Roadha Mihaaru
މަހުޖޫބު ޝުޖާއު، އެއާޕޯޓުގެ ތަރައްގީ ވިލަރެސްކުރަން

މަހުޖޫބު ޝުޖާއު، އެއާޕޯޓުގެ ތަރައްގީގެ ކަންކަން ބަލަހައްޓާ މަންދޫބަކަށް

19 މެއި 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ ކަންކަން ވިލަރެސް ކުރުމަށްޓަކައި ރައީސް އޮފީހުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މަހުޖޫބު ޝުޖާއު ހަމަޖައްސައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ ކަންކަން ވިލަރެސް ކުރުމަށްޓަކައި ރައީސް އޮފީހުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މަހުޖޫބު ޝުޖާއު ހަމަޖައްސައިފި އެވެ.

ހުޅުމާލެ ހިންގާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރިން ކުރެއްވި މަހުޖޫބު، އެއާޕޯޓުގެ ތަރައްގީގެ ކަންކަން ބަލަހައްޓަން ރައީސް އޮފީހުގެ ފަރާތުން ހަވާލުކުރިތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެ އެވެ. އޭނާ މަސައްކަތް ކުރައްވަނީ ވެސް ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އޮފީހުގަ އެވެ.

އެއާޕޯޓުގެ ތަރައްގީގެ ކަންކަން ބެލުމަށް ރައީސް އޮފީހުގެ ފަރާތުން މަހުޖޫބު ކަނޑައެޅިއިރު، އެމްއޭސީއެލްގެ ފަރާތުން އެ މަޝްރޫއުގެ ކަންކަން ބަލަހައްޓާ އިސް ވެރިއަކީ ކުންފުނީގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީން ކަމަށް ވަނީ ހަމަޖައްސައިފަ އެވެ. އޭނާ އެކަމަށް އިސްކުރީ ބޯޑުން ނިންމައިގެންނެވެ.

އިބްރާހިމް ނޫރައްދީން މިއަދު "މިހާރު" އަށް ވިދާޅުވީ އެއާޕޯޓުގެ އާ ޓާމިނަލްގެ މަޝްރޫއުއާ ބެހޭ ހުރިހާ ކަމެއް ނިމި މިހާރު ފަށަން ތައްޔާރު ވެފައިވާ ކަމަށެވެ.

"ދެން މާ ގިނަ ދުވަހެއް ނުނަގާނެ. ވަރަށް ހަލުއިކޮށް ދެން ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީން (ވ) ކުރީގެ ރައީސް ނަޝީދު އަދި ވޮލީ ކޯޗު ސައްޔިދު އަލީއާ އެކު.

އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީން (ވ) ކުރީގެ ރައީސް ނަޝީދު އަދި ވޮލީ ކޯޗު ސައްޔިދު އަލީއާ އެކު.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެ ސަރުކާރު ބަދަލުވުމާ ގުޅިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު 15 ގައި އިސްތިއުފާ ދެއްވި ނަމަވެސް އެ މަގާމަށް މި ސަރުކާރުން އަދިވެސް ބޭފުޅަކު ކަނޑައެއް ނާޅުއްވަ އެވެ. އެ ދުވަހުން ފެށިގެން އެތަން ހިންގަވަމުން ގެންދަވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ.

އެމްއޭސީއެލް ހިންގަވާ މޫސާ ސޯލިހް: އެ ކުންފުނީގެ އެމްޑީ ކަމަށް މި ސަރުކާރުން އަދިވެސް ބޭފުޅަކު ކަނޑައެއް ނާޅާ.---ފޮޓޯ: މިހާރު

އެމްއޭސީއެލް ހިންގަވާ މޫސާ ސޯލިހް: އެ ކުންފުނީގެ އެމްޑީ ކަމަށް މި ސަރުކާރުން އަދިވެސް ބޭފުޅަކު ކަނޑައެއް ނާޅާ.---ފޮޓޯ: މިހާރު

ޔާމީންގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ފެށި ބިޔަ މަޝްރޫއުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު ކަމަކީ އާ ޓާމިނަލްގެ މަސައްކަތެވެ. މި ސަރުކާރު އައި ފަހުން، މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވާތީ އެތައް ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

މި މަޝްރޫއު އަލުން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ސައުދީ ފަންޑުގެ އިސް ބޭފުޅުންނާ އެކު މި މަހުގެ ކުރީކޮޅު ބޭއްވެވި މަޝްވަރާތަކަށް ފަހު ވިދާޅުވެފައި ވަނީ އާ ޓާމިނަލްގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އަލުން ފެށޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

ޓާމިނަލްގެ މަސައްކަތް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެއީ، ސައުދީ އަރަބިއްޔާގެ ވެސް އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. އެ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ތަފާތު ސަބަބުތަކާ ހެދި މަޑުޖައްސާލައިފަ އެވެ.

މި މަސައްކަތަށް ފައިސާ ޚަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.

ޓާމިނަލްގެ މަޝްރޫއު އަލުން ކުރިއަށް ގެންދަން މި ސަރުކާރުން ބޭނުންވަނީ ބަދަލުތަކާ އެކު އެވެ. މި ސަރުކާރުން ބޭނުންވާ އެއް ބަދަލަކީ، އެނގިފައިވާ ގޮތުގައި، ބައިނަލްއަގުވާމީ ދަތުރުތަކަށް ހާއްސަ ޓާމިނަލް ކުރިން ހަދަން އޮތް ވަރަށް ވުރެ ބޮޑުކުރުމެވެ. އާ ޓާމިނަލްގެ ފައުންޑޭޝަނަށް ބޭނުންވާ 1400 އަށް ވުރެ ގިނަ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތް، ޔާމީންގެ ވެރިކަން ނިމުނު އިރު، ބިންލާދިން ގްރޫޕުން އޮތީ ފަށައިފަ އެވެ. އާ ޓާމިނަލް ހަދަނީ، މިހާރުގެ ޓާމިނަލްގެ ދެކުނު ފަަރާތުގައި، 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.

އާ ޓާމިނަލް ނިމި، ބޭނުން ކުރަން ފެށުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ ޑޮމެސްޓިކް ޓާމިނަލަށެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2022 ގަ އެވެ.