Roadha Mihaaru

އާ ޓާމިނަލްގެ 10 ވަނަ އެއާލައިނަކަށް މެލޭޝިއާ އެއާލައިންސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް އިން ހިދުމަތް ދޭން ފެށި 10 ވަނަ އެއާލައިނަކަށް މެލޭޝިއާ އެއާލައިންސް މިއަދު ވެއްޖެ އެވެ.

އާ ޓާމިނަލްގެ 10ވަނަ އެއާލައިނަކީ މެލޭޝިއާ އެއާލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް އިން ހިދުމަތް ދޭން ފެށި 10 ވަނަ އެއާލައިނަކަށް މެލޭޝިއާ އެއާލައިންސް މިއަދު ވެއްޖެ އެވެ.

ޓާމިނަލް 1 އިން އެ އެއާލައިންގެ ހިދުމަތް ދޭން ފެށުމަށް ވީއައިއޭގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. މެލޭޝިއާ އެއާލައިންސްގެ މާލޭގެ ސްޓޭޝަން ހެޑް އަހުމަދު ހަނަމް ފާއިޒާއި އެމްއޭސީއެލް އާއި އެ އެއާލައިންގެ އިސްވެރިންނާއި އޮފިޝަލުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މީއައިއޭގެ އާ ޓާމިނަލުން މެލޭޝިއާ އެއާލައިންސްގެ ހިދުމަތް ދޭން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިޔާސް (މ) އާއި އެމްއޭސީއެލް އަދި އެ އެއާލައިންގެ މާލޭ ސްޓޭޝަންގެ ބައެއް ވެރިން ފޮޓޯއަކަށް ތައްޔާރުވެގެން.---ފޮޓޯ: އެމްއޭސީއެލް

މެލޭޝިއާ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 170 ފަސިންޖަރުންނަށް މިއަދު ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި މެލޭޝިއާ އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު MH485 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް ދީ, އެ ފްލައިޓުން ރާއްޖެ އައި 172 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

މެލޭޝިއާ އެއާލައިންސްގެ މަތިންދާބޯޓު ވީއައިއޭގެ ޓާމިނަލް 1 އަށް މިއަދު ކައިރި ކޮށްފައި.---ފޮޓޯ: އެމްއޭސީއެލް

މެލޭޝިއާ އެއާލައިންސްގެ މަތިންދާބޯޓު ވީއައިއޭގެ ޓާމިނަލް 1 އަށް މިއަދު ކައިރި ކޮށްފައި.---ފޮޓޯ: އެމްއޭސީއެލް

ޓާމިނަލް 1 ގައި މިހާރު ހިދުމަތް ދޭ 10 އެެއާލައިން:

- މޯލްޑިވިއަން އެއާލައިން

- އެއާ އަރަބިއާ

- ބިއޯންޑް

- ފިޓްސް އެއާ

- ބެއިޖިންގް ކެޕިޓަލް އެއާލައިންސް

- ބަޓިކް އެއާ

- ބެންކޮކް އެއާވޭސް

- އިންޑިގޯ

- ގަލްފް އެއާ

- މެލޭޝިއާ އެއާލައިންސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފެށީ މިދިޔަ ޖުލައި 26 ގަ އެވެ. އެ ތަނަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.