Roadha Mihaaru

ބޭރު ފައިސާއިން ސާވިސް ޗާޖް ދޭންޖެހޭ ގޮތަށް ގާނޫނަށް އިސްލާހެއް

ރިސޯޓްތަކުން ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ފައިސާ ދިނުން ހުއްޓުވައި، ސާވިސް ޗާޖް ނެގި ކަރަންސީއަކުން ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ގެންނަން ބިލެއް ހުށަހަޅައިފި އެވެ.

ބޭރު ފައިސާއިން ސާވިސް ޗާޖް ދޭންޖެހޭ ގޮތަށް ބިލެއް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

08 ޑިސެމްބަރ 2025

ރިސޯޓްތަކުން ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ފައިސާ ދިނުން ހުއްޓުވައި، ސާވިސް ޗާޖް ނެގި ކަރަންސީއަކުން ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ގެންނަން ބިލެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ބިލުގައި އޮތީ ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާ އިސްލާހުކޮށް، "ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަމަށް ހަމަޖެއްސުމަށެވެ.

އެހެންވެ، ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުން ކަމަށް އެ ބިލްގައިވެ އެވެ.

މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖް ދޭންޖެހޭ ގޮތަށް ހަމަޖެއްސުމަށް އެ ބިލްގައި ހުށަހަޅާފައިވެ އެވެ.

އެ ބިލްގައިވާ ގޮތުން ޓޫރިސްޓް ފެސިލިޓީގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތުގައި ބައިވެރިވާ މުވައްޒަފުން ކުރަނީ ޓޫރިސްޓުންނަށް ސީދާ ގޮތެއްގައި ހިދުމަތެއް ދިނުމުގެ މަސައްކަތެއްނަމަ އެ މުވައްޒަފަށް ވެސް ސާވިސް ޗާޖް ދޭންޖެހޭނެ އެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ވޯޓަސްޕޯޓްސްގެ ހިދުމަތްދޭ ތަންތަނާއި ޑައިވް ސެންޓަރުތައް އަދި ސުވެނިއާ ޝޮޕްތައް ހިންގަން އެހެން ބަޔަކަށް ދިނުމަކީ އާއްމު ކަމެކެވެ. އެހެންވެ، ރިސޯޓް މުވައްޒަފުންނަށް ދޭ ސާވިސް ޗާޖް އެފަދަ ތަންތަނުގެ މުވައްޒަފުންނަށް ނުލިބެ އެވެ. އަދި އެ މީހުންނަށް މުސާރަ ދޭނީ ވެސް ރިސޯޓްތަކުން ނޫނެވެ.

ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި މައުރޫފް ވިދާޅުވެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖް ނެގުމަށްފަހު މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭ ގޮތަށް ގާނޫނުގައި ނަމަވެސް އެގޮތަށް ނަގާ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅޭތީ އެވެ.

އެހެންވެ، އެ ބިލް ހުށަހެޅީ މުވައްޒަފުންނަށް ސާވިސް ޗާޖްގެ ހައްގު ފުރިހަމައަށް ލިބިދިނުމަށް ކަމަށް އެ ބިލްގައިވެ އެވެ.