Roadha Mihaaru

ގެއްލުން ދިން މައިކްތަކުގެ އަގު ދައްކަން މެންބަރުންނަށް އަންގަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި މައިކަށް ގެއްލުންދިން މައްސަލާގައި ހަތަރު މެންބަރަކަށް ފިޔަވަޅު އަޅަން މަޖިލީހުގެ ސުލޫކީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ހަލާކުވި މައިކްތަކަށް މެންބަރުން އަގު ދައްކަން އަންގަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

25 ނޮވެމްބަރ 2025

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި މައިކަށް ގެއްލުންދިން މައްސަލާގައި ހަތަރު މެންބަރަކަށް ފިޔަވަޅު އަޅަން މަޖިލީހުގެ ސުލޫކީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާގެ ބިލާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި، މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މައިކްރޮފޯނަކަށާއި ދެ މައިކްރޮފޯނުގެ ބޭސްއަށް ވަނީ ގެއްލުންވެފަ އެވެ. އެ މައްސަލާގައި ފިޔަވަޅު އަޅަން މިއަދު ކޮމިޓީން ނިންމީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން އަދި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރަށެވެ.

އެ މައިކް ސިސްޓަމްގެ އަގަކީ 34،800 ރުފިޔާ އެވެ. ކޮމިޓީން ނިންމާފައިވަނީ ތިން މެންބަރުންނަށް ބަހާލައިގެން އެ އަގު މަޖިލީހަށް ދެއްކުމަށް ތިން މެންބަރުންނަށް އެންގުމަށެވެ.

އެ ތިން މެންބަރުންގެ އިތުރުން ދެން ފިޔަވަޅު އަޅަން ނިންމީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދަށެވެ. އޭނާއަށް ފިޔަވަޅު އަޅަން ނިންމީ މަޖިލީހުގެ ޖަލްސާއެއްގައި މައިކަށް ގެއްލުންދިން މައްސަލައެއްގަ އެވެ. އެ މައިކްގެ އަގަށްވާ 3،000 ރުފިޔާ ދައްކަން އަންގަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

މައިކަށް ގެއްލުންދިން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުން ހޫނުވީ، މިޑިއާ ރެގިއުލޭޓްކުރާ ބިލާ ގުޅޭ މަޝްވަރާތައް ކުރިއަށްދަނިކޮށް، ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ މެންބަރު މައުރޫފް ޒާކިރު މައިކް އޮންކުރުމަށްފަހު ވާހަކަދައްކަވަން ފެއްޓެވުމުންނެވެ. އެއާއެކު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ވަނީ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އެކަން ހުއްޓުވައިފަ އެވެ. އަދި އެ ވަގުތު ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކުގެ ވާގަނޑުގައި ހިފަހައްޓައި އިމްރާނަށް ދަމައިނުގަނެވޭ ގޮތަށް ހިފަހައްޓަ އެވެ.