މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެޕްރެންޓިސް ޕްރޮގްރާމް ރަސްމީކޮށް މިއަދު ފަށަައިފި އެވެ.
10 ނޮވެމްބަރ 2025
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެޕްރެންޓިސް ޕްރޮގްރާމް ރަސްމީކޮށް މިއަދު ފަށަައިފި އެވެ.
މި ޕްރޮގުރާމު ފެށުމަށް އެމްޕީއެލް ހެޑް އޮފީހުގައި މިއަދު ހެނދުނު އޮތް ހާއްސަ ރަސްމިއްޔާތުގައި އެ ޕްރޮގުރާމުގެ 20 ބައިވެރިންނަށް އޮފާ ލެޓާ ވަނީ ހަވާލުކޮށްފަ އެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޖަވާޒު ޝަރަފުވެރިކޮށްދެއްވި އެ ހަފްލާގައި އޭނާ ވަނީ އެމްޕީއެލް އަކީ އެޕްރެންޓިސް ޕްރޮގުރާމުތައް ހިންގުމުގައި ނަމޫނާ ކުންފުންޏެއް ކަމަށް ވިދާޅުވެފަ އެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ތަމްރީނު ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެޕްރެންޓިސް ޕްރޮގްރާމުގެ ބައެއް ބައިވެރިން.
"ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާ ޓެކްނިކަލް ކަންކަން ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް. އަދި މިހާތަނަށް ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގުރާމްގައި ބައިވެރިވާ ޒުވާނުންގެ ތެރެއިން 72 އިންސައްތަ ބައިވެރިންނަށް ވަޒީފާ ލިބިފައިވޭ." އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ބަނދަރުގެ އެކި ދާއިރާތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ފަހިކޮށްދީ، އެކަމަށް ބޭނުންވާ ތަމްރީނުތައް ޒުވާނުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ފަދަ ޕްރޮގުރާމުތަކުގެ މަގުސަދަކީ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ގާބިލު ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، ބޭނުންވާ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ. އަދި އެ ޕްރޮގުރާމުގެ ބައިވެރިންގެ ތެރެއިން އެކަމަށް ގާބިލު ފަރާތްތަކަށް އެމްޕީއެލްއިން ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގުރާމަކީ ހަ މަސް ދުވަހުގެ ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމުގެ ބައިވެރިންނަށް މަހަކު 5،000ރ. ގެ އެލަވަންސެއް ލިބޭނެ އެވެ.
މި ފަހަރުގެ ޕްރޮގުރާމުގައި ފުރުސަތު ދިން ދާއިރާތަކުގެ ތެރޭގައި މެރިން މެކޭނިކް އެޕްރެންޓިސް، ހެވީ ވެހިކަލް މެއިންޓެނެންސް އެޕްރެންޓިސް، އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް އެޕްރެންޓިސް، އެޑްމިނިސްޓްރޭޓިވް އެޕްރެންޓިސް، ފަރުނީޗަރު ކާޕެންޓްރީ އެޕްރެންޓިސް، ވެލްޑިން ޓެކްނިކްސް އެޕްރެންޓިސް ހިމެނެ އެވެ.
އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގުރާމުތަކުގައި 300 އަށް ވުރެ ގިނަ މީހުން ތަމްރީނުކޮށް 200 އަށް ވުރެ ގިނަ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ވަނީ ދީފަ އެވެ. މިއީ އެކުންފުނީގެ އެޕްރެންޓިސް ޕްރޮގުރާމުގެ 12 ވަނަ ބެޗެވެ.
ބަލިކަށި މަގަތުފާލަމަކާ ހެދި ބޮޑު ރިސްކެއްގައި!
ކުޅުދުއްފުއްޓަށް ޓުޓިކޮރިން އިން މުދާ ގެންދަން ފަށައިފި
ނުކުޅެދުންތެރިކަން ހުއްޓަސް ވަޒީފާ ދިނުމަކީ ހަމަހަމަކަން
ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް ވަޒީފާ ދީފި
ކޮޅުވެއްޓި ހާދިސާ ހިނގީ ބަނދަރުގެ ހާލަތު ދަށްކަމުން
ހާލަތު ބަލަން ނާޒިމާއި ސަލީމް އެމްޕީއެލް ބަނދަރަށް
ސްކޭން ކުރަން ފެށުމުން ރަނގަޅު ވިޔަފާރިވެރިން ސާފުވާނެ
ހައްޔަރުކުރި ބިދޭސީއަކީ ކޮންޓެއިނަރު ނައްތާލި މީހާ
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ޕޯޓް މެނޭޖްމަންޓް ދާއިރާގެ ޑިގްރީ ކޯހެއް ހިންގަނީ