Roadha Mihaaru
"އާޒިމާގެ މައްސަލާގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނެ"

އާޒިމާގެ މައްސަލާގައި ނިހާޔަތަށް ވަކާލާތެއް ނުކުރެއްވޭނެ: ދައުލަތުން

13 އެޕްރީލް 2022

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލާގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތަށް ދިފާއީ ވަކީލެއްގެ ގޮތުގައި ވަކާލާތު ނުކުރެއްވޭނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލާގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތަށް ދިފާއީ ވަކީލެއްގެ ގޮތުގައި ވަކާލާތު ނުކުރެއްވޭނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ގއ. ވޮޑަމުލާގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިން މަނީ ލޯންޑްރިންގެ ދައުވާއާ ގުޅުވައިގެން، އެ ފައިސާ ލޯންޑާކުރަން މަގުފަހިކޮށް ދިން ކަމަށް ބުނެ އެވެ. އެ ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އާޒިމާގެ ފަރާތުން އެ މައްސަލަ ވަނީ އިސްތިއުނާފްކޮށްފަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އާޒިމާގެ މައްސަލަ ޕީޖީ އޮފީހަށް ލިބުނުއިރު ޑެޕިއުޓީ ޕީޖީގެ މަގާމުގައި ނިހާޔަތު ހުންނެވުމުން އެ މައްސަލާގައި އޭނާއަށް ވަކާލާތު ނުކުރެއްވޭނެ ކަމަށެވެ.

ކުރިން ސިވިލް ކޯޓުގެ ގާޒީ ކަން ވެސް ކުރެއްވި ނިހާޔަތު ވިދާޅުވީ އެ އޮފީހުގައި އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި ޕީޖީ އޮފީހުގެ އިންތިޒާމްތައް ރޭވިފައި އޮންނަނީ ވެސް އަންނަ ކޮންމެ މައްސަލައެއްގައި ބައިވެރިވެވޭ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދު އޮތްގޮތުން ކޮންމެހެން ބައިވެރިވުމެއް އޮންނަން ނުޖެހޭނެ ކަމަށެވެ. އަދި އޮފީހަށް މައްސަލަ ހުށަހެޅުނުއިރު އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ ނަމަ، އެ މައްސަލާގައި ދިފާއީ ވަކީލެއްގެ ގޮތުން މަސައްކަތް ނުކުރެވޭނެ ކަމަށް ގަވާއިދާ ހަވާލާދީ ދައުލަތުން ބުންޏެވެ.

އާޒިމާގެ މައްސަލާގައި ޕީޖީ އޮފީހުގައި އެއްވެސް ކަމެއް ކުރުމުގައި ނިހާޔަތުގެ ބައިވެރިވުމެއް އޮތްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. އެފަދަ ކަމެއް ހިނގިކަން ނޭނގޭ ކަމަށެވެ. އެކަމަކު ޕީޖީ ޗުއްޓީއަށް ވަޑައިގަންނަވާ ހާލަތްތަކުގައި އޮފީސް ހިންގުން ހަވާލު ކުރައްވާނީ ޑެޕިއުޓީ ޕީޖީއާ ކަމަށްވާތީ މަސްލަހަތު ފުށުއެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ރައްދުގައި ނިހާޔަތު ވިދާޅުވީ ދައުލަތުން މުޅިން ވެސް ދައްކަނީ ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމެއްގެ ވާހަކަ ކަމަށެވެ. އަދި ޑެޕިއުޓީ ޕީޖީގެ މަގާމު އޭނާ އަދާ ކުރެއްވިއިރު އެ މަގާމުގައި މަހްމޫދު ސަލީމް ވެސް ހުންނެވި ކަމަށާއި އޭނާ އަދިވެސް މަގާމުގައި އެބަ ހުންނެވި ކަމަށް ނިހާޔަތު ވިދާޅުވި އެވެ. އޮފީހުގައި މަސައްކަތް ކުރުމަކީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް، މަސްލަހަތު ފުށުއަރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ބެންޗުން ވިދާޅުވީ އެކަމާ މެދު މާދަމާ ގޮތެއް ނިންމުމަށް ފަހު އަންގަވާނެ ކަމަށެވެ. އެ މައްސަލާގެ އަޑުއެހުމެއް މާދަމާ ވެސް އޮންނާނެ އެވެ.

ފަނޑިޔާރު ފާތިމަތު ފަރުހީޒާ ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.