޒާ-މިސްރު ގުޅުވައިދޭ، ފައިމަގުގައި ދަތުރުކުރާ މަގެއް ވެސް މި މަހުގެ 14 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
ޣައްޒާގައި މީގެ ދެ އަހަރު ކުރިން ދޭން ފެށި ހަމަލާތައް މިއަދު މެދުކަނޑާލުމާ އެކު ފަލަސްތީނުގެ އާންމުން އުފާ ފާޅުކުރަމުން އެނބުރި ވަޒަނަށް ދަނީ. -- ފޮޓޯ: އޭއެފްޕީ
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ހަމާސް އިން މީގެ ދެ އަހަރު ކުރިން ދިން ހަމަލާގައި އަސީރުކުރި 251 މީހުންގެ ތެރެއިން 47 މީހަކު ދޫކޮށްލާނެ އެވެ. މީގެ އިތުރުން 2014 ވަނަ އަހަރުން ފެށިގެން ޣައްޒާގައި އަސީރުކޮށްފައި ހުރި މީހެއްގެ ހަށިގަނޑެއް ވެސް ހަވާލުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ވަނީ އިޒްރޭލު ސިފައިންނާއި، ހަތިޔާރު އެޅި އުޅަނދުތައް ޣައްޒާ ސިޓީ އާއި ޚާން ޔޫނިސްގައި ތިބި ހިސާބުތަކުން ފަހަތަށް ޖެހުނުކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ އަދިވެސް ބައެއް ހިސާބުތައް އާންމުންނަށް ބަންދުވާނެ ކަމަށާއި އެއީ "އޮޕަރޭޝަނަލް ޕޮޒިޝަން އެޖަސްޓްކުރުމަށް" އަދިވެސް ވަގުތު ނަގާތީ ކަމަށެވެ.
އޭއެފްޕީއާ ވާހަކަ ދެއްކި، ޣައްޒާގެ އެތައް ބަޔަކު ވަނީ އިޒްރޭލު ސިފައިންގެ ފައުޖުތައް މަގާމުތައް ދޫކޮށް ފަހަތަށް ޖެހިފައިވާ ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ
އިޒްރޭލާއި ހަމާސް އެއްބަސްވުމުން ކުރިއަށްދާނެ: ގަތަރު
ހަމާސްގެ ލީޑަރުންނަށް ހިމާޔަތެއް ނުލިބޭނެ: އިޒްރޭލް
އިޒްރޭލުން ޣައްޒާއަށް ހަމަލާދީ 30 މީހަކު ޝަހީދުކޮށްފި
ޣައްޒާއަށް ހަމަލާދޭން ފަށަން ނަތަންޔާހޫ އަންގައިފި
ހަށިގަނޑެއްގެ މައްސަލައިގައި އިޒްރޭލުގެ އިންޒާރެއް
"މިނިވަން" ކޮމިޓީއަކުން ޣައްޒާ ހިންގަން އެއްބަސްވެއްޖެ
އިޒްރޭލުން އެހީވާ ގޭންގަށް ހަމާސްގެ ވަރުގަދަ ހަމަލާއެއް
ހަމަލާތައް އަލުން ފަށާނެކަމުގެ އިންޒާރު އިޒްރޭލުން ދީފި
ހަމާސް އިން އިޒްރޭލުގެ އަސީރުން މިނިވަންކުރަން ފަށައިފި
ޣައްޒާ ހިންގަން ހަމާސް ބައިވެރިނުވާނެ ކަމަށް ބުނެފި