Roadha Mihaaru
ދާންދޫ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ މާލެ ގެނެސްފި

ދާންދޫ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ މާލެ ގެނެސްފި

17 ޑިސެމްބަރ 2020

ގއ. ދާންދޫގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ އަށް އިތުރު ފަރުވާ ދޭން މާލެ ގެނެސްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގއ. ދާންދޫގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ އަށް އިތުރު ފަރުވާ ދޭން މާލެ ގެނެސްފި އެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ދާންދޫއަށް ދިޔަ ތިން އަހަރުގެ ފުވައްމުލަކު ކުއްޖަކަށެވެ. ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް މި ކުއްޖާ ގައިގައި ޖެހުމުން ލިބުނު ސީރިއަސް އަނިޔާތަކަށް އިތުރު ފަރުވާ ދޭން އެ އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް އިއްޔެ ގެންދިޔަ އެވެ. އަދި މިހާރު އެ ކުއްޖާ ވަނީ އައިޖީއެމްއެޗަށް ގެނެސްފައި ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު "މިހާރު" އަށް ވިދާޅުވި އެވެ.

"ޗާޓަރު ފްލައިޓެއްގައި އަޅުގަނޑުމެން އެ ކުއްޖާ ރޭގައި މާލެ ފޮނުވިން. ދަންވަރު 3:30 ކަން ހާ އިރު އައިޖީއެމްއެޗްއަށް ގެންދެވުނު،" އޭނާ ވިދާޅުވި އެވެ.

އަވަހަށް މާލެ ގެންނަން ޖެހުނީ އެ ކުއްޖާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުމުން ސީޓީ ސްކޭނެއް ހަދަން ޖެހުމުން ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެ ކުއްޖާގެ ވާތު ފައިގެ ކަށިގަނޑެއް ބިނދިފައިވާ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެ ކުއްޖާ މާލެ ފޮނުވީ ވިލިނގިލީ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރާއި ހެޑް ނަރުހާ އެކު ކަމަށެވެ.

މި އެކްސިޑެންޓުގައި އެ ސައިކަލް ދުއްވަން އިން މީހާ އަށް ވެސް އަނިޔާވެ ފަރުވާ ދޭން ވިލިނގިލި ހޮސްޕިޓަލަށް އިއްޔެ ގެންދިޔަ އެވެ. ޝަރީފް ވިދާޅުވީ އެ މީހާއަށް ފަރުވާ ދިނުމަށް ފަހު ރޭ ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވީ ވެހިކަލް ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.