Roadha Mihaaru
އިގުތިސާދު ދިރޭނީ ޒުވާނުންގެ ދައުރު ފުޅާކޮށްގެން:ރައީސް

އިގުތިސާދަށް ދިރުން ލިބެން ފަށާނީ ޒުވާނުންގެ ދައުރު ފުޅާކޮށްގެން: ރައީސް

19 އޯގަސްޓް 2020

ކޮވިޑް-19 ގެ ހުރަސްތައް ގިރާކޮށް އިގުތިސާދަށް އަވަހަށް ދިރުން ލިބެން ފަށާނީ ޒުވާނުންގެ ދައުރު މިހާރަށް ވުރެ ފުޅާކޮށްގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ހުރަސްތައް ގިރާކޮށް އިގުތިސާދަށް އަވަހަށް ދިރުން ލިބެން ފަށާނީ ޒުވާނުންގެ ދައުރު މިހާރަށް ވުރެ ފުޅާކޮށްގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިރޭ ފެށުނު ހިޖުރީ އާ އަހަރުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި ހިތާބުގައި ވިދާޅުވީ ކޮވިޑް-19 ގެ ހުރަސްތަައް ގިރާކޮށް އާއްމު ހާލަތަށް ދިއުމަށް ސަކާރުން ކުރާ މަސައްކަތަށް ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ރާއްޖެ ތަޖުރިބާކުރަމުން ދަނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި ތަރައްގީގެ ދުވެލި ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"...އަޅުގަނޑުމެން އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިގުތިސާދަށް ދިރުން ލިބެން ފަށާނީ ވިޔަފާރި އާއި އިގުތިސާދީ އެންމެހައި ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަން ޔަގީނެވެ،" ޚިތާބުގައި ރައީސް ވިދާޅުވި އެވެ.

ހިޖުރީ އާ އަހަރެއްގެ ފެށުން ފާހަގަކުރާ އުފާވެރި މުނާސަބާގައި ހަނދާނަން ގެންނަންވީ، އެމަނިިކުފާނު ވިދާޅުވި ގޮތުގައި، ހިޖުރައިން ލިބިދޭ މަތިވެރި ފިލާވަޅުތަކާ އެއްގޮތަށް އުޅުންތަކާއި ގުޅުންތައް ބެހެއްޓުމަށެވެ. އެގޮތުން އާއިލާގެ އެކަކު އަނެކަކަށް އެހީތެެރިވުމާއި މުޖުތަމައުގެ އެއްބަޔަކު އަނެއްބަޔަކަށް އަޅައިލުމަކީ އެފަދަ ކަންތައްތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކުޑަކުދިންނަށް ކަމޭހިތުމާއި އަންހެނުންނަށް އޯގާތެރިވުން އަދި މުސްކުޅިންނަށް އެހީތެރިވުމަކީ ވެސް ހިޖުރައިން ލިބިދޭ އިރުޝާދާ އެއްގޮތަށް ކަންތައް ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެން އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިގުތިސާދަށް ދިރުން ލިބެން ފަށާނީ ވިޔަފާރި އާއި އިގުތިސާދީ އެންމެހައި ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަން ޔަގީނެވެ--- ރައީސް

މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތަކީ، ރައީސް ވިދާޅުވި ގޮތުގައި، ހިޖުރައިގެ އިބުރަތްތަކުން ފިލާވަޅު ލިބިގަތުމުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ހާލަތެކެވެ.

"...މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމު ކަމެވެ. ހަމައެފަދައިން އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުމުގެ މުހިންމު ކަމެވެ. ކުރިއެރުމާއި ތަރައްގީ އަށް އެދޭނަމަ، އެންމެހައި ރައްޔިތުން އެއް އަޒުމެއްގައި، އެއް އަމާޒަކަށް ގަދައަޅައި މަސައްކަތް ކުރުމުގެ ބޭނުންތެރި ކަމެވެ،" ރައީސް ވިދާޅުވި އެވެ.

ހިތާބު ނިންމަވައިލައްވަމުން ރައީސް ވަނީ އިސްލާމީ އުއްމަތަށާއި ރާއްޖެ އަށް މި އަހަރަކީ ބާއްޖަވެރި އަހަރެއް ކަމުގައި ލެއްވުމަށާއި ތިޔާގިކަމާއި ތަނަވަސްކަން ގެނެސްދޭ އަހަރެއް ކަމުގައި 1442 ވަނަ އަހަރު ލެއްވުން އެދި ދުއާ ކުރައްވައިފަ އެވެ.