Roadha Mihaaru
ރިޔާޒުގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކޮށްފި

ރިޔާޒުގެ މައްޗަށް ދެ ތުހުމަތެއް ކޮށްފި

28 މާޗް 2017

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އަދި އޭނާގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރައްވާ ކަމަށް ވެސް ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ރިޔާޒު ވިދާޅުވި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އަދި އޭނާގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރައްވާ ކަމަށް ވެސް ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ ރިޔާޒު ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ފުލުހުން ސުވާލުކުރީ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރާއްޖޭގެ ހިންގުން މާފިއާ ގޭންގަކާ ހަވާލުކުރާކަށް ގަބޫލެެއް ނުކުރެވޭ" ކަމަށް އޭނާ ވިދާޅުވުމުން ކަމަށެވެ. އެއީ ފުލުހުން ކުރާ އެއް ތުހުމަތެވެ.

ރިޔާޒު ވިދާޅުވީ ރާއްޖެ ހިންގުން ގޭންގަކާ ހަވާލުކުރަން ފުލުހުން ވެސް ބޭނުން ނުވާނެ ކަމަށާއި ހުރިހާ މުއައްސަސާތައް ވެސް މަސައްކަތް ކުރަން ޖެހޭނީ ގާނޫނު އަސާސީއާ ގަވާއިދުތަކާ އެއްގޮތަށް ހިނގާތޯ ކަށަވަރު ކުރުމަށް ކަމަށެވެ.

"އަޅުގަނޑު ސިޔާސީ ފޯރަމްގައި ދެއްކެވި ވާހަކަތަކަށް ރައީސް ޔާމީން ހިތްޕުޅާ ހަމަނުޖެހިގެން މިހާރު މި އުޅުއްވަނީ. ދެންނެވިން އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަމޭ ދިވެހި ފުލުހުން، އަޅުގަނޑު ސިޔާސީ ގޮތުން ދައްކާފައި ހުރި ވާހަކަތައް އަދި އެއްވެސް މީހަކު ސިޔާސީ ގޮތުން ދައްކާ ވާހަކަތަކުގެ މައްސަލަތައް ބަލައި ފުލުހަށް ސިޔާސީ މީހުން ހާޒިރުކޮށް މިކަންކަން ކުރަންޖެހޭ ކަމަކަށް... ސިޔާސީ ފޯރަމްތަކުގައި ހަގީގަތާ އެއްގޮތަށް ދައްކާފައި ހުރި ވާހަކައެއްގެ މައްސަލަ ފުލުހުން ބަލަންޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" ޝަހީދު ހުސެއިން އާދަމް ބިލްޑިން ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒުގެ މައްޗަށް ކުރާ ދެ ވަނަ ތުހުމަތަކީ، ސަރުކާރުގެ މުއައްސަސާތަކުގެ ވަރަށް ގިނަ މައުލޫމާތު ލިބިވަޑައިގަތުމެވެ. އޭނާ ވިދާޅުވީ މުޅި ދުވަސް ހޭދަކުރައްވަނީ ސިޔާސީ މަސައްކަތްތަކުގައި ކަމަށާއި ދައުލަތާއި އެކި މުއައްސަސާތަކުގެ އިސްބޭފުޅުންނާ ވެސް ވާހަކަދައްކަވާ ކަމަށެވެ. އެހެންކަމުން މުއައްސަސާތަކުގެ މައުލޫމާތު އެނގުމަކީ މައްސަލައެއް ކަމަކަށް ރިޔާޒު ގަބޫލެއް ނުކުރައްވަ އެވެ.

"އަޅުގަނޑު ދެންނެވިން ކެބިނެޓް މިނިސްޓަރުން ވެސް އަޅުގަނޑާ ވާހަކަދައްކަވައޭ. އަދި ފުލުހުންނާއި އިމިގްރޭޝަނާއި އެމްއެންޑީއެފްގެ ބޭފުޅުން ވެސް އެބަހުރި. ގަބޫލެއްނުކުރަން އެއީ މައްސަލައަކަށް ވާންޖެހޭ ކަމަކަށް. މި މުއައްސަސާތަކަކީ ހަމައެކަނި ސަރުކާރުގެ ބޭފުުޅުންނަށް ވާހަކަ ދައްކަންޖެހޭ އަޅުންގެ ގޮތުގައި ވާންވާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރަން،" ރިޔާޒު ވިދާޅުވި އެވެ.

ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ރިޔާޒު ފުލުހަށް ހާޒިރުކުރުވައި އޭނާގެ ފޯނު އަތުލައިފަ އެވެ.

ވަރަށް ގިނަ މައުލޫމާތުތައް އެނގޭ ކަމަށާއި ނަމަވެސް އެ ހުރިހާ ވާހަކަތަކެއް ހިއްސާ ނުކުރައްވާނެ ކަމަށާއި ކުރައްވާ މަސައްކަތްތައް ވެސް ހުއްޓާނުލައްވާ ކުރިއަށްގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.