Roadha Mihaaru

އާޒިމާއަށް ކުރާ ދައުވާ ކުރިއަށް ނުގެންދަން ނިންމައިފި

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ކުރިއަށް ނުގެންދަން ނިންމައި، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ނަގައިފި އެވެ.

އާޒިމާއަށް ކުރާ ދައުވާ ކުރިއަށް ނުގެންދަން ނިންމައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

25 ނޮވެމްބަރ 2025

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ކުރިއަށް ނުގެންދަން ނިންމައި، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ނަގައިފި އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން 2019 ވަނަ އަހަރުގެ ތެރޭގައި އުފުލީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ. އެ ދައުވާތައް ރިވިއުކޮށްދޭން އާޒިމާ ވަނީ ހުށަހަޅުއްވައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނި ގޮތުގައި އާޒިމާގެ މައްޗަށް ދައުވާ ކުރިއަށް ނުގެންދަން ނިންމީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުގައި ހުކުމްކޮށްފައިވާތީ އެވެ.

އެހެންވެ، އާޒިމާގެ މައްޗަށް ދައުވާ ކުރިއަށް ގެންދަން މަސްލަހަތެއް އޮތް ކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި ދައުވާތަކާ ގުޅޭ ޝަރީއަތް މިހާ ދުވަސްވީއިރު ވެސް ކްރިމިނަލް ކޯޓުން ނިންމިފައެއް ނުވެ އެވެ. ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އާޒިމާ ހުށަހެޅި ކަންކަމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ވެސް ގެންދިޔައިރު، އެ ކޯޓުން ވެސް ހުކުމްކޮށްފައިވަނީ އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ދެ ދައުވާ އާޒިމާގެ މައްޗަށް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންނަށް މަނީ ލޯންޑާކޮށްދިނުމަށް މަގުފަހިކޮށްދިން ކަމަށް ބުނެ އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް، އެ ފައިސާ އަށް ހިޔާނަތްތެރިވި ފަރާތްތަކުން ޖަމާކުރުމުން އެ ފައިސާ ލޯންޑާކުރުމުގައި ޔާމީނާއި ބައިވެރިވެ އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.